އިންޑިއާގެ ފެޝަން ދާއިރާގެ އެންމެ ބޮޑު އެއް ހަފްލާ ކަމުގައިވާ ލެކްމޭ ފެޝަން ވީކް އެހެން ކޮންމެ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ވަނީ ވަރަށް ކުލަގަދަކޮށް ބާއްވައިފަ އެވެ. ބޮލީވުޑް ތަރިންގެ ފެނިލުމަކާ ނުލައެއް ލެކްމޭ ފެޝަން ވީކް ފުރިހަމައެއް ނުވާނެ އެވެ. މިދިޔަ މަހު 26 އިން 30ގެ ނިޔަލަށް ކުރިއަށްދިޔަ އިވެންޓުގައި އިންޑިއާގެ ފެޝަން ޑިޒައިނަރުންގެ އިތުރުން ބޮލީވުޑްގެ ތަރިން ވެސް ވިދާލި އެވެ.
ފެޝަން ޑިޒައިން ކައުންސިލް އޮފް އިންޑިއާ (އެފްޑީސީ) އާއި ލެކްމޭ ފެޝަން ވީކް ގުޅިގެން ގިނަ އަދަދެއްގެ، ޒަމާނީ ސްޓައިލްއަކަށް ފަރުމާކޮށްފައިވާ އިންޑިއާވަންތަ ޑިޒައިންތަކެއް ދައްކާލި އެވެ. އަދި އެ ކަލެކްޝަންތަކުގެ 'ޝޯ ސްޓޮޕާސް' އަށް ބޮލީވުޑްގެ ތަރިން ހިނގާލި އެވެ. އެގޮތުން ލެކްމޭގެ ބްރޭންޑު އެމްބެސެޑަރުކަން ކުރާ އެކްޓްރެސް އަނަންޔާ ޕާންޑޭ ފެޝަން ވީކް ފެށީ ޑިޒައިނާ އަނަމިކާ ހަންނާގެ ޝޯގަ އެވެ. އޭނާ ލައިގެން ހުރި ރިހި ކުލަ އާއި ނޫ ކުލައިގެ ހެދުމާ އެކު ރިހި ގަހަނާ އަޅާފައި ހުއްޓެވެ.
ވަރުގަދަ ޕްރިންޓްތަކާއި ލަތީފީ ސިލޫއެޓްތަކަށް މަޝްހޫރުވި ސަތިޔާ ޕޯލް ލޭބަލްގެ ސިގްނޭޗާ ސްޓައިލްގައި އާ ކަލެކްޝަނެއް ދައްކާލި އެވެ. އެކްޓްރެސް ކަރިސްމާ ކަޕޫރު ސަތިޔާ ޕޮލްގެ ޝޯ ނިންމާލީ ކަޅާއި ހުދު ކުލައިގެ ޕްރިންޓެޑް ސާރީއެއްގަ އެވެ.
ބަތަލާ ޝިލްޕާ ޝެޓީ ކުންދްރާ ޑިޒައިނަރު މުހައްމަދު މަޒްހަރުގެ ޝޯ ނިންމާލީ ކަޅާއި ހުދު ކުލައިގެ ޕްރިންޓް ސާރީއަކާއި ލަކުޑި ކޯސެޓެއް ލައިގެނެވެ.
މަލައިކާ އަރޯރާ ފެނުނީ ގްލެމް-އެތުލީޝާ ބްރޭންޑު ނަމްރިތާ ޖޯޝިޕުރާ ޝޯގައި ވިދާ ކަޅު ވަންސީއަކާ ގުޅުވާލައިފައި ހުރި ބޮމްބާއެއް ލައިގެނެވެ.
އެންމެ ފަހުގެ ބޮލީވުޑް ތަރިންގެ ތެރެއިން ޖާންވީ ކަޕޫރު، އިބްރާހިމް އަލީ ހާން އަދި އިޝާން ހައްތަރު ވެސް ފެނުނެވެ.
އެކަމަކު މި ފެޝަން ވީކްގައި އެންމެ ގިނައިން ވާހަކަ ދެކެވުނު ބޮލީވުޑް ތަރިއަކީ އާއްމުކޮށް ކެމެރާގެ ފަހަތުގައި މަސައްކަތް ކުރާ ފަންނާނެކެވެ. އިންޑިއާގެ ދުވަސްވީ ނަންމަޝްހޫރު ބްރޭންޑެއް ކަމަށްވާ ފަލްގުނީ ޝޭން ޕީކޮކްގެ ޝޯގައި ހިނގާލީ ޑައިރެކްޓަރު ކަރަން ޖޯހަރެވެ.
ލެކްމޭ ފެޝަން ވީކްގެ 25 ވަނަ އިވެންޓުގައި ވިދާލި ގިނަ ފެޝަން ކަލެކްޝަންތަކުގައި، ފާއިތުވި އަހަރުތަކުގައި ފެނުނު ލެހެނގާ އާއި ސާރީގެ ވައްތަރުތަކުގެ ބަދަލުގައި ގިނަ ޑިޒައިނަރުން ދައްކާލީ ޒަމާނީ، 'މިނިމަލް' އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް އުފައްދާފައި ހުރި އުފެއްދުންތަކެކެވެ.
އަނާމިކާ ހަންނާގެ 'ސިލްވާ ކޮލާ' ކަލެކްޝަނުގައި ދައްކާލީ ރިހި ގަހަނާއިން ޖަރީ ވެފައި ހުރި 'ޑީކޮންސްޓްރަކްޓަޑް ޓެއިލަރިން' އެވެ.
ރާހުލް މިޝްރާ އަކީ ހަމައެކަނި ބޮލީވުޑް ތަރިންނަށް ކަމުދާ ޑިޒައިނަރެއް ނޫނެވެ. އޭނާއަކީ ގިނަ އަދަދެއްގެ ހޮލީވުޑް ތަރިން ވެސް ރެޑް ކާޕެޓް ހަފްލާތަކަށް އިހްތިޔާރުކުރާ ޑިޒައިނާ ބްރޭންޑެކެވެ. ރާހުލް މިޝްރާގެ ކަލެކްޝަނުގައި ހިތްގައިމު އެމްބްރޮއިޑަރީ މަސައްކަތް ދައްކާލައި އިންޑިއާގެ ފުލޯކު ވާހަކަތަކުންނާއި މާމެލާމެލިން ހިޔާލު ހޯދައިގެން ތައްޔާރު ކޮށްފައިވާ ހެދުންތައް ދައްކާލި އެވެ.
ފެޝަން އަކީ ތިމާވެއްޓަށް ރައްކާތެރި އަދި ދެމެހެއްޓިނިވި އުސޫލަކުން ކުރިއަށްގެންދެވޭނެ ދާއިރާއަކަށްވެފައި ލެކްމޭ ފެޝަން ވީކްގައި މިދިޔަ އަހަރު ފެށި 'ސާކިއުލާ ޑިޒައިން ޗެލެންޖު' މި އަހަރު ވެސް ކުރިއަށްގެންދިޔަ އެވެ. މުބާރާތުގައި ވާދަކުރާ ޑިޒައިނަރުން ކުނި ބޭނުންކޮށްގެން ފެޝަން ކަލެކްޝަނެއް ތައްޔާރުކުރެ އެވެ. މި އަހަރުގެ މުބާރާތް ކާމިޔާބު ކުރި ބްރޭންޑު އާކައިވް ސިޓީގެ ކަލެކްޝަން 'ރީކްލެއިމް ދަ ސިޓީ'ގައި އެކި ވައްތަރުގެ 'ޓެކްސްޗާ' ހިމެނޭ ތަފާތު އަދި ޒަމާނީ ޑިޒައިންތަކެއް ހުށަހެޅި އެވެ.
އިންޑިއާގެ އެންމެ ބޮޑު ފެޝަން އިވެންޓުގައި ބޮލީވުޑް ތަރިން ވިދާލި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ