ރާއްޖޭގެ އިގްތިސޯދު އޮތީ ވަރުގަދަކޮށް ކަމަށާއި ރާއްޖޭގެ އިގްތިސޯދަކީ އޭޝިއާ ސަރަހައްދުގެ އެންމެ ވާދަވެރި އަދި އިންވެސްޓަރުންނަށް އެންމެ ބޮޑަށް ހުޅުވާލެވިފައިވާ މާކެޓު ކަމަށް ރައީސްގެ ހާއްސަ މުޝީރު، ކުރީގެ ރައީސް މުހައްވަދު ވަހީދު ހަސަން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމެރިކާގެ ނިއުޔޯކުގައި އޮތް މޯލްޑިވްސް ޓޫރިޒަމް އެންޑް އިންވެސްޓުމެންޓު ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ވަހީދު ވަނީ ރާއްޖޭގެ އިގްތިސޯދު %5ގައި މިއަހަރު ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ވެސް ލަފާކޮށްފައިވާކަން ފާހަގަކުރައްވައި ރާއްޖޭގައި އިންވެސްޓު ކުރުމަކީ އިންވެސްޓަރުންނަށް އޮތް ސްޓްރެޓެޖިކް ފުރުސަތެއްގެ ގޮތުގައި ބެލުމަށް އެދިވަޑައިގެންފަ އެވެ.
ތަފްސީލް - ވަހީދުގެ ވާހަކަފުޅުގައި، މީގެ ކުރިން އެކަހެރިކޮށް އޮތް ގައުމެއް ނަމަވެސް، ދުނިޔޭގެ އެންމެ ނަން ހިނގާ ފަތުރުވެރިންގެ މަންޒިލަށް ރާއްޖެ ބަދަލުވެފައިވާކަން ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އިގްތިސޯދަށް ސަރުކާރުން ގެންގުޅޭ ދުރު ރާސްތާގެ ޕްލޭނަށް އަލިއަޅުއްވާލައްވައި ވަހީދު ވަނީ އިގްތިސޯދު ވިލުންވެރިކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންތައް ވެސް ފާހަގަކުރައްވައިފަ އެވެ. އެގޮތުން:
2040 އަންނައިރު ރާއްޖެ އަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ޕްލޭނެއް ގެންގުޅޭ
އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިގްތިސޯދު ތަފާތު ކަންކަމަށް ފުޅާކޮށް، ވާދަވެރި އިގްތިސޯދަކަށް ހެދުމަށް މަސައްކަތް ކުރަމުން އެބަދޭ
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރު ގާއިމްކޮށް، ދެމެހެއްޓެނިވި އާބަން ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ
މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، މަސް އެކްސްޕޯޓު ކުރުމުގެ ވިޔަފާރި އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން ޕްލޭންކޮށްފައިވޭ
ވަހީދު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އަޅުވައި މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރަމުން އަންނަނީ ދިގު މުއްދަތުގެ އިގްތިސޯދީ ހަމަޖެހުން ކަށަވަރުކޮށް، އިންވެސްޓުކުރާ މީހުންނަށް ވެސް ފަހި މާހައުލެއް ގާއިމްވާނެ ގޮތަށް ކަމަށެވެ.
ފޯރަމްގެ ބައިވެރިންނަށް، ރާއްޖޭގައި އިންވެސްޓުކުރުމަށް ދައުވަތު ދެއްވަމުން ވަހީދު ވިދާޅުވީ ރާއްޖެއިން އިސްކަންދެނީ ރާއްޖޭގެ ސިޔާދަތު ކަށަވަރުކޮށް، މުސްތަގުބަލުގެ ޖީލުތައް ބާރުވެރިކުރުވާނެ ފަދަ އިގްތިސޯދެއް ބިނާކުރުމަށް ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދު ވަރުގަދަ؛ އޮތީ އިންވެސްޓަރުންނަށް ހުޅުވާލާފައި: ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ