ޗައިނާ-ސައުތު އޭޝިއާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނާޒިމް ޗައިނާއަށް

ނުވަވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯއާއި ހަވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ޗައިނާގެ ކުންމިންއަށް މިއަދު ފުރާވަޑައިގެންފިއެވެ. ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ޗައިނާގެ ކުންމިންގައެވެ. އެ އެކްސްޕޯއަކީ، ޗައިނާއާއި ދެކުނު އޭޝިއާގެ ގައުމުތަކުގެ ވިޔަފާރިއާއި އިގުތިސާދާ ގުޅޭ ގޮތުން ފުޅާކޮށް މަޝްވަރާކުރުމަށް ފަހިކޮށްދޭ ބައްދަލުވުމެކެވެ. މަޖިލިސް އިދާރާއިން ބުނި ގޮތުގައި މި ދަތުރުގައި، ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްއާއި ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ނާޒިމް ތަގުރީރުކުރައްވާނެއެވެ. https://x.com/mvpeoplesmajlis/status/1934926411397255424 ނާޒިމްގެ މި ދަތުރަކީ ޗައިނާއިން ހުރިހައި ޚަރަދެއް ދޭގޮތަށް ހަމަޖެހިފައިވާ ދަތުރެއް ކަމަށް މަޖިލިސް އިދާރާއިން ބުންޏެވެ. މި ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ