އެމްޑީޕީގެ ދަޅައިގައި ޖެހޭނެ ކަމަށް ގަބޫލުކުރުމަކީ ކުށް ހީއެއް: އުމަރު
އިދިކޮޅު އެމްޑީޕީން ދައްކަމުން ގެންދާ ދަޅަތަކުގައި އޭނާ ޖެހިވަޑައިގަންނަވާނެ ކަމަށް އެއްވެސް ފަރާތަކުން ގަބޫލުކުރުމަކީ ކުށް ހީއެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އުމަރު ކުރިން ހުންނެވި ޖޭޕީއާ ވަރަށް ކައިރިން މަސައްކަތްކުރި އަދާލަތު ޕާޓީން އެމްޑީޕީއާ އެކު ސަރުކާރަށް ދެކޮޅަށް ނުކުމެފައި ވަނިކޮށް، އުމަރު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދަޅަތަކުގައި ޖެހިވަޑައިގަންނަވާނެ ކަމަށް "އަޅުގަނޑުގެ އެއްވެސް ރަށްޓެއްސަކު" ގަބޫލުކުރުމަކީ ކުށްހީ އެކެވެ. އެ ކަމުގެ ހެއްކެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅު ހުުރިހާ ފަރާތްތަކަކުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއީދުކުރަން ނިންމުމުން، އެކަމާ އޭނާ ދެކޮޅު ހެއްދެވުމެވެ. "އަޅުގަނޑުގެ އެ ނިންމުން ރަނގަޅުކަން ފަހުން ވަނީ ސާބިތުވެފައި،" 2008 ގެ ރިޔާސީ އިންތިހާބު ނަޝީދު ކާމިޔާބުކުރައްވައި، ކޯލިޝަން ސަރުކާރެއް އެކުލަވާލެއްވިތާ މާ ގިނަ ދުވަހެއް ނުވެ، ޖޭޕީ އާއި އަދާލަތުން އެ ސަރުކާރުން ވަކިވި ވަކިވުމަށް އިޝާރާތް ކުރައްވައި އުމަރު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ. If my friends hope that I may jump into the bandwagon of MDP, they r mistaken. In 2008 when all jumped, I REFUSED. Later I was proved right. — Umar Naseer (@UmarNaseerPPM) March 24, 2015 އުމަރުގެ ޓުވީޓު މިނިސްޓަރު އުމަރު އެހެން ވިދާޅުވެފައި މިވަނީ، ސަރުކާރުގެ "އަނިޔާވެރިކަމާ ދެކޮޅަށް" މަސައްކަތް ކުރަން އުފައްދާފައިވާ ގުޅުމުން ރޭ ބޭއްވި ފުރަތަމަ ހިނގާލުމުގައި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ހިނގާލުމުގައި އިމްރާން ވިދާޅުވީ އުމަރުގެ ހުންނަނީ "[ރައީސް އަބްދުﷲ] ޔާމީންމެން ފަދަ ބޭފުޅުންގެ ހިނގާ ވައްތަރުގެ ލެޔެއް ނޫން" ކަމަށެވެ. އެހެންވެ އުމަރު ހުންނަވަން ވާނީ އިދިކޮޅު ފަރާތްތަކާ އެއް ސަފެއްގައި ކަމަށް އިމްރާން ވިދާޅުވި އެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި، މިހާރުގެ ރައީސް ޔާމީނާ ވާދަކުރެއްވި އުމަރު ސަރުކާރުގައި ބަހައްޓަވާފައި ހުންނަވަނީ، އިމްރާން ވިދާޅުވި ގޮތުގައި، އޭނާގެ އަބުރު ނަގާލައި ރައްޔިތުން ކުރާ ތާއީދާއި ލޯބި ދުއްވާލުމަށެވެ. "އާދެ، އުމަރު ނަސީރަށް ހަމަ ދަންނަވާލަން އެބައޮތް. އުމަރު ނަސީރޭ މަނިކުފާނު ތިތާ ތިބައިންދަވަނީ މަނިކުފާނުގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލާށޭ. މަނިކުފާނަށް ރައްޔިތުން ކުރާ ތާއީދު ނައްތާލާށޭ. މަނިކުފާނާ މެދުގައި އިހްތިރާމާއި ލޯބި ނަގާލާށޭ،" އިމްރާން ވިދާޅުވި އެވެ. "އުމަރު ނަސީރު އަޅުގަނޑުމެންނާ އެކު ހުންނާނެ ދުވަސް އަޅުގަނޑަށް ހީވަނީ ވަރަށް ކައިރިން އެބަ ފެނެއޭ." ރޭ ބޭއްވި ހިނގާލުން ފެށުމުގެ ކުރިން އިމްރާން ވާހަކަ ދައްކަވަނ: އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް އިމްރާން ވަނީ އުމަރަށް ގޮވާލައްވާފައި.-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އިމްރާން ވިދާޅުވީ ސަލާމަތީ ބާރުތައް ލައްވައި ސަރުކާރުން ރައްޔިތުންނަށް ކުރަން އުޅޭ އަނިޔާ އާއި ދޭން އުޅޭ ގެއްލުމާއި ގޯނާ އާއި ޖެއްސުން އެ ބާރުތަކުން ހުއްޓާލަންޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުގެ ސަފުތައް ހިމާޔަތްކޮށް، ގާނޫނު ނަގަހައްޓަން ބައިވެރިވުމަށް އިމްރާން ގޮވާލެއްވި އެވެ. "އަޅުގަނޑުމެން މިތިބީ އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް މި ސަރުކާރުން ކޮންމެ ގޮތަކަށް ކަންކުރަމުން ދިޔައަސް، އަޅުގަނޑުމެންގެ ފަރާތުން ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި ވަރަށް ސަމާލުކަމާއި ސާބިތުކަމާ އެކުގައޭ،" އޭނާ ވިދާޅުވި އެވެ. އެމްޑީޕީއާ ގުޅިވަޑައިނުގަންނަވާނެ ކަމަށް މިނިސްޓަރު އުމަރު އަނެއްކާ ވެސް ވިދާޅުވެފައި ވާއިރު، މިދިޔަ މަހުގެ ތެރޭގައި ޖޭޕީން އޭނާ ވަކިވެވަޑައިގަތީ ވެސް، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީއާ އެކު އެ ޕާޓީން މަސައްކަތްކުރަން ފެށުމުންނެވެ. އޭގެ ފަހުން، އޭނާ އަދި އެއްވެސް ޕާޓީއަކަށް ސޮއެއް ނުކުރައްވަ އެވެ. އެހެން ނަމަވެސް، ސަރުކާރު ކޯލިޝަނުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އުމަރު ވާހަކަދައްކަވާފައިވެ އެވެ. ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމުގެ އިތުރަށް، ސަރުކާރަށް ތާއީދުކުރައްވައި ވާހަކަދެއްކެވިއިރު، އެއީ ވެރިކަން ކުރާ ޕީޕީއެމުން އޭނާ ވަކިކުރި ފަހުން ފުރަތަމަ ފަހަރަށް އެ ޕާޓީގެ ހަރަކާތަކުން އޭނާ ފެނުނު ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ