ނޫސް ލިޔާ ކުދިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ދުވަހު ނޫސް ހަވީރު ހުއްޓާލަން ޖެހުނު މައްސަލަ ހިމަނާފައިވާތީ އަސްރުމާ ކުލައިގެ ކުދިން ވަރަށް ހިނިއައިސްގެން ތިބެ ޓީވީތަކަށް އަރައި އެއީ ސަރުކާރާއި ބެހޭ ކަމެއް ނޫނޭ ބަލަގަ އެއީ މުދަލުގެ މިލްކުވެރިކަމުގެ މައްސަލައެކޭ ކިޔާތީ އެބަ އިވެ އެވެ.
އެއީ ޝަރުއީ ކޯޓެއްގެ ހުކުމެކޭ އެ ހުކުމުގައިވެސް ނޫސް ހުއްޓައިލާކަށް އަމުރެއް ނުކުރެޔޭ އަމުރު ކުރީ މުދަލުގެ އެހެން ހައްގުވެރީން ބައިވެރިކޮށްގެން ނެރޭށޭ ވެސް އެބަކިޔައެވެ.
އަހުރެން ހިތަށް އަރައެވެ. މިވެރީންނަށް ހަވީރު ނޫސް އެނގެނީ ކިހައި ވަރަކަށް ބާވައެވެ. މާތްކަލާގެ ދުލެއް ދެއްވާފައި އޮތީމާ އެ ދޫ ހަލުވަ ހަލުވައިފައި ބަސްތައް ބޭރު ކުރާއިރު ތިމާމެންނަށް މިކިޔޭ އެއްޗެއް މޭރުންވޭ ބާވައެވެ.
އެހެންޏާ ފަހެ މި ކިޔަނީ ކޮން މުދަލެއްގެ ވާހަކަ ބާވައެވެ. ކާކުގެ މުދަލެއްގެ ވާހަކަ ބާވައެވެ. މީހަކަށް މުދާ ހައްގުވަނީ ކޮންކޮން ގޮތަކުން ބާވައެވެ.
ހަވީރު ނޫހުގެ ރަޖިސްޓްރީ އޮތީ ކާކަށްކަމީ އޮޅުން އަރާ ކަމެއް ނޫނެވެ. ހަވީރަށް ގެނެސްފައި ހުރި ތަކެއްޗަކީ ނުވަތަ ކުރެވިފައިވާ އިންވެސްޓްމަންޓްތަކަކީ ލޯނު ކަމާއި އެ ލޯނަށް ޖާމިނުވެގެން ލޯނު އަދާކުރަމުން އައީ ކާކުކަމީ އޮޅުން އަރާ ކަމެއް ނޫނެވެ.
ހަވީރު ހިންގަމުން އައީ ކާކު ކަމާއި ހަވީރުގެ ހުރިހާ ކަމަކަށް ޖާމިނުވެގެން އުޅުނީ ކާކުކަމީ އޮޅުން އަރާ ކަމެއް ނޫނެވެ. މިކަންކަމީ ކަރުދާހުން ވަރަށް ސާފުކޮށް ފެންނާން ހުރި ކަންކަމެވެ.
މިހެން މިކަން އޮއްވައި ބަޔަކު ނުކުމެ އޭ ބަލަގަ މަމެންނަކީވެސް ހިއްސާދާރުންނޭ ބުނީމާ އެބަޔަކު ހިއްސާދާރުންނަށް ވޭބާވައެވެ. ހަވީރޭ ކިޔައިފައި ބަޔަކު އުފައްދާހައި ތަކެއްޗަކާއި ކުރާހައި ކަމެއް ހަވީރު ނޫހާއި ގުޅުވޭނެ ހަމައެއް އުސޫލެއް އޮންނާނެ ބާވައެވެ.
ހަވީރު ފިންޏަށް ބުރު ޖެހުމާއި ކުޑަކުދީންގެ ހަވީރާއި މިހެންގޮސް ހަވީރު މިބަސް އަންނަ ހަމަ ކޮންމެ އެއްޗަކާއި ކަމަކަށް ހަވީރު ނޫސް ޒިންމާވާން ޖެހޭނެ ބާވައެވެ.
ބަޔަކަށް ހަވީރު ނޫހުގެ ހަތްދިހަ ފަހެއް އިންސައްތަ ހައްގުވާ ކަމަށް އެބަޔަކު ދައުވާ ކުރެއެވެ. އެހެންވިއްޔާ އެންމެ ރަގަޅެވެ. ތިޔަ ހަތްދިހަ ފަހެއް އިންސައްތަ ހައްގުވާއިރު ހަވީރު ނޫހަށް ގެނައި އެތައް މިލިޔަން ރުފިޔާއެއްގެ ކުލަ ޗާޕު މެޝިން ހަވީރުގެ އޮފީހަށް ވައްދަނިކޮށް ފޯކުލިފްޓުން ވެއްޓި އެ މެޝިން ކުދިކުދިވީމާ އެކަމާއި އުފާ ފާޅުކޮށް ޝުކުރުގެ ސަޖިދަ ޖެހީ ކީއްވެގެން ބާވައެވެ. އެއީ ހިއްސާދާރުން އުޅެން ޖެހޭ ގޮތް ބާވައެވެ.
ހަވީރަކީ ރާއްޖޭގެ މީޑިއާގެ ފައުންޑޭޝަނެވެ. އެ ފައުންޑޭޝަން އެކި ދުވަސްވަރު އެކި މީހުން އެކިގޮތަށް ބޭނުން ކުރަން މަސައްކަތް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރުވެސް ހިމެނެއެވެ. ހަވީރުގެ ޗެއަރމަން އަމިއްލަ ބޭނުމެއްގައި ދެ އަހަރެއްހާ ދުވަހު މެލޭޝިޔާގައި އުޅުއްވި ދުވަސްވަރު ވަޒީރުން ފެންވަރުގެ ބޭފުޅުން ހަވީރަށް ވަޑައިގެން ހަވީރު ނޫހުގެ ކޮންޓްރޯލް ނަންގަވަން އުޅުއްވިއެވެ.
އެކަން އެހެން ނުވީމާ ވާދައަށް އުފެދުނު ނޫސްތައް ވެސް އެބަހުއްޓެވެ. ހަވީރު ނޫސް އެއްވެސް ބައެއްގެ ސިޔާސީ ހަތިޔާރަކަށް ވިޔަ ނުދޭން ކުރެވޭ މަސައްކަތުގެ ނަތީޖާއެެއްގެ ގޮތުން އެ ނޫސް އުވައިލުމަށް ކުރިމަތި ކުރި ފިއްތުންތައްވެސް މަދެއް ނޫނެވެ. އެޗްއެފްއެމް ރޭޑިއޯއިން ވަތަން އެދޭގޮތަށް ދަމާހެ މިލަވަ އަންނާތީ އެ ލަވަ ދެން ޖަހައިފިއްޔާ ލައިސަންސް ބާތިލު ކުރާނެ ކަމުގެ އިންޒާރުވެސް މީގެ އަށެއްކަ އަހަރު ކުރީން އޮތީ ލިބިފައެވެ.
އެއީ އެދުވަސްވަރެވެ. މިހާރު މިކަން އޮތީ ކޮން ގޮތަކަށް ބާވައެވެ. ހަވީރަކީ މިހާރުވެސް މީޑިއާގެ އިސް އަޑެވެ. އެހެންވީމާ ހަވީރު ނޫސް އަތްދަށުލައި ތިމާމެންނަށް ސަނާކިޔާ އެއްޗަކަށް ހެދުމަށް އެދެވޭ އެދުމަކީ މިއަދުގެވެސް އެދުމެވެ.
އެކަން އެހެން ވާން ނެތީވިއްޔާ ޗާޕުމެޝީން ވެއްޓި ކުދިކުދިވި ދުވަހު ޝުކުރުގެ ސަޖިދަ ކުރި މީހުން މެދުވެރިކޮށް ޒާތްޒާތުގެ ޑްރާމާ ކުޅުވައި ހަވީރު ވުޖޫދުން ފުހެލުމަކީ ނުކޮށް ދޫކޮށްލާނެ ކަމެއް ނޫނެވެ.
މީޑިއާގައި މަސައްކަތްކުރާ ބައެއް މީހުންވެސް ވުޖޫދުން ގެއްލިގެންދާ ދުވަސްވަރެއްގައި މިކަން މިމަގުން ނުހިގާނެ ކަމަށް ހީކުރުމަކީވެސް މޮޔަ ކަމެކެވެ.
ދެން އޮތީ ޝަރުއީ ކޯޓުގެ އަމުރުތަކާއި ހުކުމްތަކުގެ ވާހަކައެވެ. އެކަމާއި ބެހޭ ގޮތުން އަހުރެން މާގިނަ ވާހަކަތަކެއް ނުދައްކާނަމެވެ. ދިރާސާކޮށް ބަލައިލީމާ އަމިއްލައަށް ވެސް ޖަވާބު ލިބޭނެއެވެ.
ކުރަން ޖެހޭހާ ވެސް ކަމަކީ ދުނިޔޭގެ ޖަމިއްޔާ ޖަމާއަތްތަކާއި ގައުމުތަކުން ދައްކާ ވާހަކަތަކާއި އަދި ޚުދު އަހަރެމެންގެ ގިނަ މީހުން ދައްކާ ވާހަކަތައް އަޑު އަހައިލުމެވެ.
"ހަވީރު" ނޫހުގެ މިލްކުވެރިކަމާ މެދު ބަހެއް ދޮޅު ބަހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ