ކައުންސިލު އިންތިޚާބުގައި ނަޝީދާ ގުޅުމެއްނެތް، ގިނައިން ވޯޓުދިނީ ޔާމީންގެ ސަޕޯޓަރުން: ޒަރިޔަންދު
ނިމިދިޔަ ލޯކަލް ކައުންސިލު އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ކައުންސިލު އިންތިޚާބުގައި އޭނާއަށް އެންމެ ގިނައިން ވޯޓުދިނީ ކުރީގެ ރައީސް ޢަބްދުالله ޔާމީނަށް ތާއީދުކުރާ ސަޕޯޓަރުން ކަމަށް، ޔާމީންގެ ތާއީދާއެކު މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާޢީލް ޒަރިޔަންދު އިއްޔެ ވިދާޅުވެއްޖެއެވެ. ކައުންސިލު އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު، މިދިޔަ ޖަނަވަރީ މަހުގެ 16ވަނަ ދުވަހު އެމްޑީޕީން ބޭއްވި ޕްރައިމަރީއަށްފަހު، ބައެއް މެންބަރުން ތުހުމަތުކުރެއްވި ގޮތުގައި، ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މެންބަރުން ގެންދިޔައީ ޒަރިޔަންދަށް ތާއީދު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އޭރުވެސް ނަޝީދު ގެންދެވީ އެމްޑީޕީގެ މެންބަރުންނަށް ކެމްޕެއިންކޮށްދެއްވަމުންނެވެ. އެގޮތުން ބައެއް ރަށްރަށަށް ވަޑައިގެން، އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދައިދެއްވަން މަސައްކަތްކުރެއްވިއެވެ. މިކަމާ ގުޅިގެން ނަޝީދާއެކު އެމްޑީޕީގައި އަދި ދަ ޑިމޮކްރެޓްސްގައި ވެސް މަސައްކަތްކުރެއްވި ޒަރިޔަންދު ކުރެއްވި ޕޯސްޓެއްގައިވަނީ، އޭނާއަށް ވޯޓުދޭ ކަމަށް ކުރިން ބުނި އެމްޑީޕީގެ އެތައް އާއިލާއަކަށް ނަޝީދު ގުޅުއްވައި އެމްޑީޕީއަށް ވޯޓުދިނުމަށް އެދިވަޑައިގެންނެވި ކަމަށް، ގިނަ އާއިލާތަކުން އޭނާ ގާތު ބުނި ކަމަށެވެ. https://x.com/zariyand/status/2041436106944840085 "...އެމްޑީޕީ ފިޔަވައި އެހެންފަރާތަކަށް ސަޕޯޓުނުކުރެވޭނެ ކަމަށް އަޅުގަނޑު ގާތު [ނަޝީދު] ވިދާޅުވެފައިވުމުން، މި ކެމްޕެއިންގައި އަޅުގަނޑާއި އެމަނިކުފާނާ އެއްވެސް ގުޅުމެއް ނުވާނެއެވެ،" ޒަރިޔަންދުގެ ޕޯސްޓުގައިވެއެވެ. ހަމަ އެހެންމެ، އެމްޑީޕީނޫން އެހެން ފަރާތަކަށް މި އިންތިޚާބުގައި ތާއީދުނުކުރެވޭނެ ކަމަށް ޚުދު ނަޝީދު ވިދާޅުވި ކަމަށް، ޒަރިޔަންދު ލިޔުއްވައިފައިވެއެވެ. މާލޭ މޭޔަރުކަމަށް ޕީއެންއެފްގެ ފަރާތުން ވާދަކުރެއްވި ޒަރިޔަންދު، ކުރީގެ ރައީސް ޔާމީނާއެކު -- ސަން ފޮޓޯ: މުޙައްމަދު އަފްވާން "ވޯޓުގެ ރިވިޔުއިން ފާހަގަވަނީ އަޅުގަނޑަށް ވޯޓުދެއްވި ބޭފުޅުންގެ ގާތްގަނޑަކަށް 83 އިންސައްތައަކީ ރައީސް ޔާމީންގެ ސަޕޯޓަރުންކަމާއި، 10 އިންސައްތައަކީ ކެމްޕޭންގެ ހުށަހެޅުމަށް ލިބުނު ވޯޓު ކަމާއި، ފަސް އިންސައްތައަކީ އާއިލާ އާއި ދަންނަ ރައްޓެހިންކަމެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ޕްލެޖުކޮށް ވޯޓުދެއްވީ އެންމެ ދެ އިންސައްތަކަމެވެ،" ޒަރިޔަންދުގެ ޕޯސްޓުގައިވެއެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލު އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި ފަސް ކެނޑިޑޭޓުންގެ ތެރެއިން ތިންވަނަ ލިބެނީ ޒަރިޔަންދަށެވެ. އެގޮތުން، ޒަރިޔަންދަށް 6،302 މީހުން ވޯޓުދިން އިރު، އެއީ 6،302 މީހުންނެވެ. އިންތިޚާބު ކާމިޔާބުކުރެއްވި މިހާރުގެ މޭޔަރު އާދަމް ޢާޒިމަށް 13،906 ވޯޓު ލިބުނުއިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ 9،380 ވޯޓާއެކު، ޕީއެންސީގެ ފަރާތުން ވާދަކުރެއްވި މޫސާ ޢަލީ ޖަލީލަށެވެ. އިންތިޚާބަށްފަހު، ޒަރިޔަންދު ވަނީ ޔާމީންގެ ޕީއެންއެފަށް ސޮއިކުރައްވައިފައެވެ. އެކަން ޕީއެންއެފުން ހާމަކުރީ މިދިޔަ ހޯމަ ދުވަހުގެރޭ އެ ޕާޓީން ބޭއްވި ޓައުންހޯލް ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ