ކުދި އަދި މެދު ފަންތީގެ ފިޔަފާރިތަކުން ބިދޭސީން ގެނައުމުގެ ކޯޓާއަށް ދިން ލުޔާއެކު، 30،000އަށްވުރެ ގިނަ ވިޔަފާރިއަށް ކޯޓާ ފީގެ ލުއި ލިބޭނެކަމަށް، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ކޯޓާފީ، 20 ކޯޓާ އާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނައީ މިމަހުގެ 1ވަނަ ދުވަހުއެވެ.
މި އިސްލާހުގައިވާ ގޮތަށް މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މިލުއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބޭނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
މި ބަދަލަކީ މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއިއެކު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށާއި، ރާއްޖޭގެ ކުދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅުތައް ތަންފީޒު ކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ގެނެވިފައިވާ ބަދަލެކެވެ.
ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީއެއްގެ ގޮތުގައި ކޯޓާއަކަށް އަހަރަކަށް 2000 ރުފިޔާ ދައްކަންޖެހެއެވެ. މި ގެނެވުނު ބަދަލާއެކު ގާތްގަނޑަކަށް 30 ހާހަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށް މި ލުއި ލިބިގެންދާނެއެވެ.
ނަމަވެސް އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ނަހަމަގޮތުގައި މި ލުއީގެ ބޭނުން ހިފިޔަ ނުދިނުމަށްޓަކައި، އެއްހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއް ނުވަތަ ޕަރޓްނަރުން ހިމެނިގެން ހިންގާ ވިޔަފާރިތަކަށް މިލުއި ތަކުރާރު ނުވާނެ ގޮތަށްވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. އަދި މިބަދަލު ގެނައުމުން، މިކަމުގައި ވަޒީފާ ދޭ ފަރާތުން ކަން ކުރަންޖެހޭ ގޮތްތައް އަންގައިދޭ ޔޫސަރ ގައިޑްލައިންތައް އެކްސްޕެޓް ސިސްޓަމްގައި ޝާއިއު ކުރާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ދެ އަހަރު ތެރޭ ނިޒާމީ ގޮތެއްގައި މިހާރު ހުރި މައްސަލަތަކަށް އެދެވޭ ހައްލެއް ގެނެސް، ރާއްޖޭގެ އިޤްތިޞާދުގައި މި ވިޔަފާރިތައް އަދާކުރާ ދައުރު ފުޅާކުރުމަށް ކަމާގުޅުންހުރި ވުޒާރާތަކާއި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެކަން ބެލެހެއްޓުމަށް ހަރުދަނާ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ.
ބިދޭސީންގެ ކޯޓާ ފީއަށް ދިން ލުޔާއެކު 30،000އަށްވުރެ ގިނަ ވިޔަފާރިއަށް ފައިދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ