އަބަދު އެއް މޫނުތަކެއް ތިބެގެން އެއް ވިސްނުމެއްގައި އެމްޑީޕީ ހިންގުމުގެ ބަދަލުގައި ޒުވާން އާ ޖީލަކަށް އެމްޑީޕީގެ ލީޑާޝިޕުން ފުރުސަތު ދޭން ޖެހޭ ކަމަށް، އެ ޕާޓީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ކައުންސިލް އިންތިހާބުގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެގެން އެ މަގާމަށް ކުރިމަތިލައްވާނެކަން އިއުލާންކުރެއްވި މީކާއީލް މިއަދު ވަނީ އޭނާގެ ކެމްޕެއިންގެ ފުރަތަމަ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލައްވައިފަ އެވެ.
ބުނީ ކީކޭ؟ - މީކާއީލްގެ ވާހަކަ ފައްޓަވަނީ އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރަންޖެހޭކަން ފާހަގަކުރައްވަމުންނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، އެކަން ކުރެވޭނީ، ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދައި ޕާޓީގެ ސަފުތައް ބަދަހިކޮށްގެންނެވެ.
އެކަން ކުރުމަށް ވަކި ލީޑަރެއްގެ މަސްލަހަތަށް ވުރެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތު އިސްކޮށްގެން ހަމަހަމަކަމާ އެކު މަސައްކަތްކުރާނެ ޗެއާޕާސަނެއް ބޭނުންވާ ކަމަށް މީކާއީލް ވިދާޅުވި އެވެ.
"އެކަން ކުރެވޭނީ ވަކިވަކި ލީޑަރުންނާއި ވަކިވަކި ފަރުދުންގެ މަސްލަހަތަށް ވުރެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތު އިސްކޮށްދޭނެ ފަރާތެއް ޕާޓީގެ ހުންގާނާ ހަވާލުވެގެން. މޫނަކަށް، ކަނދުރާއަކަށް ނުބަލައި ހަމަހަމަކަމާ އެކު ޕާޓީ ހިންގަދޭނެ ފަރާތެއް ޕާޓީއާ ހަވާލުވެގެން،" މީގެ ކުރިން އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސްކަން ވެސް ކުރައްވާފައިވާ މީކާއީލް ވިދާޅުވި އެވެ.
"އަބަދު އެއް މޫނުތަކެއް، އެއް ފިކުރެއް، އެއް ވިސްނުމެއްގައި ޕާޓީ ހިންގުމުގެ ބަދަލުގައި އާާ ޒުވާން ލީޑާޝިޕުން ފުރުސަތު ދީގެން."
ރައްޔިތުންގެ މަޖިލީހުގައި ދެވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ މީކާއީލް ވިދާޅުވީ އޭނާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނުކުންނަވަނީ 16 އަހަރުގެ ސިޔާސީ މަސައްކަތުގެ ތަޖުރިބާއާ އެކީގަ އެވެ.
ފާހަގަކޮށްލެވޭ - މީކާއީލް މި ވީޑިއޯ ދޫކޮށްލެއްވީ، މި ނިމުނު ކައުންސިލް އިންތިހާބުން އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވަނިކޮށް ޕާޓީގެ އެތެރޭގައި ފެކްޝަންތަކުގެ ކޯޅުން އަނެއްކާވެސް ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން:
މައްސަލަ ހޫނުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ކާމިޔާބީ ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަން ފުރުސަތު ދޭން އެދިފައި ވަނިކޮށް އެކަން ހަމަނުޖެއްސުމުން
ނަޝީދާއި އެންމެ ފަހުން އެމްޑީޕީގެ ދާއިމީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލްގެ ފެކްޝަނުން ޖަލްސާ ބޮއިކޮޓްކުރި
އެމްޑީޕީގެ ލީގަލް ޑިރެކްޓަރުކަމުން އަހުމަދު މައުރޫފު ވަކިކޮށް، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން ކަމުން އިބްރާހީމް ވަހީދު (އިބްރޭ) ވަކިކޮށް، އެ ދެ ބޭފުޅުންނަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުއްގަފޫރު މޫސާ ސޮއިކުރައްވައި އިއްޔެ ލިއުން ފޮނުއްވި
ނަޝީދާއި ފައްޔާޒުގެ ފެކްޝަނުން މިހާރު ގެންދަނީ ގަފޫރު ވަކިކުރުމުގެ މައްސަލަ ގައުމީ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން؛ ގަފޫރުގެ ދިފާއުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުގެ ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދައްކަވަމުން
އަބަދު އެއް މޫނުތަކެއްގެ ބަދަލުގައި އާ ޖީލަކަށް އެމްޑީޕީ ހިންގަން ދޭން ޖެހޭ: މީކާއީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ