ހަނގުރާމަ ހުއްޓުވަން ޕާކިސްތާނަށް މުހިއްމު ދައުރެއް އަދާކުރެވުނީ ކީއްވެ؟

އީރާނާއި އެމެރިކާއާ ދެމެދު ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލިކަން އިޢުލާން ކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ޕާކިސްތާނުގެ ފަރާތުން އުންމީދީ ބައެއް ނިޝާންތައް ފެންނަން ހުއްޓެވެ.
ނަން ހާމަނުކުރުމަށް އެދި ބީބީސީއަށް މަޢުލޫމާތު ދެމުން ޕާކިސްތާނުގެ މަސްދަރަކުން ބުނި ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު ޕާކިސްތާނުން އަދާކުރަމުންދާއިރު، މަޝްވަރާތައް ދިޔައީ "ބާރު ސްޕީޑެއްގައި" ކުރިއަށެވެ.
ޕާކިސްތާނުގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވީ "ވަރަށް މަދު އަދަދެއްގެ އިސްވެރިން" ކަމަށާއި، މަޝްވަރާތަކުގެ މާހައުލު އޮތީ "ސީރިއަސް އަދި ހިތާމަވެރިކޮށް ނަމަވެސް، ހަމަނުޖެހުންތައް ހުއްޓުމަކަށް އަންނާނެ ކަމުގެ އުންމީދުގައި" ކަމަށް އެ މަސްދަރުން ބުންޏެވެ. އަދި "ބާކީ އޮތީ މަދު ގަޑިއިރުކޮޅެއް" ކަމަށްވެސް ބުންޏެވެ. އެ މަސްދަރުން ބުނި ގޮތުގައި އޭނާއަކީ އެ މަދު މީހުންގެ ތެރޭގައި ހިމެނޭ މީހެއް ނޫނެވެ.
ވޭތުވެދިޔަ މަދު ހަފުތާތަކުގެ ތެރޭގައި ޕާކިސްތާނުން ވަނީ އެމެރިކާއާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކޮށް، ދެ ގައުމުގެ ދެމެދުގައި މެސެޖުތައް ބަދަލުކޮށްފައެވެ. ޕާކިސްތާނަކީ އީރާނާއެކު ތާރީޚީ ގުޅުމެއް އޮތް، ބޯޑަރު ހިއްސާކުރާ އަދި އެ ގައުމާއެކު އޮތީ "އަޚުވަންތަ" ގުޅުމެއް ކަމަށް ތަކުރާރުކޮށް ބުނަމުންދާ ގައުމެކެވެ.
އެމެރިކާއާއެކު އޮތް ގުޅުމަށް ބަލާއިރު، ރައީސް ޓްރަމްޕް ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރަކީ އެމަނިކުފާނުގެ "އެންމެ ކަމުދާ" ފީލްޑް މާޝަލް ކަމަށް ސިފަކުރައްވައި، އޭނާއަކީ އީރާނުގެ ކަންކަން "ގިނަ މީހުންނަށްވުރެ ބޮޑަށް" ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.
އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އޭރު ނެތެވެ. އަންގާރަ ދުވަހުގެ ރޭ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްޙާޤް ދާރު ވިދާޅުވީ، "އިއްޔެއާ ހަމައަށްވެސް ކަންކަން ދަނީ ރަނގަޅު މިސްރާބަކަށް ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވުނު" ކަމަށެވެ. ނަމަވެސް ހޯމަ ދުވަހު އިސްރާއީލުން އީރާނަށް ހަމަލާދީ، އީރާނުން ސައުދީ އަރަބިއްޔާއަށް ހަމަލާދިނުމުން ކަންކަން ބަދަލުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާނުން "ދިޔައީ ވީހާވެސް ބޮޑަކަށް ކަންކަން މެނޭޖްކުރަން މަސައްކަތް ކުރަމުންނެވެ."
ފީލްޑް މާޝަލް މުނީރުގެ ފާޑުކިޔުންތައް މިއަށްވުރެ މާ ބޮޑެވެ. އަންގާރަ ދުވަހު އަސްކަރީ އޮފިޝަލުންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ސައުދީ އަރަބިއްޔާއަށް ދިން ހަމަލާއަކީ "ސުލްހަވެރި މަގުން މައްސަލަ ހައްލުކުރުމަށް ކުރަމުންދާ އިޚުލާޞްތެރި މަސައްކަތްތަކަށް އެޅުނު ހުރަހެއް" ކަމަށެވެ.
މިއީ ހަމަނުޖެހުންތައް ފެށުނު ފަހުން ޕާކިސްތާނުން އީރާނާ މެދު ބޭނުންކުރި އެންމެ ހަރުކަށި ބަހުރުވައެވެ.
ބައެއް މުހައްލިލުން ލަފާކުރާ ގޮތުގައި މީގެ ސަބަބުން އީރާނަށް އޮތް ފިއްތުންތައް އިތުރުވެގެންދާނެއެވެ. ސައުދީ އަރަބިއްޔާއަށް ތަކުރާރުކޮށް ހަމަލާތައް އަމާޒުވަމުން ދިޔަ ނަމަވެސް، ޕާކިސްތާނުން ސައުދީއާއެކު އޮތް ދިފާއީ އެއްބަސްވުމުގެ ބޭނުން މިހާތަނަށް ހިފާފައެއް ނުވެއެވެ.
ޕާކިސްތާނުގެ ގަޑިން މެންދަންވި ފަހުން، އެ ގައުމުގެ ބޮޑުވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ޚާރިޖީ މަސައްކަތްތައް ވަރަށް ސާބިތުކަމާއެކު ކުރިއަށްދާ ކަމަށާއި، މާލަސްތަކެއް ނުވެ އޭގެ ނަތީޖާ ފެންނާނެ ކަމަށެވެ." އަދި އެއްބަސްވުމަކަށް އައުމުގެ މުހުލަތު ދެ ހަފުތާއަށް އިތުރުކޮށްދިނުމަށް ރައީސް ޓްރަމްޕްގެ ކިބައިން އެދިވަޑައިގެން، އެ މުއްދަތަށް ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް ގޮވާލެއްވިއެވެ.
ޕާކިސްތާނުގައި ހުންނަވާ އީރާނުގެ ސަފީރު ރިޒާ އަމީރީ މޮގައްދަމް، އެ ގައުމުގެ ގަޑިން ފަތިހު 03:00 ހާއިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ނާޒުކު އަދި ނުރައްކާތެރި މަރުހަލާއިން ކުރިއަށް ފިޔަވަޅެއް އެޅިއްޖެ" ކަމަށެވެ.
ފަތިހު 05:00 ޖަހަން އުޅެނިކޮށް، ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވިފައިވާކަން އިޢުލާން ކުރައްވައި، "ދާއިމީ އެއްބަސްވުމަކަށް މަޝްވަރާ ކުރުމަށް" އޭޕްރިލް 10 ވާ ހުކުރު ދުވަހު އިސްލާމްއާބާދުގައި ބައްދަލުކުރުމަށް ދެ ފަރާތަށް ދަޢުވަތު އަރުވާފައެވެ.
"އަދިވެސް އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ސަމާލުވެގެން،" ޕާކިސްތާނުގެ މަސްދަރުން ބީބީސީއަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި މަސްރަޙު އަދިވެސް އޮތީ ވަރަށް ނާޒުކުކޮށެވެ. ދެ ފަރާތުގެ މެދުގައި އަދިވެސް އިތުބާރެއް ނެތްއިރު، ދެ ގައުމުންވެސް ތިބީ އެ ގައުމުތަކުގެ ސިޔާސަތުތަކުގައި ވަރަށް ބޮޑަށް ހިފަހައްޓައިގެންނެވެ. ޕާކިސްތާނުން އެ ދެ ފަރާތް އެއް މޭޒެއްގެ ދޮށަށް ގެނައި ކަމުގައި ވިޔަސް، އުފެދޭ ސުވާލަކީ އެއްބަސްވެވޭނެ ކަންތައްތަކަކީ ކޮބައިތޯއެވެ.
ޕާކިސްތާނަކީ މީގެކުރިން ވެސް ހާރިޖީ ދާއިރާގައި ބޮޑެތި މަސައްކަތްތައްކޮށް ކާމިޔާބީއާއި ހަމައަށް ވާސިލްވެފައިވާ ގައުމެކެވެ. މިފަހަރު ހަނގުރާމަ ވަރުގަދަވިއިރު މީގެ ކުރިން އީރާނާއި ހުޅަނގާއި ދެމެދު މެދުވެރިންގެ ދައުރު އަދާކުރަމުން އައި ގައުމުތަކާއި އީރާނާއި ދެމެދު އިތުބާރު ކުޑަވެގެން ދިޔަ ދަނޑިވަޅުގައި، އެމެރިކާއާއި އީރާނާއި ދެމެދު އޮތް ގުޅުން ދެމެހެއްޓުމުގެ ގާބިލުކަން ޕާކިސްތާނަށް ލިބިފައިވުމުން، އެ ގައުމު ވެގެންދިޔައީ ސިއްރު މުއާމަލާތްތައް ހިންގުމަށް އެންމެ އެކަށީގެންވާ މަގަށެވެ. 1972 ވަނަ އަހަރު އެމެރިކާ އާއި ޗައިނާގެ ތާރީޚީ ގުޅުން ގާއިމުކުރުމަށް މަގުފަހިކޮށްދިނުމާއި، 2020 ވަނަ އަހަރު އަފްޣާން ތާލިބާނުންނާއެކު ދޯހާ އެއްބަސްވުން ގާއިމުކުރުމުގައި ޕާކިސްތާނުން ވަނީ ނާޒުކު އަދި ސިއްރު ޚާރިޖީ މުއާމަލާތްތައް ކާމިޔާބުކަމާއެކު ހިންގާފައިވާކަން ސާބިތުކޮށްދީފައެވެ.
ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ޕާކިސްތާނުން މިކަމުގެ ތެރެއަށް އަވަސްވެގަތް މައިގަނޑު ސަބަބަކީ، 2025 ވަނަ އަހަރު ސައުދީ އަރަބިއްޔާއާއެކު ވެފައިވާ ދިފާއީ އެއްބަސްވުމުގެ ދަށުން، މި ހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި ވަންނަން ޖެހިދާނެތީ އެކަމުން ސަލާމަތްވުމެވެ. އީރާނުން ސައުދީގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭން ފެށުމާއެކު، އަވަށްޓެރި ގައުމަކާ ދެކޮޅަށް ހަނގުރާމައަށް ނުކުންނަން ޖެހިދާނެ ފަދަ ދިފާއީ ޒިންމާތަކުން ބަރީއަވުމަށްޓަކައި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަކީ ޕާކިސްތާނަށް ކޮންމެހެން ބޭނުންތެރި ކަމަކަށް ވިއެވެ. މީގެ އިތުރުން، މި ހަމަނުޖެހުމުގެ ސަބަބުން ޕާކިސްތާނުގެ އެތެރޭގެ ހަމަޖެހުން ގެއްލި، ރައްޔިތުންގެ ނުރުހުން އިންތިހާއަށް އިތުރުވެ (އެމެރިކާގެ ކޮންސިއުލޭޓަކަށް ވަދެގަތުން ފަދަ ހާދިސާތައް ހިނގައި) އަދި ގައުމުގެ ބަލިކަށި އިގްތިސާދު ބަރޯސާވާ ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު އޮތެވެ.
މި ނާޒުކު ދަނޑިވަޅުގައި، ހަނގުރާމައިގެ ވާދަވެރިންގެ މެދުގައި އޮތް ހަމައެކަނި އިތުބާރު ހުރި މުއާމަލާތުގެ ވަސީލަތަކަށް ޕާކިސްތާން ވެގެންދިޔައެވެ. ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ހިމެނޭ ގޮތަށް، އެ ގައުމުގެ އިސްވެރިން ވަނީ އެމެރިކާ އާއި އީރާނުގެ ލީޑަޝިޕާ ސީދާ ގޮތެއްގައި ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. އެމެރިކާގެ ސުލްހައިގެ ހުށަހެޅުންތަކާއި އީރާންގެ ރައްދު ހުށަހެޅުންތައް ބަދަލުކުރުމަށް މަގުފަހިކޮށްދީ، "އިސްލާމްއާބާދު އެކޯޑް" ގެ ނަމުން ނަންދެވުނު ވަގުތީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ޕާކިސްތާނުން ކާމިޔާބުކަމާއެކު ގާއިމުކުރިއެވެ. މީގެ ސަބަބުން ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވި، ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު މިވަގުތައް މިވަނީ ފިނިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ