100 މެންބަރުން ސޮއިކުރިއަސް އިސްތިއުފާއެއް ނުދޭނަން: އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ގަފޫރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ އަދަދަށް ސޮއިކުރި ނަމަވެސް އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނުފެންނާތީ އިސްތިއުފާ ނުދެއްވާނެ ކަމަށް އެ ޕާޓީ މި ވަގުތަށް ހިންގެވުމާ ހަވާލުވެ ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މީގެ ގަޑިއިރެއް ވަރު ކުރިން ގައުމީ މަޖިލީހުގެ 123 މެންބަރުންގެ ތެރެއިން 55 މެންބަރުން ސޮއިކޮށް، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ގަފޫރު ވަކިކުރުމުގެ ވޯޓަށް އަހަން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި ވަނީ ހުށަހަޅައިފަ އެވެ.
ގަފޫރު ވަކިކުރުމުގެ މަސައްކަތް ކުރަން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލްގެ ފެކްޝަނުންނެވެ. މި މައްސަލަ ހުށަހަޅަނީ:
ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވާ ގޮތަށް އެޖެންޑާގައި ނުހިމަނައިގެން މައްސަލަ ހޫނުވެފައި ވަނިކޮށް
އަދި އޭގެ ފަހުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައޫރުފު ވަކިކޮށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުން އިބްރާހީމް ވަހީދު (އިބްރޭ) ވަކިކޮށްފައިވަނިކޮށް؛ ވަކިކުރިކަމުގެ ލިޔުމުގައި ސަބަބު ބަޔާންކޮށްފައެއް ނުވޭ
ތަފްސީލް - އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިހާ ގިނަ އަދަދެއްގެ މެންބަރުން ސޮއިކޮށް ގަފޫރު ވަކިކުރަން ހުށަހެޅުމުން މަގާމުގައި އަދިވެސް ހުންނަވާނެތޯ 'ދައުރު'ން ސުވާލުކުރުމުން އޭނާ ވިދާޅުވީ އިސްތިއުފާ ދޭން ޖެހޭ ވަރު ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ.
މައުރޫފާއި އިބްރާހީމް ވަހީދުގެ މަގާމަކީ ޗެއާޕާސަން ކަނޑައަޅާ މަގާމުތަކެއް ކަމަށާއި އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރައްވަން ނިންމެވީ ޕާޓީ ހިންގެވުމަށް އޭނާއަށް އެއްބާރުލުން ނުދޭތީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެއްބާރުލުން ނުދޭތީވެ އަޅުގަނޑު އެ މީހުން ބަހައްޓައިގެން ކުރިއަށްނުދާން ފެނުނީ. އަސާސީ ގަވާއިދުގެ ތެރެއިން އެކަން ކުރީ،" ގަފޫރު ވިދާޅުވި އެވެ.
ގަފޫރު އެހެން ވިދާޅުވި ނަމަވެސް ޕާޓީގެ އާ ގަވާއިދަށް އަމަލުކުރަން ފަށާއިރު އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ދައުރު ނިމެންދެން ތިބޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އިބްރާހީމް ވަހީދު އެ މަގާމަށް އިންތިހާބުކުރަނީ ޕާޓީގެ ކޮންގްރެސްއިންނެވެ. އެހެންވެގެން އޭނާ މަގާމުން ވަކިނުކުރެވޭނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ގަބޫލުކުރައްވަ އެވެ.
ގައުމީ މަޖިލީހަށް މައްސަލަ ހުށަހެޅީ ވެސް މެޖޯރިޓީ މެންބަރުން ސޮއިކޮށްގެން ނޫން ކަމަށް ވާތީ އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއަށްވުރެ މާ ގިނައިން ސޮއިކޮށް ހުށަހެޅިއަސް އިސްތިއުފާ ނުދެއްވާނެ ކަމަށް ގަފޫރު ވިދާޅުވި އެވެ.
"100 މެންބަރުން ސޮއިކުރިއަސް އަޅުގަނޑު އިސްތިއުފާދޭކަށް ނުޖެހޭ. އިސްތިއުފާ ނުދޭނަން. ވޯޓުން ވަކިކުރަންވީ. ވޯޓުން، ގައުމީ މަޖިލީހުގައި ފާސްކުރީމައި އަޅުގަނޑު އިސްތިއުފާ ދޭން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ