ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫޢުތަކަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު 15 އިންސައްތައިން ކުޑަކޮށްފިއެވެ.
ބީއެމްއެލްއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މީގެ ކުރިން ބީއެމްއެލް ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިން ނުވަތަ ގެދޮރު އެޅުމަށް ނަގާ ލޯނަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދަކީ، ލޯނުގެ ޖުމްލަ އަދަދުގެ 20 އިންސައްތަ ކަމަށެވެ. ނަމަވެސް މިއަދަދު 15 އިންސައްތައިން ކުޑަކޮށް 5 އިންސައްތައަށް ބަދަލު ކުރުމުން، ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާ ކަމަށެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަޤުސަދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ފައިނޭންސިންގ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޤައުމީ ބޭންކުގެ ހައިސިއްޔަތުން، ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ޙައްލު ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރުމަކީ ބީއެމްއެލްއިން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އަދި އިކުއިޓީ 5 އިންސައްތައަށް ކުޑަކުރުމާއެކު، ގެދޮރު އިމާރާތް ކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް ނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރާތް ކުރުމަށް ފުރުޞަތު ފަހިވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިކަމުގެ މިސާލު ދައްކަވަމުން ޝަރީފް ވިދާޅުވީ، 2 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެ ގޮތުގައި 400,000 ރުފިޔާ ބޭނުންވީ ނަމަވެސް، މިހާރު އެންމެ 100,000 ރުފިޔާއާއެކު އެ ފައިނޭންސިން ހަމަޖެހޭނެ ކަމަށެވެ. މިއީ، ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ތިން މިލިއަން ރުފިޔާ އަށްވުރެ ބޮޑު ހައުސިންގ މަޝްރޫޢުތަކަށް ލޯނު ނުވަތަ ފައިނޭންސިންގ ދޫކުރާނީ، ކުރިއެކޭ އެއްގޮތަށް މަދުވެގެން 20 އިންސައްތަ އިކުއިޓީއަކާ އެކުގައެވެ. މި ފައިނޭންސިންއަކީ، 9 އިންސައްތައިގައި ދޫކުރާ ފައިނޭންސިން އަށްވާއިރު، ބީއެމްއެލްއަކީ މިހާރުވެސް ގެދޮރުު ގަތުމަށް ރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ ބޭންކެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ތެރޭގައި ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީވެސް ބޭންކުން 5 އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުތައް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
ބީއެމްއެލްއިން ގެދޮރު އެޅުމަށް ދޫކުރާ ލޯނުގެ އިކުއިޓީ %5އަށް ކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ