ގެ ހަދަން ދޫކުރާ ބީއެމްއެލްގެ ލޯނަށް އަތުން ދައްކަންޖެހޭ ވަރު %5އަށް ކުޑަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫއުތަކަށް ބޭނުންވާ އިކުއިޓީ ނުވަތަ އަމިއްލައަށް ކުރަންޖެހޭ ހަރަދުގެ ނިސްބަތް %5އަށް ކުޑަކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއީ ކުރިން އަމިއްލައަށް ހަރަދުކުރަންޖެހޭ ގޮތަށް އޮތް %20އާ އަޅާބަލާއިރު ގެދޮރު އިމާރާތް ކުރަން ބޭނުންވާ މީހުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.
ތަފްސީލް - މި ބަދަލުގެ ގެނައުމުގެ މައިގަނޑު މަގުސަދަކީ، ބީއެމްއެލް އިން ބުނި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިން ފަސޭހަކަމާ އެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި:
3 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހައުސިން މަޝްރޫއުތަކަށް ލޯނު ނުވަތަ ފައިނޭންސިން ދޫކުރާނީ ކުރިއެކޭ އެއްގޮތަށް މަދުވެގެން %20 އިކުއިޓީއާ އެކު 
ބީއެމްއެލް އިން %9ގެ ރޭޓާ އެކު ދޫކުރާ ފައިނޭންސިންއާ އެކު އެ ބޭންކަކީ މިހާރު ވެސް ގެދޮރުު އިމާރާތް ކުރުމަށް ރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ފައިނޭންސިން ފޯރުކޮށްދޭ ބޭންކު
ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީ ވެސް އެ ބޭންކުން މިދިޔަ އަހަރު ވަނީ %5އަށް ކުޑަކޮށްފައި
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން، ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރުމަކީ އެ ބޭންކުން އިސްކަންދޭ ކަމެއް ކަމަށެވެ."އިކުއިޓީ %5އަށް ކުޑަކުރުމާ އެކު، ގެދޮރު އިމާރާތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް ނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރަތްކުރުމަށް ފުރުސަތު ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް 2 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެ ގޮތުގައި 400,000ރ. ބޭނުންވީ ނަމަވެސް، މިހާރު އެންމެ 100,000ރ.އާ އެކު ފައިނޭންސް ލިބޭނެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ