މައުމޫން ޖީއެމްއާރްގެ ވެރިންނާއި ބައްދަލުކުރުން މައްސަލައަކަށް ނުވުމަކީ ވަރަށް ހެއްވާކަމެއް: ތަސްމީން

ޖީއެމްއާރާއި ޑީއާރުޕީއާ ގުޅުވައިގެން ޕީޕީއެމްއިން ވާހަކަ ދައްކަނީ، އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށާއި، ޕީޕީއެމްގެ އިންތިޤާލީ ރައީސް، މައުމޫން އަބުދުލްޤައްޔޫމް ޖީއެމްއާރުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރެއްވުން އެއީ މައްސަލައަކަށް ޕީޕީއެމްއަށް ނުވުމަކީ ވަރަށް ހެއްވާ ކަމެއްކަމަށް، ޑީއާރުޕީގެ ލީޑަރ އަޙްމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ، އެމަނިކުފާނު އިންޑިޔާއަށް ދަތުރުފުޅެއް ކުރެއްވިޔަސް، ޕީޕީއެމްއަށް އެކަން ތަރުޖަމާ ކުރެވެނީ ޑީލްހަދައި، ރިޝްވަތު ހޯދަން ކުރައްވާ ދަތުރެއްގެ ގޮތުގައި ކަމަށެވެ.
އެކަމަކު ޕީޕީއެމްގެ އިންތިޤާލީ ރައީސް، މައުމޫން އަބްދުލްޤައްޔޫމް ވަޑައިގެން، ޖީއެމްއާރުގެ އެންމެ އިސްވެރިންނާއި ބައްދަލުކުރެއްވުމުން، އެކަން ވަނީ ހަރުދަނާ ލީޑަރުންގެ ސިފައަކަށް ކަމަށެވެ.
ތަސްމީން ވިދާޅުވީ، ޖީއެމްއާރުގެ އެއްބަސްވުން ވެފައިވާ ގޮތާއި، އަދި އެއްބަސްވުމުގައި ހުރި މައްސަލަތަކާއިމެދު ޑީއާރުޕީންވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
އެމައްސަލަތައް ވީހާވެސް އަވަހަށް ހައްލުވެގެން ދިއުމަކީ ޑީއާރުޕީންވެސް އެދޭގޮތް ކަމަށާއި، އެކަމަކު އެއްވެސް އުސޫލެއްނެތި، އުމަރު ނަސީރު ކަންކަން ކުރަން ރާވާ ފަދައިން ކަންކަން ނުކުރެވޭނެ ކަމަށެވެ.
މިފަދަ ބޮޑެތި މައްސަލަތަކާ ގުޅިގެން ގޮތެއް ނިންމާއިރު، އިންވެސްޓަރުންގެ އިތުބާރު ނުގެއްލޭގޮތަށް އަދި ދެޤައުމުގެ ގުޅުމަށް އެއްވެސް ވަރެއްގެ ބުރުލެއް ނާރާ ގޮތަކަށް، ހައްލު ހޯދުމަށް ވިސްނަން ޖެހޭކަމަށް ތަސްމީން ވިދާޅުވިއެވެ.
ތަސްމީން ވިދާޅުވީ، ޖީއެމްއާރަށް އެއަރޕޯޓް ދިނުމުގެ ކުރިން، އޭރުގެ ބޮޑެތި ސިޔާސީ ޕާޓީތަކުން ޢަހުދުނަމާއެއްގައި ސޮއިކޮށް، އެއަރޕޯޓް ޖީއެމްއާރަށް ދިނުން ހުއްޓުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރުމަށް އެއްބަސްވި ނަމަވެސް، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އެއްވެސް ވަރަކަށް ބަލައިލުމެއްނެތި، އެއަރޕޯޓް ޖީއެމްއާރަށް ދީފައިވާ ކަމަށެވެ.
އެހެންވީމާ ދެން މިހާރު އެއަރޕޯޓްގެ މައްސަލައިގައި ގޮތެއް ނިންމޭނީ، އޮތް އެންމެ ލުއިގޮތެއް ހޯދުމަށްފަހު، ފަހުންވާނެ ގޮތަކާއިމެދު ވިސްނައިގެން ކަމަށް ތަސްމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ