ހަވީރު އަލުން ފެށުމުގެ ހުއްދައަކަށް އެދި ތިން ހިއްސާދާރުން ސިވިލް ކޯޓަށް

ސިވިލް ކޯޓުގެ އަމުރަކާ ގުޅިގެން ހިންގުން ހުއްޓާލާފައިވާ ހަވީރު ނޫހާއި ހަވީރު އޮންލައިން އަލުން ފެށުމުގެ ހުއްދަކައަށް އެދި، ހަވީރު ނޫހުގެ ތިން ހިއްސާދާރުން ސިވިލް ކޯޓުގައި އެދިއްޖެއެވެ.
މި ހުއްދައަށް އެދިފައިވަނީ ހަވީރު ނޫހުގެ ތިން ހިއްސާދާރުން ކަމަށްވާ، ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމްއެވެ.
މި ތިން ބޭފުޅުން ސިވިލް ކޯޓުގައި އެދިފައިވަނީ، ތިން ހިއްސާދާރުންނަކީ 75 ޕަސެންޓް ހިއްސާ އޮންނަ ތިން މީހުންނަށް ވުމުން އެމީހުން ހިއްސާވެގެން އަލުން ހަވީރު ހިންގަން ފެށުމަށެވެ. މި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ވަނީ ތާވަލުކޮށްފައެވެ.
ހަވީރު ނޫހުގެ މިލްކުވެރިކަމާއި މެދު ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން، އަބްދުﷲ ފާޜޫޤް ހަސަން އާއި އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތި، ހަވީރު ނޫސް އަދި ހަވީރު ނޫހުގެ އޮންލައިން އެޑިޝަންގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށް ސިވިލް ކޯޓުން ވަނީ އަންގާފައެވެ.
ސިވިލް ކޯޓުން އެ އަމުރު ނެރުނީ އެ މައްސަލާގައި ދައުވާ ކުރާ ދެ މީހުންގެ 50 ޕަސެންޓް އޮތުމާއި މިހާރު ހަވީރު ހިންގާ، ޑރ މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާ އޮންނަނީ 25 ޕަސެންޓަށް ވުމުން، އެގޮތަށް އެދުނު މީހުންނަށް ލިބޭނެ ގެއްލުމަކަށް ބަލާފައި ކަމަށް، އެ ކޯޓުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ