ރަމަޟާން މަހަކީ އަހަރުގައި އަންނަ މައްސަރުތަކުގެ ތެރެއިން ވަރަށް ޚާއްޞަ މައްސަރެކެވެ. އެ މަހުގައި ޝައިޠާނުން ކަސްތޮޅު އަޅުއްވާ ކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
އަހަރެމެން އެންމެންނަށްވެސް އެނގޭނެ ފަދައިން ޖިންނި ޝައިޠާނުންގެ ދުނިޔެއަކީ ޣައިބުގެ ދުނިޔެއެކެވެ. އެފަދަ ޢާލަމްތަކުގެ ކަންތައްތައް ދެނެގަނެވޭނެ އެންމެ ކަށަވަރު މަގަކީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެވެ. އެހެނީ ސިއްރާއި ފާޅުގައި ހިނގާ ހުރިހާ ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ބިމުގައިވިޔަސް އުޑުގައިވިޔަސް އެއްވެސް ކަމެއް އެކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ ޖިންނީންނާ ބެހޭ ބައެއް ޚަބަރުތައް އަޅުގަނޑުމެންނަށް ދެއްވާފައެވެ. އެގޮތުން ރަމަޟާން މަހު ޝައިޠާނުން ކަސްތޮޅު އެޅުވޭނެކަމުގެ ޚަބަރު އެކަލޭގެފާނުވަނީ ދެއްވާފައެވެ.
މިކަމާ ބެހޭގޮތުން އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ.“
* އަދިވެސް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވި އެހެން ރިވާޔަތެއްގައިވެއެވެ. “ ރަމަޟާން މަހުގެ އެންމެ ފުރަތަމަ ރޭގައި ޝައިޠާނުން ކުރެ މާރިދު ޖިންނީން ކަސްތޮޅު އެޅުވެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެވެއެވެ. އަދި އެއިން އެއްވެސް ދޮރެއް ނުހުޅުވޭނެއެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި އެއިން އެއްވެސް ދޮރެއް ބަންދެއް ނުކުރެވޭނެއެވެ. އަދި ގޮވާލާ ފަރާތެއް ގޮވާލާނެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ. އަންނާށެވެ. އޭ ނުބައިކަމަށް އެދޭ މީހާއެވެ. ހުއްޓާލާށެވެ. އަދި ﷲ ތަޢާލާ، (އެ މައްސަރުގައި) ބަޔަކު ނަރަކައިން މުއްތި ކުރައްވާނެއެވެ.“
– ފުރަތަމަ ޙަދީޘްގައި އައިސްފައި އެވަނީ الشَّيَاطِينُ (ޝައިޠާނުން) ކަސްތޮޅު އެޅުވޭނެކަމެވެ.
– ދެވަނަ ޙަދީޘްގައިވަނީ ޝައިޠާނުން ކުރެ ކަސްތޮޅު އެޅުވޭނީ مَرَدَةُ الْجِنِّ (މާރިދު ޖިންނީން) ކަމެވެ.
މި ދެ ޙަދީޘުން އެނގޭ ގޮތުގައި ޝައިޠާނުން ކުރެ ކަސްތޮޅު އެޅުވެނީ ވަކި ބައެކެވެ. އެއީ އެސޮރުމެންގެ ތެރެއިން މާރިދުންނެވެ.
މާރިދުންނަކީ ނުބައިކަމުގައިވެސް ހައްދު ފަހަނައަޅާދާ ޝައިޠާނުންނެވެ.
ﷲ ތަޢާލާ سورة الصافات 6 އަދި 7 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ.
“ހަމަކަށަވަރުން ތިމަންއިލާހު، އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެ ކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. – އަދި ކޮންމެ މާރިދު ޝައިޠާނެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ.
ރަމަޟާން މަހުގައި އެފަދަ ޝައިޠާނުން ކަސްތޮޅު އެޅުވުމުގެ ޙިކުމަތަކީ އެމައްސަރުގައި ޝައިޠާނުންގެ ނުބައިކަން ކުޑަކުރެއްވުމެވެ.
ބައެއް މީހުން ކުރާ ސުވާލެކެވެ. ޝައިޠާނުން ކަސްތޮޅު އެޅުވޭ އިރު ރޯދަމަހު މީހުން ފާފަ ކުރަނީ ކީއްވެހެއްޔެވެ؟
ޙަޤީޤަތުގައި ޙަދީޘްގެ ފުރިހަމަ މާނައަށް ވިސްނާލާށެވެ. ރަމަޟާން މަހު ކަސްތޮޅު އެޅުވެނީ ހުރިހާ ޝައިޠާނުންނެއް ނޫނެވެ. ކަސްތޮޅު އެޅުވެނީ މާރިދު ޖިންނީން އެކަންޏެވެ. އެހެންކަމުން ރަމަޟާން މަހުގައިވެސް ޝައިޠާނުން އުޅޭނެއެވެ.
މީސްތަކުން ފާފަތައް ކުރަނީ ހަމައެކަނި ޝައިޠާނުންގެ ސަބަބުންނެއް ނޫނެވެ. އެކަމުގައި އެހެން ސަބަބުތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި: އަމިއްލަ ނަފްސުގެ ނުބައިކަމާއި ނުބައި އާދަކާދަ އަދި އިންސާނުންގެ ތެރެއިންވާ ޝައިޠާނުންވެސް ހިމެނެއެވެ.
އިންސާނާގެ ކިބައިން ފެންނަ ނުބައިހާ ކަންކަމަކީ ހަމައެކަނި ޝައިޠާނާގެ ސަބަބުން ފާޅުވާ ކަންތައްތަކެއް ނޫނެވެ. އޭނާގެ އަމިއްލަނަފްސުގެ ތެރެއިން އަންނަ ކަންތައްތަކެއްވެސް ހުރެއެވެ. ޝައިޠާނާގެ ވަސްވާހަކީ ބޭރުން އޭނައަށް އަންނަ ނުސީދާ ގޮވާލުންތަކެކެވެ. އެފަދަ އުރެދުންތަކަށް އެމީހަކު އަރައިގަންނަނީ އިންސާނާގެ ހަވާނަފްސު އެކަމަށް އެދޭތީއެވެ. ނޫންނަމަ ޝައިޠާނާގެ ގޮވައިލުންތަކުން އެއްވެސް އަސަރެއް އެމީހަކަށް ނުކުރާނެއެވެ. އެއީ ހަމަ އިންސާނަކު ބުނެގެން އިންސާނަކު ޤަވާޢިދާ ޚިލާފުކަމެއްކޮށްފިނަމަ އޭނާ ކުށްވެރިވާ ގޮތަށެވެ.
ކީރިތި ޤުރްއާނާއި މާތްރަސޫލާގެ ސުންނަތުން އެގޭގޮތުގައި އިންސާނާގެ ޢަޒްމުގެ މައްޗަށް ޝައިޠާނާއަށް ވެރިވެގަނެވޭނީ އޭނާގެ އަމިއްލަ ނަފްސުގެ ލަގަން ޝައިޠާނާއާ ޙަވާލު ކުރީމައެވެ.
ޝައިޠާނުން ކަސްތޮޅު އެޅުވުނަސް ފާފަ ކުރެވެނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ