ޗެމްޕިއަންސް ލީގު: އާސެނަލްގެ ރެކޯޑް ނިމުމަކަށް، ޕީއެސްޖީން ޗެލްސީ ބަލިކޮށްފި ޗެމްޕިއަންސް ލީގު: އާސެނަލްގެ ރެކޯޑް ނިމުމަކަށް، ޕީއެސްޖީން ޗެލްސީ ބަލިކޮށްފި

ޕެރިސް (މާޗް 12) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި އާސެނަލުން ކައި ހަވާޓްޒް ޖެހި ޕެނަލްޓީން 1-1 އިން ބަޔާ ލެވަކޫސަނާ އެއްވަރުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން 5-2 އިން ޗެލްސީ ބަލިކޮށްފި އެވެ.
އާސެނަލުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ އަށް މެޗުން ވެސް މޮޅުވެ، ރޭ ލެވަކޫސަން ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗަށް ނުކުތީ 100 ޕަސެންޓްގެ ރެކޯޑަކާ އެކުގަ އެވެ. އެކަމަކު، ރޭގެ މެޗުން މޮޅުނުވެވުމުން، އާސެނަލްގެ ފުރިހަމަ ރެކޯޑަށް ވަނީ ނިމުން އަތުވެފަ އެވެ.
ލެވަކޫސަން ދަނޑުގައި އާސެނަލަށް ފުރަތަމަ ހާފުގައި ލީޑުނަގައިދޭން ގަބްރިއެލް މާޓިނެލީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ދެ ވަނަ ހާފު ފަށައިގެން މިނިޓެއްގެ ތެރޭ، ލެވަކޫސަނުން ލީޑުނެގީ ކޯނަރެއްގައި އަލެކްސް ގްރިމާލްޑޯ ނަގައިދިން ބޯޅައަކުން، އެ ޓީމުގެ ކެޕްޓަން، ރޮބާޓް އަންޑްރިޗް ބޮލުން ޖެހި ގޯލުންނެވެ. ހާފުގެ ބޮޑުބައިގައި ލެވަކޫސަނުން ލީޑުކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ހުއްޓައި، ޕެނަލްޓީ އަކުން އާސެނަލަށް އެއްވަރުކޮށްދިނީ ކުރިން ލެވަކޫސަނަށް ކުޅުނު ކައި ހަވާޓްޒް ޖެހި ގޯލުންނެވެ.
ޕީއެސްޖީން ރޭ އަމިއްލަ ދަނޑުގައި ބްރެޑްލީ ބަކޯލާ ޖެހި ގޯލުން 10 ވަނަ މިނިޓްގައި ލީޑުނެގި އެވެ. ޗެލްސީން 28 ވަނަ މިނިޓްގައި މަލޯ ގުސްޓޯ ޖެހި ގޯލުން އެއްވަރުކުރިއިރު، ފުރަތަަމަ ހާފު ނިމުމުގެކުރިން، އޮސްމާން ޑެމްބެލޭ ވަނީ ޕީއެސްޖީ އަށް އަލުން ލީޑުނަގައިދީފަ އެވެ. އެކަމަކު، ދެ ވަނަ ހާފު ފެށިގެން 12 މިނިޓް ތެރޭ އެންޒޯ ފެނާންޑޭޒް ޗެލްސީ އަށް އަނެއްކާ ވެސް އެއްވަރުކޮށްދިނެވެ.
ޗެލްސީގެ ގޯލްކީިޕަރު ފިިލިޕް ޖޯގެންސަން ހެދި ގޯހަކުން ވިޓީނިއާ ވަނީ ލަނޑެއް ޖަހައި، މެޗުގައި ތިން ވަނަ ފަހަރަށް ޕީއެސްޖީން ލީޑުނަގައިފަ އެވެ. އަދި، ޕީއެސްޖީ އަށް ފަރަގު ބޮޑުކޮށްދިން ލަނޑުތައް ޖަހައިދިނީ، ކްވިޗާ ކްވަރަޝްކޭލިއާ އެވެ.
ޕީއެސްޖީން ޗެލްސީއާ މި ކުރިމަތިލީ މިިދިޔަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ފައިނަލަށް ފަހު ފުރަތަމަ ފަހަރަށެވެ. ޗެލްސީން ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލީ ޕީއެސްޖީ ބަލިކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ މި ހަފްތާގައި އިނގިރޭސި އެއްވެސް ޓީމަކަށް މޮޅެއް ނުލިބެ އެވެ. ނިއުކާސަލް އާއި އާސެނަލުން އެއްވަރުވިއިރު، ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް ހޮޓްސްޕާސް ވީ ބައްޔެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ