ޔޫޓިއުބުގެ ޑީޕްފޭކް ދެނެގަންނަ ވަސީލަތް ގިނަ ބަޔަކަށް ދެނީ

ޔޫޓިއުބުން އާންމުކޮށްފައިވާ "ލައިކްނެސް ޑިޓެކްޝަން" ޓޫލް (އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ފޭކް ވީޑިއޯ ނުވަތަ ޑީޕްފޭކް ދެނެގަންނަ ވަސީލަތް) ސަރުކާރުގެ އިސް އޮފިޝަލުންނާއި، ސިޔާސީ ލީޑަރުންގެ އިތުރުން ނޫސްވެރިންނަށް ބޭނުންކުރެވޭ ގޮތަށް ފުޅާކޮށްފިއެވެ. އޮކްޓޯބަރު 2025 ގައި ކްރިއޭޓަރުންނަށް ފުރަތަމަ ތައާރަފުކުރި މި ޓޫލަކީ މީހުންގެ ހުއްދައާ ނުލައި, އެ މީހުންގެ ސިފަޔާއި އަޑު ބޭނުންކޮށްގެން ހަދާފައި ހުންނަ ވީޑިއޯތައް ދެނެގަނެ، އެފަދަ ވީޑިއޯތައް ފުހެލުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. މިއީ އޭއައިގެ ނުރައްކާތަކުން، ޔޫޒަރުން ރައްކާތެރިކުރުމަށް ގޫގުލްއިން ފަށާފައިވާ މަސައްކަތުގެ ދަށުން ތައާރަފުކުރި ފީޗާއެކެވެ. ޔޫޓިއުބުން ބުނާ ގޮތުގައި މި ވަސީލަތް ނޫސްވެރިންނާއި ސަރުކާރުގެ އިސްވެރިންނަށް ދޭން ނިންމީ، އެއީ ނުފޫޒުގަދަ ބަޔަކަށްވެފައި، އެ މީހުންގެ ޑީޕްފޭކް ބޭނުންކޮށްގެން މުޖުތަމައުގައި ހަމަނުޖެހުން އުފެއްދުމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމުގެ ބޭނުމުގައެވެ. ނަމަވެސް، މިއީ އަދި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ ކަމަކަށްވާތީ، މި ދާއިރާތަކުގެ ހުރިހާ އެންމެންނަށް އެއް ފަހަރާ މި ޓޫލް ބޭނުމެއް ނުކުރެވޭނެއެވެ. ޔޫޓިއުބުން ބުނީ, މިހާރު މި ޓޫލް ދޫކުރަން ފަށާފައިވަނީ ވަކި ޚާއްސަ ގްރޫޕަކަށް ކަމަށާއި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މި ވަސީލަތް އިތުރު މީހުންނަށް ފުޅާކުރާނެ ކަމަށެވެ. https://sun.mv/217087 މި ޓޫލް ބޭނުންކުރުމަށްޓަކައި ޝަރުތުހަމަވާ ފަރާތްތަކުން ޚާއްސަ ވެރިފިކޭޝަން މަރުހަލާއެއް ފުރިހަމަކުރަން ޖެހޭނެއެވެ. އޭގެ ތެރޭގައި ފޮޓޯ ޖެހި އައިޑީ ކާޑެއްގެ އިތުރުން މޫނު ފެންނަ ވީޑިއޯއެއް ހުށަހަޅަން ޖެހެއެވެ. މި ތަކެތި ހުށަހެޅުމުން އިންސާނުން (ހިއުމަން ރިވިއުއާސް) އެ މައުލޫމާތު ޗެކްކުރުމަށް ފަހު، ރަޖިސްޓްރީ ފުރިހަމަވިކަން އީމެއިލް މެދުވެރިކޮށް އަންގާނެއެވެ. ޔޫޓިއުބުން ޔަގީންކަން ދޭ ގޮތުގައި، ވެރިފިކޭޝަން މަރުހަލާގައި ހުށަހަޅާ މައުލޫމާތު ގޫގުލްގެ ޖެނެރޭޓިވް އޭއައި މޮޑެލްތައް ޓްރެއިން ކުރުމަކަށް ބޭނުމެއް ނުކުރާނެއެވެ. އެ މައުލޫމާތު ބޭނުންކުރާނީ ހަމައެކަނި ކާކުކަން ދެނެގަތުމަށެވެ. އަދި، އެ މައުލޫމާތު ޔޫޓިއުބުގެ ޑޭޓާބޭސްގައި ރައްކާކޮށްފައި ބަހައްޓާނީ އެންމެ ފަހުން އެކައުންޓަށް ލޮގިންވިތާ ގިނަވެގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި ހުރިހާ މައުލޫމާތެއް ވެސް ގެންގުޅޭނީ ގޫގުލްގެ ޕްރައިވެސީ ޕޮލިސީއާ އެއްގޮތަށެވެ. ފަހަކަށް އައިސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ޓެކްނޮލޮޖީ ހަލުވިކަމާ އެކު ކުރިއަރައިގެން ގޮސްފައިވާއިރު، މީހުންގެ މޫނާއި އަޑު އަސްލާ އެއްގޮތަށް ބަދަލުކޮށްގެން ހަދާ "ޑީޕްފޭކް" ވީޑިއޯތައް އިންޓަނެޓުގައި އާންމުވުން ވަނީ ދުނިޔޭގެ ފެންވަރުގައި ބޮޑު ކަންބޮޑުވުމަކަށް ވެފައެވެ. މިފަދަ ވީޑިއޯތަކާއި އޯޑިއޯތައް ބޭނުންކޮށްގެން މަޝްހޫރު ފަރާތްތަކާއި ސިޔާސީ ބޭފުޅުންގެ ނަމުގައި އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ފޭރުމާއި، އިންތިޚާބުތަކާ ދިމާކޮށް ނުފޫޒު ފޯރުވުމަށްޓަކައި ދޮގު މައުލޫމާތު ފެތުރުން ފަދަ ނުރައްކާތެރި ކަންކަން ދަނީ އިތުރުވަމުންނެވެ. މި ކަމާ ގުޅިގެން މިފަދަ އޭއައި އުފެއްދުންތައް ކޮންޓްރޯލްކޮށް، އާންމުން ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޫގުލްއާއި މެޓާ ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުންނާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ ބޮޑެތި ޕްރެޝަރުތަކެއް ކުރަމުންނެވެ. ޔޫޓިއުބުން މި ތައާރަފުކުރި ވަސީލަތަކީ އޭއައިގެ ނުރައްކާތަކުން މުޖުތަމައު ސަލާމަތްކުރަން އެ ކުންފުނިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ