ހޯޑެއްދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ޕީޓީއޭ އިން ޓިވީތަކެއް ހަދިޔާކޮށްފި

ގދ.ހޯޑެއްދޫ ސްކޫލް ޑިޖިޓަލައިޒްކޮށް، ކިޔަވައިދިނުމުގައި މަލްޓިމީޑިއާގެ ވަސީލަތްތައް ބޭނުންކުރަން ފެށުމަށް ހިންގާ ޕްރޮޖެކްޓްގެ ދަށުން އެސްކޫލުގެ ޕީޓީއޭއިން ސްކޫލަށް ދެ ޓީވީ ހަދިޔާކޮށްފިއެވެ.
ޕީޓީއޭ އިން ވަނީ 55 އިންޗީގެ ދެ ޓީވީ ސްކޫލަށް ހަދިޔާ ކޮށްފައެވެ. އަދި ސްކޫލުގެ ހުރިހާ ކްލާސް ރޫމަކަށް ބޭނުންވާ ސްމާޓް ޓީވީ ޕީޓީއޭގެ ފަރާތުން ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހޯޑެއްދޫ ސްކޫލުގެ ޕީޓީއޭ އިން ވަނީ މީގެ ކުރިންވެސް މި ޕްރޮޖެކްޓަށް އެއްބާރުލުން ދިނުމުގެ ގޮތުން ކްލާސްރޫމްތަކުގައި ބޭނުންކުރާނެ ޕްރޮޖެކްޓަރުތައްވެސް އެ ސްކޫލަށް ހަދިޔާކޮށްފައެވެ. ސްކޫލުން "ވަގުތަށް" މައުލޫމާތު ދެއްވި ގޮތުގައި ސްކޫލުގެ ކަންތައްތައް ހަރުދަނާކޮށް ޒަމާނީ ޓެކްނޮލަޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ޕީޓީއޭ އާޢި ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް އަންނަނީ ލިބެމުންނެވެ.
މި ޓީވީތައް ހަދިޔާ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހޯޑެއްދޫ ސްކޫލުން ވަނީ ފަންޑް ރެއިޒް ކުރުމުގެ ހަަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކަކީ ކޮންމެ އަހަރަކު ވެސް ދެމެެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، މިމަސައްކަތްތަކުން ލިބޭ ފައިސާ، އޮންނަ އުސޫލެއްގެ ދަށުން ސްކޫލުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކަށް ޚަރަދު ކުރާކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.
ހޯޑެއްދޫ ސްކޫލަކީ އަތޮޅުގެ ނިސްބަތުން ފާހަގަ ކޮށްލެވޭ ސްކޫލެކެވެ. ނިމިގެންދިޔަ އަހަރުގެ ސާނަވީ ތައުލީމު ނިންމާ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން މަތީވަނަ ހާސިލްކުރި ކުދިންގެ ތެރޭ އެ ސްކޫލުގެ ދަރިވަރުން ހިމެނުނު އިރު ސްކޫލުން ވަނީ ޕްރޮގްރެސިވް އެވޯޑްވެސް ހާސިލުކޮށްފައެވެ. ފަސްމާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އަަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަން ސްކޫލުން ފާހަގަ ކުރެއެވެ.
ހޯޑެއްދޫ ސްކޫލުގެ ދަރިވަރުންގެ ކުރިއެރުމަށް ކުރާ ކަންތަކުގައި ސްކޫކުގެ ބެލެނިވެރިންގެ ފަރާތުން ލިބޭއެއްބާރުލުމާ ތަރުހީބުވެސް ސްކޫލުގެ ފަރާތުން ފާހަގަ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ