އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ބައެއް ކަންކަން ސާފުކުރަން ޕީޖީން ފުލުހުންނަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ހައްޔަރުކޮށްފައި ބެހެއްޓި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ފޮނުވި މައްސަލައިގައި ސާފުކުރަން ޖެހޭ ބައެއް ކަންތައްތައް ހުރުމުން އެކަންކަން ސާފުކުރަން ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުންބުނެފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިރޭ ވިދާޅުވީ އަބްދުﷲ ގާޒީ 22 ދުވަސް ވަންދެން ގިރިފުށީގައި ހައްޔަރުކޮށްފައި ބެހެއްޓި މައްސަލައާ ގުޅިގެން ބައެއް ކަންކަން ސާފުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާއި އެ މައްސަލަ ޝަރީއަތަށް ފޮނުވުމާ މެދު ގޮތެއް ނިންމާނީ ހިޔުމަންރައިޓްސް ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގު ރިޕޯޓުވެސް ލިބުމުން ކަމަށެވެ.
"އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ފޮނުވި މައްސަލައާ ގުޅިގެން ބައެއް ކަންކަން ސާފުކުރުމަށް އަޅުގަނޑުމެން ވާނީ ފުލުހުންނަށް އަންގާފައި. އެ މައްސަލަ ޝަރީއަތަށް ފޮނުވުމާ މެދު ގޮތެއް ނިންމާނީ ހިޔުމަން ރައިޓްސް ކޮމިޝަނުން ކުރަމުންގެންދާ ތަހުގީގު ރިޕޯޓު ލިބުމުން،" އޮފިޝަލް ވިދާޅުވި އެވެ.
ހިޔުމަން ރައިޓްސް ކޮމިޝަންގެ މެންބަރު އަހުމަދު އަބްދުލް ކަރީމް އިއްޔެ ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި އެ ކޮމިޝަނުން ކުރި ތަހުގީގު މިހާރު ނިމިފައިވާކަމަށާއި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހު ތެރޭގައި ރިޕޯޓު އާންމުކުރައްވާނެ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމުން، ކޯޓުތަކުން މި އަހަރުގެ ޖެނުއަރީ މަހު 16 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް ނެރެފައިވާ އަމުރުތަކަށް ތަބާނުވެ، ކޯޓުތަކުގެ ހުރުމަތް ކަނޑާލާފައިވާ މައްސަލައިގައި ވެސް ރައީސް ނަޝީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ