ގާސިމް އިބްރާހީމް ނުފިއްލަވާނެ: ރިޔާޒު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުފިއްލަވާނެ ކަމަށާއި ފަރުވާ ފުރިހަމަވުމުން އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ރިޔާޒު ވިދާޅުވީ ގާސިމްގެ ޝަރީއަތް ދިޔައީ ގާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށާއި ނަމަވެސް ޝަރުއީ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އިހުތިރާމް ކުރަންޖެހޭތީ އެއަށް އިހުތިރާމް ކުރައްވާ ކަމަށެވެ. ގާސިމްގެ ބޭސްފަރުވާގެ އަމުރު ދައުލަތުން އިސްތިއުނާފަށް ހުށަހަޅާފައި ވީނަމަވެސް ފަރުވާ ފުރިހަމަ ކުރުމަށް ފުރުސަތު ދޭންޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހީމް ސިންގަޕޫރަށް ވަޑައިގަތުމަށް ސަރުކާރުން ހުއްދަ ދިނީ ސިންގަޕޫރަކީ ސަރުކާރުން އެންމެ އިތުބާރު ކުރާ ތަނަކަށް ވާތީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް ސިންގަޕޫރުން އެމަނިކުފާނަށް ފަރުވާ ދެއްވާ ޑޮކްޓަރު މަދުވެގެން ތިންމަސް ދުވަސް ބޭނުންވާ ކަމަށް ވިދާޅުވުމުންވެސް އެމުއްދަތު ނުދީ ސަރުކާރުން އަމަލުކުރާ ގޮތުން އިޚުލާސްތެެރިކަމެއް ނެތްކަން އެނގޭ ކަމަށެވެ. އަދި ވިދާޅުވީ ކްރިމިނަލް ކޯޓުން މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރާ ގޮތަށް ގާސިމްގެ ބޭސްފަރުވާއަށް އެތިއެތިކޮޅުން މުއްދަތު އިތުރުކޮށްދެނީ އެމަނިކުފާނަށް ޕްރެޝަރު ކުރުމަށް ކަމަށެވެ. ގާސިމް އިބްރާހީމަށް އިއްވާފައިވާ ހުކުމަށް ފިއްލަވައިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމުގެ ވިސްނުންފުޅެއް އެމަނިކުފާނުގެ ނެތް ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
"އެއްވެސް ހާލެއްގައި އޮނަރަބަލް ގާސިމް އިބްރާހިމްގެ ވިސްނުންފުޅެއް ނޫން ހުކުމުން ފިއްލަވައިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމަކީ. އެފަދަ ވިސްނުންފުޅެއް ނުގެންގުޅުއްވާ. އެކަމަކު އެމަނިކުފާނު ގަބުލުކުރައްވާ ހުކުމުގައިވެސް އެބައޮތްކަން ބޭސްފަރުވާގެ ކަންތައް ހަމަޖައްސައިދޭންޖެހޭ ކަން. އެއީ ސަރުކާރުންވެސް ދައުލަތުގެ މުއައްސަސާތަކުންވެސް ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ. ތިން އަހަރުގެ ހުކުމަކީ ގަބޫލުކުރައްވާ އެއްޗަކަށް ނުވާތީ އެވަނީ އިސްތިއުނާފު ކުރައްވާފައި" ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހީމާމެދު މުއައްސަސާތަކުން އަމަލުކުރަމުންދާ ގޮތުން ވަރަށް ކަންބޮޑުވާ ކަމަށާއި ކޮންމެ ކަމެއްވެސް ކުރަނީ ސަރުކާރުގެ މުވައްޒަފަކު މެދުވެރިވެގެން ކަމަށް ވާއިރު ގާނޫނާއި ގަވާއިދަށް ބަލަންޖެހޭ ކަމަށެވެ. ވަކި މީހަކު ބުނާހާ ގޮތަށް ކަންކަން ކުރަން ނުޖެހޭ ކަމަށާއި، އެމީހަކު ކުރާ ކަމެއްގެ ޒިންމާ އެމީހަކު ނަގަންޖެހޭނެ ކަމަށެވެ. ކޯޓު ހުކުމް ބުނާގޮތުންވެސް ފަރުވާ ފުރިހަމަވަންދެން ބޭސްފަރުވާގެ ފުރުސަތު ދޭންޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ. ހުށަހަޅާފައިވާ ލިޔެކިޔުންތައް ރަގަޅަށް ދިރާސާކޮށް ގާސިމްގެ ބޭސްފަރުވާއަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ރިޔާޒު ގޮވާލެއްވިއެވެ.
ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހީމަކީ ސިޔާސީގޮތުން ވަރަށް ނުފޫޒުގަދަ ބޭފުޅެއް ކަމަށާއި އެމަނިކުފާނާމެދު އިހާނެތިކޮށް އަމަލުކުރަމުންދަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސަރުކާރު ޒިންމާދާރުކުރުމަށް ކުރާ މަސައްކަތަށް ޕްރެޝަރު ކުރުމަށް ކަމަށެވެ. ގާސިމް އިބްރާހީމް ޖިނާއީ ކުށެއް ނުކުރައްވާކަން އެންމެނަށް ވެސް އެނގޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
"ޕްރެޝަރު ކޮށްގެންވެސް ސިޔާސީގޮތުން ޖުމްހޫރީ ޕާޓީ ހުއްޓުވާލައި، ހަތަރު ޕާޓީ ގުޅިގެން ކުރަމުންދާ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް ކުރާ މަސައްކަތް މިއީ. އެކަމަކު މިކަން ކާމިޔާބެއް ނުވާނެ. ގައުމަށްޓަކައި ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ކުރާ މަސައްކަތާއިގެން ކުރިއަށް ދާނަން" ރިޔާޒު ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒު ވިދާޅުވީ މީހަކަށް ހުކުމެއް ތަންފީޒު ކުރެވޭނީވެސް އެމީހަކު ދިރިހުރެގެން ކަމަށާއި މީހެއްގެ ފުރާނައާ ކުޅެލަންވެސް ސަރުކާރުން ޖެހިލުން ނުވާ ކަމަށެވެ. ގާސިމް އިބްރާހީމަށް މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވޭނީ ސިއްހީ ހާލުކޮޅަށް ކަމަށާއި ފަރުވާ ފުރިހަމަކުރެއްވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެ ވަޑައިގެން އިސްލާހީ މަސައްކަތުގައި އެމަނިކުފާނު އުޅުއްވާނެ ކަމަށެވެ.
އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ޝަރީއަތް ކޮށްފިނަމަ އިސްތިއުނާފު މަރުހަލާގައި އެމަނިކުފާނު ސަލާމަތްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ. ޖޭޕީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ލީޑަރު ގާސިމަށް އިންސާފު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޕާޓީންވެސް ކުރަމުންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ