ސުޕްރީމް ކޯޓު މަގުން ކައްސާލީމާ ހަމަމަގަށް އަޅުވަންޖެހޭނީ ރައީސް: ރައީސް ޔާމީން

ސުޕްރީމް ކޯޓު މަގުން ކައްސާލާ ނަމަ ސުޕްރީމް ކޯޓު ހިނގަނީ ރަނގަޅަށް ކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމްގެ ރުމާލު ދޭއް ޖަގަހައިގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެެވެ.
ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓާއި ދައުލަތުގެ އެހެން މުއައްސަސާތައް މަގުން ކައްސާލުމުން މުއައްސަސާތައް ހިނގަނީ ރަނގަޅަށްކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ގާނޫނުގެ އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ރައީސް ޔާމީން މަގާމުން ވަކިކުރުމުގެ މައްސަލަ ގުޅިފައިވާ ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެމައްސަލާގައި ވެސް ރައީސް ޔާމީން ވަނީ ވާހަކަދައްކަވާފަ އެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުން އެމަނިކުފާނުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅީ އެފަރާތްތަކުން ސުޕްރީމް ކޯޓަށް އިތުބާރު ކުރާތީ ކަމަށެވެ. އަދި އެމަނިކުފާނު ގާނޫނާ ހިލާފު ކަމެއް ކުރައްވާނަމަ އެމައްސަލައެއް ދައުލަތުގެ މުއައްސަސާތަކަށް ހުށަހެޅުމަކީ ގުޅިފައިވާ ޕާޓީ ތަކުގެ ބޭފުޅުންނަށް އޮތް ފުރުސަތެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުގައި އެމަނިކުފާނުގެ މައްސަލައެއް އޮތް ނަމަވެސް އެކަން މާބޮޑު ކަމަކަށް ނުވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން ދައުލަތުގެ މުއައްސަސާތައް ހިސޯރުކޮށްފައިވާ ކަމަށް ގުޅިފައިވާ ޕާޓީ ތަކުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުަލާވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ބޭނުންވުމުން މުއައްސަސާތައް ހިސޯރުކުރެވޭ ގޮތަށް ނޫން ކަމަށެވެ. މުއައްސަސާތައް ހިސޯރުކޮށްފައިވާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވަނީ އެބޭފުޅުންގެ މައްޗަށް ގާނޫނީ ހުކޫމަތު ހިނގައިގެން ނުވާނެ ކަމަށް ގަބޫލުކުރައްވާ ބޭފުޅުން ކަަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ފުލުހުންގެ މުއައްސަސާ ސަރުކާރުން ހިސޯރުކުރި ގޮތް އެންމެންނަށްވެސް އެނގޭނެ ކަަމަށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކުރީގެ ރައީސް މައުމޫނަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ގައުމަށް ވަކި މުއްދަތަކަށް ހިދުމަތް ކުރުމުން އެބޭފުޅެއްގެ ހިދުމަތަށް ބަލައި ހާއްސަ އިމްތިޔާޒުތަކެއް ހަމަޖައްސައިދިނުމަކީ ގާނުނު މުގުރާލަން ދެވޭ ލިބޭ ލައިސަންސެއް ނޫން ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ގާނޫނަށް ވުރެ މަތީގައި ތިބޭ މީހުނަށް އަދަބު ލިބުމަކީ އެމަނިކުފާނު ހިތާމަކުރައްވާނެ ކަމެއް ނޫން ކަމަށާއި ވަކި ފަރުދަކަށްވުރެ ގައުމާ މުޖުތަމައު އެމަނިކުފާނަށް މާމުހިއްމު ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ