ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ނެދަލޭންޑްސްގެ މާކް ވެން ބޮމެލް ހަމަޖައްސައިފި އެވެ.
ބެލްޖިއަމްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވާ ގޮތުގައި އުމުރުން 49 އަހަރުގެ މާކް ވެންބޮމެލް އެ މަގާމަށް ހަމަޖައްސާފައިވަނީ 2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށެވެ.
ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުން ބެލްޖިއަމް ކެޓުމާއިއެކު އޭރު އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ރޫޑީ ގާސިއާ ވަނީ. އެ މަގާމުން އިސްތިއުފާ ދީފައެވެ.
މާކް ވެންބޮމެލް ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖައްސާފައިވާއިރު މިއީ އޭނާ ގައުމީ ޓީމަކަށް އިރުޝާދު ދޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ މަސައްކަތް ކޮށްފައިވަނީ ބެލްޖިއަމްގެ ރޯޔަލް އަންޓްވާރޕްގެ ކޯޗެއްގެ ގޮތުގަ އެވެ. އޭނާ ވަނީ އެ ކްލަބުގައި ހޭދަކުރި ކާމިޔާބު ދެ ސީޒަނުގެ ތެރޭގައި އެ ކްލަބަށް ބެލްޖިއަމްގެ ލީގު ޗެމްޕިއަންކަމުގެ އިތުރުން ބެލްޖިއަމް ކަޕް އަދި ބެލްޖިއަމް ސުޕަރ ކަޕްގެ ޗެމްޕިއަންކަން ހޯދަދީފަ އެވެ.
އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް އެ މަގާމާއި ހަވާލުވާ މާކް ވެންބޮމެލް ބުނެފައިވަނީ މިއީ އޭނާއަށް ލިބިގެންދާ ބޮޑު ޝަރަފެއް ކަމަށެވެ.
"މިއީ އަހަރެންނަށް ލިބިގެންދާ ބޮޑު ޝަރަފެއް. ބެލްޖިއަމް އަކީ ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް. އަދި މި ކުޅުންތެރިންނަކީ އެންމެ މަތީ ފަންތީގައި ވާދަކުރެވޭނެފަދަ ކުޅުންތެރިން." ވެންބޮމެލް ބުންޏެވެ.
ވެންބޮމެލްގެ އިރުޝާދުގެ ދަށުން ބެލްޖިއަމް އެންމެ ފުރަތަމަ ވާދަކުރާނީ އަންނަ ސެޕްޓެމްބަރ އަދި އޮކްޓޯބަރ މަހު ކުޅުމަށް ހަމަޖެހިފައިވާ ނޭޝަންސް ލީގުގެ މެޗުތަކުގައެވެ. އޭގެ ތެރޭގައި އިޓަލީ އާއި ފްރާންސްގެ އިތުރުން ތުރުކީ އާއި ދެކޮޅަށް ކުޅޭ މެޗުތައް ހިމެނެއެވެ.
ބެލްޖިއަމްގެ ކޯޗުކަން މާކް ވެން ބޮމެލް އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ