ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމު ކޮށްގެން ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ލަންކާގައި ޚާއްސަ ޙަފްލާއެއް ބާއްވައިފިއެވެ. ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި މި ޙަފްލާގައި ދެޤައުމުގެ ސިޔާސީ އަދި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ބޮޑަށް އިސްކަން ދީފައިވެއެވެ.
މި ޙަފްލާގައި ސްރީލަންކާގެ މިނިސްޓަރުންނާއި، ޕްރޮވިންސް ގަވަރުނަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސިފައިންގެ އިސް އޮފިސަރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން، ސްރީލަންކާގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި، މަޝްހޫރު ވިޔަފާރިވެރިން ހިމެނޭހެން ޖުމްލަ 528 މީހުން ބައިވެރިވިއެވެ.
ކޯލަމްބޯގައި ބޭއްވި މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ، ސްރީލަންކާގެ މިނިސްޓަރ އޮފް ހެލްތު އެންޑް މީޑިއާ ޑރ. ނަލިންޑަރ ޖަޓިއްސާއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ސަރުކާރަށާއި، ރައްޔިތުންނަށް މިނިވަން ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވިއެވެ.
އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ، ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ސްރީލަންކާގައިކަން ފާހަގަކުރެއްވިއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު ޢިމާދު ވަނީ، ދެޤައުމުގެ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ވަކިން ޚާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ މެއި މަހުގެ ތެރޭގައި ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ، ދެޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންގޮސްދިން މުހިންމު ދަތުރުފުޅެއްކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި ޙަފްލާ ބޭއްވުމަށް ރާއްޖެއާއި، ލަންކާގެ ކުންފުނިތަކުން ދެއްވި އެހީތެރިކަމަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން ބޭއްވި އެ ޙަފްލާގެ ތެރެއިން ރާއްޖޭގެ މުއްސަނދި ސަޤާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ބޮޑުބެރުގެ ހަރަކާތްތަކާއި، ބަތްޕޮޅި ނެށުމާއި، މާފަތި ނެށުމުގެ އިތުރުން ދަނޑިޖެހުން ފަދަ ސަޤާފީ އައިޓަމްތައް ހުށަހަޅާފައިވެއެވެ. މި ހަރަކާތްތައް ހުށަހަޅައިދިނީ، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި އެ ޤައުމުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ކިޔަވާ ކުދިންނެވެ.
ރާއްޖޭގެ މިނިވަން ދުވަސް ލަންކާގައި ކުލަގަދަކޮށް ފާހަގަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ