ޕީޕީއެމްގެ "ތަރައްޤީއާ އެކީ ރައްޔިތުން" ހަރަކާތް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި

ތަރައްޤީއާ އެކީ ރައްޔިތުން" ގެ ނަމުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހަރަކާތްތަކެއް ފެށުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްއިން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް އެޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބުރައީސް އަބްދުއް ރަޙީމް އަބްދުﷲ ވިދާޅުވީ މިހަރަކާތްތަކުގައި ތަރައްޤީއާއި ގުޅިގެން ރައްޔިތުންގެ ޝުޢޫރު ފާޅުކުރުމާއިއެކު މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ތަފާތު ކުޅިވަރުތައް އޮންނާނެކަމަށެވެ.
އެގޮތުން ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ނ. ވެލިދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. ގުރާދޫ، އއ. ތޮއްޑޫ، އދ. ދަނގެތި، ވ. ފެލިދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، މ. މުލަކު، ތ. ގުރައިދޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ސ. ހިތަދޫ ގެ އިތުރުން ސ. ހުޅުދޫގައި ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.
އަތޮޅު ތެރޭގައި ހަރަކާތްތައް ކުރިއަށްދާނީ މިމަހުގެ 12 ވަނަ ދުވަހުގެ ހަވީރު 4 ން 6 އާއި ދޭތެރޭކަމަށް ޕީޕީއެމްއިން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން މިހަރަކާތް މާލޭގައިވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި މިމަހުގެ 11، 12 އަދި 13 ވަނަ ދުވަހު ހަކާތްތައް ކުރިއަށް ގެންދާނެކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.
މާލޭގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި 11 ވަނަ ދުވަހު ހަވީރު ރަސްފަންނުގެ އިތުރުން ބްރިޖް ޕްލެޓްފޯމް ސަރަޚައްދުގައި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ދާނެއެވެ.
އަދި 12 ވަނަ ދުވަހު އެސްޓީއޯއިން އިންތިޒާމުތައް ހަމަޖައްސާ ޚާއްސަ އިވެންޓެއް ކާނިވާ ސަރަޚައްދުގައި އޮންނައިރު، 13 ވަނަ ދުވަހުގެރޭ އިތުރު ހަރަކާތެއް އޮންނާނެކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީޕީއެމްއިން ބުނީ މިފަދަ ހަރަކާތެއްގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައީސް ޔާމީން ގެންނަވާ ތަރައްޤީ ރައްޔިތުން ބަލައިގަންނަ މިންވަރު ހާމަކޮށް އެކަންކަމަށް އެމަނިކުފާނަށް ޝުކުރު އަދާކުރުން ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އިތުރު ހަރަކާތްތައް ބޭއްވޭނެކަމަށް ޕީޕީއެމްއިން މަޢުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ