ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގެ ބަދަލުގައި، ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް ފޮރުވަން މަސައްކަތް ކުރަމުންދާތީ ކަންބޮޑުވާކަމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤައުމުގައި ހަމަޖެހުން ޤާއިމްކުރުމަށް ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާ މަންޒަރު ނުފެންނަ ކަމަށާއި، އެކަން ނުކުރެވޭނަމަ މުއައްސަސާތަކުގެ އިސްވެރިން އިސްތިއުފާ ދެއްވުމަށް ގޮވާލާކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި ހިންގަމުންދާ ގްރޫޕު މާރާމާރީތައް ހުއްޓުވައި، ރައްޔިތުންނަށް އަމާންކަމާއިއެކު އުޅެވޭނެ މާޙައުލެއް ތަނަވަސްކޮށްދޭން ޖެހޭނެކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުން ގެންދަނީ ސިޔާސީ ފަރާތްތައް ފަހާ ދުވަމުންކަމަށް، މައުމޫނު އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
ކަމާބެހޭ އިދާރާތަކަށްލިބޭ އިންޓެލިޖެންސް ރިޕޯޓާއިމެދު ކަންބޮޑުވުން ފާޅުކޮށް މަޢުމޫނު ވިދާޅުވެފައިވަނީ، ސިޔާސީ މީހުން ހައްޔަރު ކުރުމުގައި އިންޓެލިޖެންސް ރިޕޯޓު ލިބޭކަމަށާއި، ނިމިދިޔަ ހަފްތާގެ ތެރޭގައި 7 މާރާމާރީ ހިނގިއިރުވެސް އެއިން އެއްވެސް ކަމަކާ ގުޅިގެން އިންޓެލިޖެންސް ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ. އެހެންކަމުން އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވާތީ، އެކަމާއިމެދު މައުމޫނު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސަލާމަތީ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ސަރުކާރުން ހިފާކަމަށް، ކުރީގެ ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ. އަދި މީގެ ކުރިން މޮނިކޮން އަމުރުގެ ދަށުން ފައިގައި ޓެގް އެޅުވުމާއި ކަންކަން ކޮށްފައިވީނަމަވެސް، މިހާރު އެފަދަ ކަމެއްވެސް ނުކުރައްވާތީ ކަންބޮޑުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވާއިރު، ޝަހުސު އޮޅިވާލިކަމުގެ ތުހުމަތުގައި ދަރިކަލުން ފާރިސް މައުމޫން މިވަގުތު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މިފަހަކަށް އައިސް ރައީސް މައުމޫން ގެންދަވަނީ ފާރިސްގެ ދިފާޢުގައި އެކި ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުގެ ސިޔާސަތުތައް ދޯދިޔާ، އިސްތިއުފާ ދީ – މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ