މޫސުން ދެނެގަތުމަށް އިތުރު 25 ސަރަޚައްދެއްގައި "އޮޓަމެޓިކް ވެދާރ ސްޓޭޝަން" ޤާއިމްކުރަނީ

ރާއްޖޭގެ އިތުރު 25 ސަރަހައްދެއްގައި "އޮޓަމެޓިކް ވެދާރ ސްޓޭޝަން" ހަރުކުރަން މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސާވިސް އާއި އިޓަލީވިލާތުގެ ސީ.އޭ.އީ ކުންފުންޏާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.ޖުމްލަ އެގާރަ މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުގެ އެއްބަސްވުމުގައި، މެޓް އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާރ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ ތޯރިގް އިބުރާހިމް އެވެ. ސީއޭއީ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ޖިއަންކާލޯ މާރިއާ ޕެޑްރީނީ އެވެ.އިޓަލީ ވިލާތުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ މެޓް އޮފީހުން ގެނެސްދޭ މޫސުމާއި ބެހޭ މައުލޫމާތު އިތުރަށް ފުޅާކޮށް، މައުލޫމާތު ގެނެސްދިނުމުގެ ގާބިލުކަން އިތުރުކޮށް "މޫސުމީ ވިއުގަ" އެއް ގާއިމް ކުރުމަށްޓަކައި ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން "އޮޓަމެޓިކް ވެދާރ ސްޓޭޝަން" ހަރުކުރެވޭނީ މިހާރު މެޓް އިފީހުގެ އިދާރާއެއް ގާއިމް ކުރެވިފައި ނުވާ ސަރައްހައްދުތަކުގަ އެވެ.އެގޮތުން މި ސްޓޭޝަންތައް ހަރު ކުރެވޭނީ ރ. މަޑުއްވަރި، ޅ. އޮޅުވެލިފުށި، ބ. ތުޅާދޫ، ބ. ގޮއިދޫ، ކ. ގާފަރު، ކ. ދިއްފުށި، ހއ. ހޯރަފުށި، ހއ. ކެލާ، ހދ. ކުޅުދުއްފުށި، ށ. ކަނޑިތީމު، ށ. ފޮނަދޫ، ނ. މާފަރު، ތ. ބުރުނީ، ލ. މާވަށް، ގއ. ކޮލަމާފުށި، ގއ. ގެމަނަފުށި، ގދ. ދިނަދޫ، ގދ. ފަރެސްމާތޮޑާ، ކ. ގުރައިދޫ، އއ. ތޮއްޑޫ، އއ. ހިމަންދޫ، ވ. ރަކީދޫ، ފ. ނިލަންދޫ، މ. މުލި އަދި ދ. ކުޑަހުވަދޫ ގައެވެ.އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓާރ ތޯރިގް ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ތެރޭގައި މެޓް އޮފީހުގެ މަސައްކަތް ފުޅާ ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ ކަމަށެވެ.ރާއްޖޭގެ 19 ރަށެއްގައި "އޮޓަމެޓިކް ވެދާރ ސްޓޭޝަން" މިހާރުވެސް ވަނީ ގާއިމް ކުރެވިފައެވެ. އަދި 11 ރަށެއްގައި ސްޓޭޝަން ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އަންނަ އަހަރު އިތުރު 55 ރަށެއްގައި ސްޓޭޝަން ގާއިމް ކޮށް ނިމޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ