އަލީ ހަމީދަށް މައުމޫން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ބަަލަން ގޮވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަން ޕީޕީއެމުން މިރޭ ގޮވާލައިފި އެވެ.
އިދިކޮޅު ހުރިހާ ލީޑަރުން މިނިވަންކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް ޕީޕީއެމުން އެގޮތަށް ގޮވާލީ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީން، ޗެނަލް 13 އަށް ދިން އިންޓަވިއުއަކާ ގުޅިގެންނެވެ.
ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ މައުމޫނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕީޕީއެމް ހިންގުން ރައީސް ޔާމީނާ ހަވާލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ފަނޑިޔާރު އަލީ ހަމީދަށް ނުފޫޒު ފޯރުވުމަށް މައުމޫން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެކަމުގައި ރިޝްވަތުގެ އަމަލެއް މައުމޫން ހިންގެވި ކަމަށް ވެސް އޭނާ ތުހުމަތުކުރި އެވެ.
ޒައިދު ބުނި ގޮތުގައި އިސްލާމީ ޝަރީއަތާ ޚިލާފް ކަންތައްތަކެއް ކުރެއްވުމަށް ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް މައުމޫން ވަނީ ނުފޫޒު ފޯރުއްވައިފަ އެވެ.
އޭނާގެ ވާހަކަތަކަށް ފަހު ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަނީ ކުއްލި ގޮތަކަށް ޗެނެލް 13 އާއި ޕީއެސްއެމް މެދުވެރިކޮށް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރުމަކީ، ގާނޫނު އޮތް ގޮތުން އެހާ ފަސޭހަ ކަމެއް ނޫނެވެ. ޖިނާއީ ކުށެއް ކުރަމުން ދަނިކޮށް މެނުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރުމުގެ އަމުރު ނެރުމުގެ ބާރު އޮންނަނީ ވެސް ސުޕްރީމް ކޯޓަށެވެ. އެގޮތުން ކުށެއްގައި ތުހުމަތުކުރެވޭ ފަނޑިޔާރު ފިޔަވައި ދެން ތިބޭ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ނޫނީ ބަންދުކުރުމުގެ އަމުރެއް، ފަނޑިޔާރުންނާ ބެހޭ ގާނޫނުގެ ދަށުން، ނުނެރެވެ އެވެ.
ސުޕްރީމް ކޯޓުން މިދިއަ ބުރާސްފަތިދުވަހުގެ ރޭ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ނުބެލޭނެ ކަމަށް އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ