ރައީސުލްޖުމްހޫރިއްޔާ އާއި ޑިފެންސް މިނިސްޓަރު ބަހާއި އަމަލުން ގާނޫނާއި ޚިލާފު ކަންކަން ނުކުރައްވާތޯ ގާސިމް އިބްރާހިމް ސުވާލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ހަމަފާޅުގައި ބަހާއި އަމަލުން ގާނޫނާއި ޚިލާފު އަމަލުތައް ހިންގަވަމުން ނުގެންދަވާތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ގާސިމް އިބްރާހިމް ސުވާލު ކުރައްވައިފިއެވެ.
ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ވުޖޫދަށް ގެނައުމުގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރިއާސަތުގައި އިންނަވައިގެން އެންމެ މުހިއްމު ދައުރު އަދާކުރެއްވި އޮނަރަބަލް ގާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީއަށް ފުރަގަސްދީ ހިތަށްއެރިހާ ގޮތަކަށް އަމަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ސަރުކާރުގެ ތެރޭގައި ޚިޔާނާތާއި ފަސާދަ އާއްމުވެ ދުނިޔޭގެ ސަފުތަކުން ދިވެހިރާއްޖެ އެކަހެރިވެފައިވާ ކަމަށެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ކަމާއިބެހޭ މުވައްސަސާތަކުން އެއްވެސް ކަމެއްނުކޮށް ބަލަހައްޓައިގެން ތިބުމަކީ ގާނޫނާއި ސުލްހަމަސަލަސްކަން ދެމެހެއްޓުންތޯ އެމަނިކުފާނު ވަނީ ސުވާލު ކުރައްވައިފައެވެ.
ރައީސް ޔާމީނުގެ އަމިއްލަފުޅު ބައެއް އިއުތިރާފުތަކަށް އިޝާރާތް ކުރައްވަމުން އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ ދޫވެއްސަށް ފޮށިފޮށިގަޑުގައި އަހުމަދު އަދީބު ވެއްދި ފައިސާ ހަލާލުނުވާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވެފައިވާ ކަމަށެވެ. ދޫވެއްސަކީ ރައީސް ޔާމީނުގެ އަމިއްލަފުޅު ގެއެވެ.
އަހުމަދު އަދީބު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބެއްސެވީ ތިމަންމަނިކުފާނުގެ ފައިސާއޭ ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށާއި މިއީ ރިޝްވަތު ނޫން އެހެން ކޮންއެއްޗެއްތޯ އޮނަރަބަލް ގާސިމް އިބްރާހިމް ވަނީ ސުވާލު ކުރައްވައިފައެވެ. އަދި މިއީ ތަހުގީގާއި ސަރިޔަތްވެސް ނިމި ރައީސް ޔާމީނުގެ މައުސޫމުކަން ކަނޑައެޅި ނިމިފައިވާ މައްސަލައެއްތޯވެސް އެމަނިކުފާނު ވަނީ ސުވާލު ކުރައްވައިފައެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ނިސްބަތް ކުރައްވައި އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންނަށް އިޝާރާތް ކުރައްވައި ސިފައިންގެ ކުރިމަތީގައި ހަމަފާޅުކަން ބޮޑު ގޮތެއްގައި ތިމަންނާ ހުރިނަމަ މެމްބަރުންގެ ދަތްދޮޅި ދުއްވައިލީމުހޭ ވިދާޅުވިކަން މުޅި ގައުމު ދެނަހުރިކަމަށެވެ. މިއީ ކިހާވަރެއްގެ އައިރުގާނޫނީ ކަމެއްކަން އާދަމް ޝަރީފަށް އެނގިވަޑައިނުގަންނަވަނީތޯއާއި ތަހުގީގު ކޮބައިތޯއާއި ސަރިޔަތް ނިމުނީތޯވެސް އޮނަރަބަލް ގާސިމް އިބްރާހީމް ވަނީ ސުވާލު ކުރައްވައިފައެވެ. އަދި މިއީ ރައީސް ޔާމީނުގެ އަމިއްލަފުޅު ހަމަތަކުގެ ކުރިމަތީގައި ހަމައެންމެ ރަގަޅުކަމަކީތޯވެސް ވަނީ ސުވާލު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ