ސިޔާދުގެ މައްސަލަ ބަލާ ގާޒީ ބަދަލު ކުރުމުން ޝަރީއަތް ކުރިއަށް ނުގެންދެވުނު

ގާސިމް އިބްރާހީމްގެ ދަރިކަލުން ސިޔާދު ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާ ބައްލަވާ ގާޒީ ބަދަލު ކުރުމަށްފަހު އެކަން ދައުވާ ލިބޭ ފަރާތްތަކަށް އަންގާފައި ނުވާތީ މިއަދުގެ ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތް ނުވިއެވެ.
ސިޔާދުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާއާއި ގުޅިގެން ސިޔާދު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ގާޒީ ހުސައިން ޝަހީދެވެ. ނަމަވެސް މިއަދު އެ މައްސަލަ ކުރިއަށް ގެންދަވަން އިންނެވީ ގާޒީ އަހުމަދު ހައިލަމްއެވެ.
އަޑުއެހުން ފެށުމާއެކު ސިޔާދުގެ ފަރާތުން އިޖުރާއީ ނުކުތާ ނަގާ އެކަން ފާހަގަ ކުރިއެވެ.
ސިޔާދުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރުމަށް އެދިފައި ނުވާނެ ކަމަށް ދައުލަތުގެ ވަކީލުން ވެސް ވަނީ ވިދާޅުވެފައެވެ.
ގާޒީ ވިދާޅުވީ މައްސަލަ ބަލާ ގާޒީ ބަދަލު ކުރީ ޖިނާއީ އިޖުރާއަތުގެ 152 ވަނަ މާއްދާގެ ދަށުން ކަމަށެވެ. ސިޔާދުގެ ފަރާތުން އިޖުރާއީ ނުކުތާ ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ 151 ވަނަ މާއްދާގައި ގާޒީ ބަދަލު ކުރާ ނަމަ އެކަން ދައުވާ ކުރާ ފަރާތަށާއި ދައުވާ ލިބޭ ފަރާތަށް އަންގަން ޖެހޭނެ ކަމަށް ބުނެއެވެ.
ގާޒީ ހައިލަމު މިއަދުގެ އަޑުއެހުން ނިންމާލެއްވީ އެ ނުކުތާ ބަލައިގަންނަން ނިންމެވުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ