ރާއްޖެ ޓީވީ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް އެދިއްޖެ

ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލާގައި ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ އަމުރަކަށް އެސްޓޭޝަނުން ސިވިލް ކޯޓުގައި އެދިއްޖެއެވެ.ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު އެ މައްސަލާގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ފައިސާ ދެއްކުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފައިވާނެ ރާއްޖެޓީވީއިން ބުނެއެވެ. ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ 28 ޖުލައި 2017 ވީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީއިން ވަގުތުން ގެނެސްދިން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ، ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިޔާ ބޭރުކުރުމަށް ގޮވާލައި ދެއްކި ވާހަކަ ލައިވް ކުރި މައްސަލައިގައެވެ. މިއީ ރާއްޖެޓީވީ ޖޫރިމަނާކުރި ތިންވަނަ ފަހަރެވެ.ރާއްޖެޓީވީ އެންމެ ފުރަތަމަ ޖޫރިމަނާކުރީ ދެލައްކަ ފަންސާސް ހާސް ރުފިޔާއިންނެވެ. އެ ފައިސާ ދައްކާފައިވަނިކޮށް، އެއް މިލިއަން ރުފިޔާއިން އެ ސްޓޭޝަން ޖޫރިމަނާކުރި އެވެ. ޖޫރިމަނާގެ ފައިސާ ދެއްކުމަށްފަހު އެ މައްސަލަތައް ވެސް އެ ސްޓޭޝަނުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. ފަހުން ކުރި ޖޫރިމަނާގެ ފައިސާ ދެއްކުމުގައި ރާއްޖެޓީވީއަށް އެހީވުމަށް އެ ސްޓޭޝަނުން މިހާރު ވެސް ވަނީ ފަންޑް ފޮއްޓެއް ބަހައްޓާފައެވެ. ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމާގުޅިގެން އެސްޓޭޝަނުން ފުރަތަމަވެސް ވަނީ އަބުރު ފަންޑުގެ ނަމުގައި ފަންޑު ފޮއްޓެއް ހުޅުވާފައެވެ. އެފޮއްޓަށް މަޖިލީހުގެ މެންބަރުންނާ އެޕާޓީގެ އެކްޓިވިސްޓުން ފައިސާ ޖަމާކުރެއެވެ. ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް އެދުނު އިރު، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޝަހީބުގެ މައްޗަށް އެސްޓޭޝަނުން ވަނީ ދައުވާވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ