ގދ ތިނަދޫގައި ހުޅުޖެހި މީހުންގެ މައްޗަށް ގާނޫނު ހިންގަން ޖެހޭ: އަބްދުއްރަހީމް އަބްދުﷲ
ދެހާސް ބާރަ ވަނަ އަހަރުގެ ފެބުރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުޅުޖެހި މީހުންގެ މައްޗަށް ގާނޫނު ހިންގައި ދިނުމަށް އެދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމާއިބެހޭ ފަރާތްތަކަށް ގޮވާލައްވައިފިއެވެ. ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖެހި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ގާނޫނު ހިންގައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެދި ވަޑައިގަތީ އަންގާރަ ދުވަހުގެ ރޭ ރުމާލު 2 ޖަގަހައިގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ހުޅުޖެހި މީހުންނަކީ ގައުމަށް ޣައްދާރުވި ބައެއް ކަމަށާއި މިނިވަންކަމާއެކު މި ގައުމުގައި އުޅުމުގެ ފުރުސަތު އެމީހުންނަށް ދީގެންނުވާނެ ކަމަށެވެ. އަދި ރަށެއްގެ ރައްޔިތުންތަކެއް ކަމަށް ވިޔަސް ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހާފައިވާނަމަ އެބަޔަކަށް ހައްގު އަދަބު ދޭންޖެހޭ ކަމަށެވެ.ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ހުޅުޖެހި ތަންތަނުގެ ތެރޭގައި ހިމެނެނީ ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ ކޯޓުގެ އިތުރުން ތިނަދޫ ޕޮލިސްޓޭޝަން ހިމެނެއެވެ. މީގެ އިތުރުން މި ޖަލްސާގައި ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ މިސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްގީގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައިވެއެވެ. އަދި އަންނަ އަހަރަކީ ރައްޔިތުންނަށް އުފާފަގަތިކަން ލިބިގެންދާނެ އަހަރެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި މިސަރުކާރަކީ ނަތީޖާ ނެރޭ ސަރުކާރެއްކަމަށް އެ މެންބަރުން ވިދާޅުވެފައިވެއެވެ.މިޖަލްސާގައި ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ އިތުރުން ޕީޕީއެމްގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ