ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގުޅުމަށް ބުރުލެއް ނޭރުވޭނެ - މައުމޫން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގުޅުމަށް ބުރުލެއް ނޭރުވޭނެ ކަމަށާއި، އަޒުމަކަށްވެސް ބަދަލެއް ނާންނާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން އދ. މާމިނގިލީގައި މިރޭ ބާއްވަމުންދާ ޖަލްސާގައި މައުމޫންގެ ފަރާތުން ފޮނުއްވި ޚިތޯބުގައި މައުމޫން ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތައް ކުރަމުންދާ މަސައްކަތުގައި، މިތިބީ ވަރަށް ސާބިތުކަމާއި އެކުގައި ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އެ ގުޅުމަށް ބުރުލެއް ނޭރުވޭނެކަމަށާއި، އަދި އަޒުމަކަށްވެސް އެއްވެސް ފަރާތަކަށް ގުޑުމެއް ނޭރުވޭނެކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫންގެ އެ ބަޔާނުގައި ވަނީ، ރައީސް ނަޝީދާއި، ގާސިމް އިބްރާހިމްގެ އިތުރުން، ޝެއިހް އިމްރާން އަބްދުﷲ މައްޗަށް އިއްވަވާފައިވާ ނުހައްގު ޖަލު ހުކުމްތައް ބާތިލްކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންވެސް މިނިވަން ކުރުމަށް ވަނީ ގޮވާލައްވާފައެވެ.
ގުޅިފައިވާ ޕާޓީތަކުން ގުޅިގެން މި ކުރާ މަސައްކަތަކީ މި ރާއްޖެއަށް ދިމާވެފައިވާ ނުރައްކާތެރި ނާމާން ކަންތައްތަކަކުން ގައުމު ސަލާމަތްކޮށްދިނުންކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ކުރުމަށް ސިޔާސީ ގޮތުންނާއި، އިޖްތިމާއީ ގޮތުން ގައުމަށް ދިމާވެފައިވާ ނުރަނގަޅު ކަންތައް މިންޖު ކުރުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރައްވާނެކަމަށްވެސް މައުމޫންގެ އެ ބަޔާނުގައި ވެއެވެ.
"ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ގެއްލިފައިވާ ޑިމޮކްރޮސީގެ ރީތި އުސޫލްތައް އަނބުރާ ގެނެސްދެވޭތޯ ކުރާ މަސައްކަތް. ރައްޔިތުންގެ މަޖިލީހުގެ ބާރު ކެނޑި ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ ބައެއް މަންދޫބުން އެއްވެސް ހަމައެއް ނެތި އެ މީހުންގެ މަގާމުން ވަކިވެއްޖެކަމަށް ބުނާ މަންދޫބުންގެ އަޑުތައް އިވުނަ ނުދޭން ކުރާ މަސައްކަތްތައް ހުއްޓުމަށް ކުރާ މަސައްކަތް". މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަމުން ދަނީ ގައުމުން ކޮރަޕްޝަންވެސް ނައްތާލުމަށް ކަމަށެވެ. އަދި މި ގައުމުން އެކަންތައް ނައްތާލުމަށް ގުޅިފައިވާ ޕާޓީތަކުން އެ ތިބީ އެއްބައިވެގެންކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ