ޔަމަނުގެ ސްކޫލް ބަހަކަށް ދިން ހަމަލާއެއްގައި 29 ކުޑަކުދިން މަރުވެއްޖެ

ޔަމަނުގެ ސްކޫލް ބަހަކަށް ދިން ވައިގެ ހަމަލާއެއްގައި 29 ކުޑަކުދިން މަރުވެއްޖެއެވެ.ޔަމަނުގެ ސުކޫލް ބަހަށް އެ ހަމަލާ އަރާފައި ވަނީ ހޫތީއިން ބަލަހައްޓާ ސަރަހައްދެއްގެ ކައިރިން ދުއްވާފައި ދަނިކޮށް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ)އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އައިސީއާރުސީގެ މެޑިކަލް ޓީމެއް މި ހާދިސާ ހިނގި ސަރަހައްދުގެ ހޮސްޕިޓަލުގައި ހަރަކާތްތެރި ވަމުންދާކަމަށެވެ. އަދި މަރުވެފައިވާ 15 އަހަރުން ދަށުގެ 29 ކުޑަކުދިންގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އެ ހަމަލާގައި އަނިޔާވެގެން 30 ކުޑަކުދިންނާއި 18 މީހުން ފަރުވާހޯދުމަށް ހޮސްޕިޓަލަށް ގޮސްފައިވާ ކަމަށް އައިސީއާރުސީއިން ބުނެއެވެ. އެ ހަމަލާގައި ޖުމްލަ 50 މީހުން މަރުވެ 77 މީހުންނަށް އަނިޔާވެފައިވާ ކަމަށް އައިސީއާރުސީއިން ބުނެއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި، އެ ބަހަށް ހަމަލާދީފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ޑަހްޔާން ސިޓީގެ ބިޒީ މާކެޓެއްގެ ބޭރުގައެވެ. ބޭރުގެ ގިނަ މީޑިއާތަކުން އެ ހަމަލާ ދިންކަމަށް ސައުދީ ޔޫއޭއީ އެލަޔަންސަށް ތުހުމަތު ކުރުމާއި އެކު އެ އެލަޔަންސުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ހަމަލާ އަކީ އެ އެލަޔަންސުން ޔަމަނުގެ ސާޑައް ސިޓީއަށް ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް އެ ހަމަލާ އަކީ ހޫތީންނަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ