ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދު މޫސުން ރަނގަޅު ވާނެ

ރާއްޖޭގެ ހުރިހާ ސަރަޚައްދަކަށް ވެސް މިއަދު މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު ނެރުއްވި ބަޔާނުގައި ވިދާޅުވީ މިއަދު ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 07 މެލާ 15 މޭލު ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
ރާއްޖޭގެ ކަނޑުތައް އުތުރާއި މެދުތެރޭގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އަދި ދެކުނުގައި އާދައިގެވަރަކަށް މަޑުވާނެ ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
އީދު ޗުއްޓީ އަށް ތައްޔާރުވެފައި ވަނިކޮށް މިދިޔަ ހަފްތާގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ވިއްސާރަ ކޮށްފައެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ މޫސުން ގޯސްވީ މިސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކަމަށެވެ.
ރާއްޖެ އާއި އަވައްޓެރި އިންޑިއާގެ ކެރެލާ އަށް ވެސް މިމަހުގެ 08 ދުވަހުން ފެށިގެން ދަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ. ނަމަވެސް ކެރެލާ އަށް ކުރަމުންދާ ވިއްސާރަ އާއި ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅުމެއް ނެތް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ