ލޯކަލް ކައުންސިލް އިންތިހާބު: ގައުމުގެ ހާލަތު އޮތްގޮތުން ޑީއާރުޕީ އަށް ވޯޓް ދިނުން ވާޖިބު ކަމަށް ޒައީމު މައުމޫން ވިދާޅުވެއްޖެ

ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުން ދިވެހިނަށް ވާޖިބު ކަމަށް ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށްޓަކައި ދަރުބާރުގޭގެ ފުރަގަހުން އޮންނަ އުސް ފަސްގަނޑުގައި ޑީއާރުޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެ އޮތް ހާލަތުން، ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ބަދަލުވި ފަހުން، މިހާރު ދިވެހިރައްޔިތުން އިތުރަށް ފަގީރުވަމުންދާ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރުދެއްކުމާއި ވަކި ކުލެއެއްޖެހިފައިވާ ބަޔަކަށް ނޫނީ ވަޒީފާ ނުލިބޭ ކަމަށް ރައިސް މައުމޫން ވިދާޅުވި އެވެ. އަދި ސަރުކާރުން ރާވާ ތަރައްގީގެ މަޝްރޫތައް ލިބެނީ ވެސް ވަކި ބަޔަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ޑީއާރުޕީއަށް ކާމިޔާބު ނުކުރެވިއްޖެ ނަމަ، އިސްލާމީ އަގީދާ ދިވެހި ރާއްޖޭގައި ނުދެމެހެއްޓޭނެ ކަމަށާއި ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރި ކުރެވޭނީ ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ކަމަށެވެ.
ކުރީގެ ސަރުކާރުން ރާއްޖެއަށް ގެނައި ފުރިހަމަ ޑިމޮކްރަސީ މިހާރު ނެތިގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ރައީސް މައުމޫން ވިދާޅުވީ މިއަދުގެ ސަރުކާރުން ޑިމޮކްރަސީ "ހައިޖެކް"ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ގާނޫނު އަސީސީއަށް މި ސަރުކާރުން އަމަލު ނުކުރާ ކަމަށާއި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައިފައިވާ އިރު، އިސްލާމް ދީނަށް ބޮޑެތި ނުރައްކާތެރިކަން ކުރިމަތިވެފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"ގާނޫނުތަކަށް ހުރިމަތްތެރިކޮށް ނުހިތާ. ރައްޔިތުންގެ މެދުގައި އޮތް ހަމަހަމަކެއް ނެތް. ދީނަށް މިވަނީ ބޮޑެތި ނުރައްކާތެރިކަމެއް ކުރިމަތިވެފައި. އިގްތިސާދީ ފުދުންތެރިކަން އަޅުގަނޑުމެންގެ އަތުން ނެތިގޮސްފި. މިނިވަން މުއައްސަސާތުކުގެ ބާރު ކަނޑުވާލައިފި." ޑިއާރުޕީގެ ޒައީމް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހިންގެ އުންމީދުތައް ހާސިލް ކުރެވެނީ ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ވޯޓްދީގެން ކަމަށާއި ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ކެނޑިޑޭޓުންނަށް ވޯޓްދިނުން ވާޖިބު ކަމަށެވެ.
"އެއްވެސް ސަބަބަކާ ހުރެ ވޯޓް ދެއްވަން ވަޑައިގަތުމަކީ އިހްތިޔާރެއް ނޫން. އަޅުގަނޑުމެންދަށް މަޖުބޫރު ވޯޓް ދިނުމަށް. އެއީ އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ވޯޓްދިނުމަށް. އެއީ ކުރިން ދެންނެވި ސަބަބުތަކާހުރެ."
ރޭގެ ޖަލްސާގައި މާލޭ ސިޓީ ކައުންސިލަށް ޑީއާރުޕީގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓުން ތައާރަފްވެވަޑައިގެނެވި އެވެ. އެ ޖަލްސާގައި ރައީސް މައުމޫންގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ