ބަޖެޓުގައި ތަފާތުކުރުންތައް ގެންގުޅެނީ އަނިޔާވެރިވުމަށް - ގާސިމް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ބޮޑެތި ތަފާތު ކުރުންތަކެއް އެބަހުރި ކަމަށާއި ތަފާތުކުރުންތައް ގެންގުޅެނީ ރައްޔިތުންނަށް އަނިޔާވެރިވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ބަޖެޓް ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ގާސިިމް ވިދާޅުވީ ޕީޕީއެމްއިން ކަންކަން ކުރަމުން ގެންދަނީ ގާނޫނާއި ހިލާފަށް ކަމަށާއި ދައުލަތުގެ މާލިއްޔާ ކައި ހުސްކޮށްލާއިރު އަބަދު ދޫކޮށްލައިގެން ނުތިބެވޭނެ ކަމަށެވެ.
އަދި ބަޖެޓަކީ އިންސާފުން އެއްކިބާވެފައިވާ ބަޖެޓެއް ކަމަށާއި އެ ބަޖެޓުގައި މިނިވަން މުއައްސަސާތަކުގެ މިނިވަންކަމާއި ބާރުކަނޑުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަނިޔާވެރިއެއް ނުވެވޭނެ އަބަދަކު، މާލިއްޔާ ކައި ހުސްކޮށްލާއިރު އަޅުގަނޑުމެންނަށް ދޫކޮށްލައިގެނެއް ނުތިބެވޭނެ،" ގާސިމް ވިދާޅުވިއެވެ.
2015 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ރިކަރެންޓު ހަރަދުގެ ގޮތުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 15.8 ބިލިއަން ރުފިޔާއެވެ. މިއީ މުޅި ބަޖެޓުގެ 65 އިންސައްތައެވެ. ބަޖެޓުގެ 26 އިންސައްތައަކީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށްދާ ހަރަދެވެ. އަދި ސޯޝަލް ސެކިއުރިޓީ އާއި ވެލްފެއާއަށް 13 އިންސައްތަ، އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ހަރަދަށް 8 އިންސައްތައެވެ.
މި ބަޖެޓުގެ 35 އިންސައްތަ ހަރަދުވާނެ ކަމަށް ބެލެވެނީ ކެޕިޓަލް ހަރަދަށެވެ. ކެޕިޓަލް ހަރަދަށް ބަލާއިރު އެންމެ ބޮޑު ހަރަދެއް ދަނީ ޕަބްލިކް ސެކްޓަރ ޕްރޮގްރާމްސްގެ މަޝްރޫއުތަކަށާއި ލޯން ދެއްކުމަށް ކުރާ ހަރަދެވެ.
2015 ވަނަ އަހަރުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 21.5 ބިލިއަން ރުފިޔާއެވެ. މީގެތެރޭގައި ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރާ 13 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތަށް ލިބޭނެ ކަމަށް ކަމަށް ލަފާކުރާ 6.8 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 1.7 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި އާމްދަނީ ހުށަހަޅާ ކަންތައްތަކުން ލިބޭނެ ކަމަށް ލަފާ ކުރާ 3.4 ބިލިއަން ރުފިޔާ ވެސް ހިމެނިފައިވާނެއެވެ.
ބަޖެޓުގެ ޑެފިސިޓަކީ 1.3 ބިލިއަން ރުފިޔާއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 2.5 އިންސައްތައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ