ސިވިލްކޯޓުގެ އެންމެ ރަނގަޅު ގާޒީ އާއި މުވައްޒަފު ހޮވަނީ

މިއަހަރުގެ އެންމެ ރަނގަޅު ގާޒީ އާއި މުވައްޒަފު ހޮވަން ނިންމާފައިވާކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
ސިވިލް ކޯޓުން ބުނެފައިވަނީ ގާޒީންނާއި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުލަ އާއި ހަނދާނީލިޔުން އަދި ފިލާ ދިނުމަށް ނިންމާފައިވާކަމަށެވެ.
އެންމެ ރަނގަޅު ގާޒީ އާއި މުވައްޒަފުގެ އަގު ވަޒަންކުރުމުގެ ބޭނުމަކީ މުރާލިކަމާއި ހީވާގިކަމާ އެކު މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދީ، މަސައްކަތުގެ އަގު ވަޒަންކޮށް މަސައްކަތުގެ ރޫހު އާލާކުރުމާއި ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިޔުންކަމަށް އެ ކޯޓުން ހާމަކޮށްފައިވެއެވެ.
އެގޮތުން އަގުވަޒަންކުރުމުގެ ހަނދާނީ ފިލައާއި ހަނދާނީ ލިޔުން އަދި ކުލަ، ގާޒީންނަށް ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި އެންމެ ގިނަ މައްސަލަ ނިންމި ގާޒީއަކަށްވުމާއި ގާޒީއެއްގެ އަތްޕުޅުގައި މައްސަލައެއް އޮންނަތާ ދެ އަހަރުވެފައިނުވުން ހިމެނޭ ކަމަށާއި، އިދާރީ މުވައްޒަފުންގެ ތެރެއިން މަސައްކަތުގައި ނަމޫނާ މުވައްޒަފާއި ހާޒިރީން ނަމޫނާ މުވައްޒަފު ހޮވުމަށް ހަމަޖެހިފައިވާކަމަށް އެ ކޯޓުން ބުނެއެވެ.
ހާޒިރީން ނަމޫނާ މުވައްޒަފު ހޮވާއިރު 12 މަސް ދުވަހު ވަޒީފާ އަދާކޮށްފައިވޭތޯ އާއި ޕާފޯމަންސް އެޕްރައިޒަލުން 80 ޕަސެންޓު ލިބިފައިވޭތޯ އާއި ފިޔަވަޅެއް އަޅާފައިވޭތޯ އާއި ތިން ދުވަހަށްވުރެ ގިނައިން ގަޑިޖެހިފައިވޭތޯ އާއި އެއްވެސް ދުވަހަކު 10 މިނެޓަށް ވުރެ އިތުރަށް ގަޑިޖެހިފައިވޭތޯ އާއި ކޯޓުން ހިންގާ އިޖުތިމާއީ ކަންކަމުގައި ބައިވެރިވެފައިވޭތޯ ވެސް ބަލާނެކަމަށް ސިވިލް ކޯޓުން ބުނެއެވެ.
މަސައްކަތުގައި ނަމޫނާ މުވައްޒަފު ހޮވާއިރު، މިއަހަރު މަދުވެގެން ހަ މަސް ދުވަހު އެ ކޯޓުގައި ވަޒީފާ އަދާކޮށްފައިވާ މީހެއްތޯ ބަލާނެ ކަމަށާއި، ޕާފޯމަންސް އެޕްރައިޒަލުން 80 ޕަސެންޓު ލިބިފައިވުމާއި މިއަހަރުގެ ތެރޭގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމާއި ދިހަ ދުވަހަށްވުރެ ގިނައިން ގަޑިޖެހިފައިނުވުމާއި އެއްވެސް ދުވަހެއްގައި 10 މިނެޓަށްވުރެ ގިނައިން ގަޑިޖެހިފައިވޭތޯ ވެސް ބަލާނެކަމަށް ސިވިލް ކޯޓުން ބުނެއެވެ.
މީގެ އިތުރުން ނަމޫނާ މުވައްޒަފު ހޮވާއިރު، 15 ސަލާމަށްވުރެ ގިނަވެފައި ނުވުމާއި ކޯޓުން ހިންގި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެފައިވޭތޯ ބަލާނެކަމަށް އެ ކޯޓުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ