ވަކި މިވެނި މީހަކު ނައިބަކަށް ގެންނަވާށޭ ދެންނެވުމުގެ ޖާގައެއް ނޯންނާނެ: ރައީސް މައުމޫން

ނައިބު ރައީސްގެ މަގާމަށް ވަކި ބޭފުޅަކު އައްޔަން ކުރައްވާށޭ ރައީސުލްޖުުމްހޫރިއްޔާ އަބްދުﷲ ޔާމީން ކައިރީ ދަންނަވާފައެއް ނޯންނާނެ ކަމަށާއި ވަކި މިވެނި މީހަކު ނައިބަކަށް ގެންނަވާށޭ ދެންނެވުމުގެ ޖާގައެއް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އޮމާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނަކީ ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތާ ބޭފުޅެއް ކަމަށާއި ވަކިބޭފުޅަކު ނައިބު ރައީސްއަކަށް ގެންނެވުމަށް ރައީސް މައުމޫން ދަންނަވާފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
"އެހެންވީމަ ދެން އެއީ އަޅުގަނޑުމެން ކޮންމެމީހަކު ވެސް ވަކިވަކިން މިވެނި މީހަކު ހޮއްވަވާ ދެއްވާށޭ އެހެން ދަންނަވާނެ ޖާގަ އޮތްކަމެއް ނޫން. އަޅުގަނޑަކީ ވަރަށް ގާނޫނުއަސާސީ ހުރުމަތްތެރިކޮށް ހިތާ ހުރިހާ ގާނޫނުތަކަށް ބޯލަނބާ މީހެއްވީމަ އަޅުގަނޑު ނުދަންނަވަން ވަކި ބޭފުޅަކަށް ދެއްވާށޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އިންތިހާބުވެފައިވާ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެނަމަ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތަށް ވެސް ރައީސް މައުމޫން ވަނީ އަލިއަޅުވާލައްވާފައެވެ.
"އަޅުގަނޑު ވަކި ބޭފުޅަކަށް ނައިބު ރައީސްކަން ދެއްވަން ދަންނަވާފައެއް ނޯންނާނެ. އިންތިހާބުވެފައިވާ ނައިބު ރައީސަކު ސަބަބަކާހުރެ އެމަގާމު ދޫކޮށްލައްވަން ޖެހިވަޑައިގެންފިނަމަ ނުވަތަ އެމަގާމު ހުސްވެއްޖެއްޔާ ދެން އެމަގާމަށް ބޭފުޅަކު އައްޔަންކުރަން މިއޮންނަނީ ގާނޫނުއަސާސީގައި ބުނެފައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަމެކޭ. ރައީސުލްޖުމްހޫރިއްޔާ އެކަން ކުރައްވާފައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ. މަޖިލީހުން އެނަން ފާސްކުރަންޖެހޭ. މިގޮތަށް މިއޮންނަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ