މިއަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓްގައި ހުނާނީ 214.7 މިލިއަން އެމެރިކާ ޑޮލަރު - ރައީސް

މިއަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓްގައި ހުންނާނީ 214.7 މިލިއަން އެމެރިކާ ޑޮލަރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި އޮތް 2015 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ޚަރަދުތަކާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރު، 2014 ވަނަ އަހަރު ސަރުކާރުގެ ޑެފިސިޓް ވަނީ 2013 ވަނަ އަހަރާ އަޅާބަލާއިރު ކުޑަވެފައި ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ސަރުކާރުގެ ޑެފިސިޓް ހުރީ 1.6 ބިލިއަން ރުފިޔާގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓްގައި ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދަކީ 214.7 މިލިއަން އެމެރިކާ ޑޮލަރު ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
" އެންމެފަހުގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތަކަށް ބަލާއިރު، 2015 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 214.7 މިލިއަން އެމެރިކާ ޑޮލަރަށް ނުވަތަ ޖީޑީޕީގެ ނިސްބަތުން %6 އަށް ދަށްވާނޭކަމަށް އަންދާޒާކުރެވޭ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި 2014 ވަނަ އަހަރަށް ލަފާކުރި ކަރަންޓް އެކައުންޓް ޑެފިސިޓަކީ 290 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި އެއީ ޖީޑީޕީގެ ނިސްބަތުން %10 ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއަހަރަށް ލަފާ ކޮށްފައިވާ ކަރަންޓް އެކައުންޓް ޑެފިސިޓަކީ މިދިޔަ އަހަރާ އަޅާ ބަލާއިރު 76 މިލިއަން އެމެރިކާ ޑޮލަރު ދަށް އަދަދެކެވެ.
ރިޔާސީ ބަޔާން އިއްވަމުން އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ނުހިމެނޭ 24 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެ އިންވެސްޓްމަންޓުތަކުން ކުރިއަށް އޮތް 5 އަހަރަށް ޖުމްލަ 9.8 ބިލިއަން ރުފިޔާ، ދިވެހިރާއްޖޭގައި އިންވެސްޓް ކުރާނެކަމަށާއި އެއީ ފާއިތުވެ ދިޔަ އަހަރާ އަޅާ ބަލާއިރު %170ގެ ކުރިއެރުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް، އަދި މެދު ފަންތީގެ މީހުންނަށްވެސް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާކުރުމުގެ މަސައްކަތްތަކެއް މިހާރު ދަނީ ކުރެވެމުން. ރިޒޯޓް ތަރައްޤީ ކުރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިހުރި ރަށްތަކުގެ ތެރެއިން އެގްރީމަންޓާ ޚިލާފުވެގެން ވަކިކުރަންޖެހޭ ފަރާތްތަކުގެ ކިބައިން ރަށްތައް މިގެންދަނީ ވަކިކުރަމުން. އަދި އާ ރިޒޯޓުތައް ތަރައްޤީ ކުރުމަށް މިއަހަރުގެ ތެރޭގައި، ޖޮއިންޓް ވެންޗަރ އުޞޫލުންނާއި، ބީލަމުގެ އުޞޫލުން 22 ރަށެއް ދޫކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ