ނޮޅިވަރަމް ދާއިރާގެ މެންބަރު ޕީޕީއެމްއިން ވަކިވެވަޑައިގެންފި

ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ވަކިވެވަޑައިގެންފިއެވެ.
ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގުޅިގެން އިއްޔެ ހަވީރު ބޭއްވި މުޒާހަރާގައި އަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މުޒާހަރާގައި ހުސައިން އަރީފު ހުންނެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދޫކޮށްލުމަށް ގޮވާލާ ޕޯސްޓަރެއް ހިއްޕަވައިގެންނެވެ.
ރާއްޖެ ޓީވީއަށް މައުލޫމާތުދެއްވަމުން އަރީފް މިއަދު ވިދާޅުވީ އޭނާގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ހިއްސާ ކުރައްވާފައިވާނެ ކަމަށާއި އެގޮތުން ރައީސް ޔާމީނާއި ވަކިން ބައްދަލު ކުރައްވާފައިވާނެ ކަމަށެވެ.
އަދި ޕީޕީއެމް އާއި ގުޅުނު މައިގަނޑު ސަބަބަކީ ސިޔާސީ ފަރާތްތައް ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ލީޑަރުން ހައްޔަރު ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ޕީޕީއެމަށް ބަދަލުވުމުގެ މަޝްވަރާގެ ތެރޭގައި ވެސް ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އެ ވާހަކަ ދެންނެވުމުން އެކަން ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހުކުރު ދުވަހުގެ މުޒާހަރާއިން ރައްޔިތުން ތިބި ގޮތް ވަރަށް ސާފުކޮށް އެނގެގިގެން ހިގައްޖެ ކަމަށާއި ސަރުކާރުން އުޅެނީ ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ބަދަލުގައި ސިޔާސީ ލީޑަރުން ހައްޔަރުކޮށް ބިރު ދެއްކުމަށް ކަމަށް ވެސް ހަސަން އަރީފު ވިދާޅުވިއެވެ.
އަރީފް ނޮޅިވަރަމް ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވީ ޖޭޕީގެ ޓިކެޓުގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި އަރީފް ވަނީ ޕީޕީއެމަށް ސޮއިކުރައްވާފައެވެ.
އަރީފު ހިނގާލުމުގައި ބައިވެރިވެވަޑައިގެންނެވި އިރު، އަނެއްކާ ވެސް ޖޭޕީއާއި ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ