އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލަށް މައިގަނޑު 3 އިސްލާހެއް ގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، އެ ބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައެވެ. އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިބިލު އަލުން މަޖިލީހަށް ބަލައިގަނެ، އިޖުތިމާޢީ ކޮމިޓީން ވަނީ އިސްލާހުތައް ގެނެސްފައެވެ. އެގޮތުން، ކުރިން ބިލުގެ 7ވަނަ މާއްދާއިން އުނިކުރި ދެ އަކުރެއް ވަނީ އިތުރުކޮށްފައެވެ. ގުނަވަން ހަދިޔާ ކުރާ މީހުންގެ ޝަރުތުގެ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުމާއި، ކުށުގެ ތުހުމަތެއްގައި ނުވަތަ ޝަރުޢީ ހުކުމެއް ތަންފީީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން ވަނީ އިތުރުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ގައިދުވެ، ޚާއްސަ ހާލަތެއްގައި ތިބޭ މީހުން ކަމުގައިވާއިރު އެ މީހުންނަކީ ފުރިހަމަ ރުހުމާއެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއްނެތި ގުނަވަނެއް ހަދިޔާކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ފަދަ ބައެއްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ބަންދުގައި ތިބޭ މީހުންނާއި، ގައިދީންނަށް ގުނަވަން ހަދިޔާ ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ މަދު ޤައުމުތަކުގައިވެސް އެކަން ކުރަމުންދަނީ އާންމު ހާލަތުގައި ބަލައި، ކަށަވަރުކުރަން ޖެހޭ ކަންކަމުގެ އިތުރަށްވެސް އިތުރު ކަންތައްތަކެއް ބަލައި ކަށަވަރު ކުރުމަށްފަހު ކަމަށާއި، އެފަދަ މީހުންނަށް ގުނަވަން ހަދިޔާކުރުމުގެ އިތުރު އުސޫލުތަކެއް އަދި އިޖުރާއަތްތަކެއްނެތި އެފުރުސަތު ދިނުމަކީ، ޤާނޫނު ތަންފީޒު ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ފާހަގަކުރެވޭ ކަމަށްވެސް ރައީސް ފޮނުއްވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.
މި ބިލަށް ކޮމިޓީ މަރުހަލާގައި ގެންނެވި އިތުރު އިސްލާޙުތަކުގެ ތެރޭގައި ރުހުންނެތި ގުނަވަން ނެގުމާއި، ޤާނޫނާ ޚިލާފަށް ޓްރާންސްޕްލާންޓް ކޮށްފި ހާލަތެއްގައި އެ މީހަކަށް އަދަބެއްގެ ގޮތުގައި ޤިސާސް ހިފުމާއި، ގުނަވަނަށް ދިޔަ ދިނުމަށް ކަނޑައަޅާފައިވާ ބައި ވަނީ އުނިކޮށްފައެވެ. އަދި އެފަދަ ކުށެއް ކޮށްފިނަމަ 150،000 ރުފިޔާއާއި، 250،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ކުރިން ޤާނޫނު ތަސްދީގުކުރާތާ 180 ދުވަހުގެ ތެރޭގައި ޤާވާއިދުތައް ހަދަން ބަޔާންކޮށްފައި އޮތް ނަމަވެސް އެ ބިލުގެ އެހެން ބައެއް މާއްދާތަކާއި، އެ މާއްދާ ފުށުއަރާތީ ޤާނޫނަށް އަމަލުކުރާތާ 180 ދުވަހުގެ ތެރޭގައި ޤަވާއިދުތައް ހަދަންޖެހޭ ގޮތަށް ވަނީ އިސްލާހުކޮށްފައެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ތަސްދީގުކުރާތާ 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޤާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އޯގަން ޓްރާންސްޕްލާންޓް ކައުންސިލް އުފައްދަން ޖެހޭކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުތަކާއެކު އިޖުތިމާޢީ ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުން ބިލު ފާސްކޮށްފައިވަނީ، ޖަލްސާގައި ވޯޓު ދެއްވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
އިސްލާހުތަކާއެކު ގުނަވަން ޓްރާންސްޕްލާންޓުގެ ބިލު ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ