އިޤްތިޞާދީ ކުރިއެރުމާއި އިޖުތިމާޢީ ހަމަޖެހުމާއި ބިދޭސީން

ގައުމެއްގެ ތަރައްގީގެ ދުވެލި ހަލުވިކުރުމުގައި ބިދޭސީ މަސައްކަތްތެރިންނާއި އިންވެސްޓަރުންގެ ދައުރަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ފާހަގަކުރެވޭ މުހިންމު ކަންކަމެވެ. ނަމަވެސް، މި ދައުރު އެންމެ އެދެވޭ ގޮތެއްގައި އަދާކުރެވޭނީ އެ ގައުމެއްގެ އިސްތިގްލާލާއި، އިޖުތިމާއީ އަދި ސަލާމަތީ މަސލަހަތުތައް ރައްކާތެރިކުރެވޭ ފަދަ ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިންނެވެ. ދުބާއީއަކީ ބިދޭސީ މަސައްކަތްތެރީންނަށް މައްޗަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. ދުބާއީން އިގްތިސާދީ ހަމަޖެހުން ދަމަހައްޓަނީ "ކަފާލާ" ނިޒާމުގެ ހަރުދަނާ އުސޫލުތަކާއި، "ގޯލްޑަން ވިސާ" ފަދަ ގާނޫނީ ވަސީލަތްތައް މެދުވެރިކޮށެވެ. ކޮންމެ ބިދޭސީއަކީ ސަރުކާރުގެ ޑޭޓާބޭސްގައި ފިންގަރޕްރިންޓާއި ބަޔޯމެޓްރިކްސްއާއެކު ރަޖިސްޓަރީވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ އެ ގައުމުގެ އިޖުތިމާއީ ސަލާމަތުގެ ބިންގަލެވެ. ތިރީގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފެންނަނީ ދުބާއީގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންގެ ބޮޑު އާބާދީއެވެ. ދުބާއީގެ ޖުމުލަ އާބާދީގެ ގާތްގަނޑަކަށް 88% ނުވަތަ 90% އަކީ ބިދޭސީންނެވެ. އަމިއްލަ ސެކްޓަރުގައި މަސައްކަތްކުރާ މީހުންގެ 95% އަށް ވުރެ ގިނައީ ބިދޭސީންނެވެ. އެހާ ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރީން އުޅޭއިރު ވެސް ދުބާއީގައި ހަމަހަމަކަމާއެކު އެންމެންގެ މައްޗަށް ގާނޫނުތައް ތަންފީޒުކުރެއެވެ. ނިސްބަތުން ބަލާއިރު، ދުބާއީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރީންގެ އަދަދު ވަރަށް މަދުކަމުގައި ދެންނެވިދާނެއެވެ. ދުބާއީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނިސްބަތަކީ ގާތްގަނޑަކަށް 1%އާއި %3 އެވެ. މިއީ އެ ގައުމުގެ ހަރުދަނާ "އިލެކްޓްރޯނިކް ލޭބަރ ސިސްޓަމް"ގެ ނަތީޖާއެވެ. ދިވެހިރާއްޖޭގައި މިކަން އޮތްގޮތް ހުލާސާގޮތަކަށް ބަލާލުމުގެ ކުރިން އަދި އަވަށްޓެރި އެހެން ގައުމަކަށް ބަލައިލަމާތޯއެވެ. މި ދެންނެވި ތަފާސްހިސާބުތަކާއެކު ވެސް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިސާދީ ގައުމުތަކުގެ ތެރޭގައި ދުބާއީ ހިމެނޭއިރު އެއީ ނަމޫނާ ތަހުޒީބު ގައުމެކެވެ. އިތުރު އެހެން ގައުމަކަށް ބަލައިލަމާތޯއެވެ. މެލޭޝިޔާއަކީ ވަރަށް ގިނަ ދިވެހީން ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ޒިޔާރަތްކުރާ ވަރަށް ހިތްގައިމު ރީތި ގައުމެކެވެ. ދިވެހީންނަށް ދިރިއުރުޅެން ވަރަށް ފަސޭހަ ތަނެކެވެ. މެލޭޝިޔާއިން ގެންގުޅެނީ މަލްޓި-ޓިއަރ ލެވީ ނިޒާމެކެވެ. އަދި އެއީ ވަކިވަކި ސިނާއަތްތަކަށް ބޭނުންވާ ބިދޭސީންގެ އަދަދު ކޯޓާއަކުން ކަނޑައަޅައި، ބިދޭސީންނަށް ބަރޯސާވާ މިންވަރު އިތުރުވާވަރަކަށް ދައްކަންޖެހޭ ފީ ބޮޑުވާ ނިޒާމެކެވެ. މީގެ ބޭނުމަކީ އިގްތިސާދަށް ބޭނުންވާ މިންވަރަށް ބިދޭސީން ބޭތިއްބުމާއެކު، އިޖުތިމާއީގޮތުން ދިމާވެދާނެ ނުރައްކާތައް ކުޑަކުރުމެވެ. މެލޭޝިޔާއަކީ ސިނާއީ މަސައްކަތްތަކަށް ބިދޭސީންނަށް ބަރޯސާވާ، ނަމަވެސް ވަކި އުސޫލުތަކަކުން އެކަން ކޮންޓްރޯލްކުރެވޭތޯ އުޅޭ ގައުމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މެލޭޝިޔާގެ ރަޖިސްޓަރީވެފައިވާ ބިދޭސީންގެ އަދަދަކީ ގާތްގަނޑަކަށް 2.2 މިލިއަން މަސައްކަތްތެރީންނެވެ. އެއީ ޖުމުލަ މަސައްކަތްތެރިންގެ ގާތްގަނޑަކަށް 15% އެވެ. މެލޭޝިޔާގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 1.2 މިލިއަނާއި 1.5 މިލިއަނާ ދެމެދުގައި ހުރިކަމަށް ތަފާސްހިސާބުތަކުން އެނގެއެވެ. މިއީ އެ ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ ގޮންޖެހުމެވެ. ސިނާއީ ކަންކަން ބެހިފައިވާގޮތަށް ބަލާއިރު ދަނޑުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާގެ 40% އަކީ ބިދޭސީންނެވެ. މިއީ ވަރަށް ބޮޑު އަދަދެކެވެ. އިމިގްރޭޝަނުން ބޯޓެއް ކައިރީ ހަރަކާތްތެރިވަނީ: -- ފޮޓޯ/ އިމިގްރޭޝަން ދެން ދިވެހިރާއްޖޭގައި މިކަންކަން ހުރީ ކިހިނެއްތޯ ބަލައިލަމާ ހިނގާށެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ދެ ހަރަކާތްކަމުގައިވާ ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ މަސައްކަތްތެރީންގެ ދާއިރާ ބިނާވެފައިވަނީ ބިދޭސީ މަސައްކަތްތެރީންގެ މައްޗަށެވެ. ނަމަވެސް، ރާއްޖޭގައި މިކަން އޮތީ "ގާނޫނީ ތަރަހައިގެ" ތެރެއިން ބޭރުވެފައިވާ މިންވަރެއްގައޭ ދެންނެވުމަކީ ކުށަކަށްވާނެހެނެއް ހިއެއް ނުވެއެވެ. ދިވެހިރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިގްތިސާދީގޮތުން ބިދޭސީންނަށް ބަރޯސާވާ މިންވަރު ވަރަށް މައްޗެވެ. އަދި ފަހަކަށް އައިސް، މަސްވެރިކަމުގެ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން އުޅޭ މިންވަރުވަނީ އިންތިހާއަށް އިތުރުވެފައެވެ. ދެހާސްބާވީސްވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބިތަކުން އެނގޭގޮތުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދަކީ ގާތްގަނޑަކަށް 132,416 އެވެ. މިއީ ޖުމުލަ އާބާދީގެ ގާތްގަނޑަކަށް 26% އެވެ. ވަޒީފާގެ ބާޒާރަށް ބަލާއިރު ރާއްޖޭގެ މަސައްކަތްތެރީންގެ އާބާދީގެ ގާތްގަނޑަކަށް 45% އަކީ ބިދޭސީންނެވެ. ހާއްސަކޮށް އިމާރާތްކުރުމުގެ ދާއިރާގެ 80% އަކީ ބިދޭސީންނެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ވާހަކައަކީ އަޑުހަރުކޮށްދައްކާ އަދި ދައްކަންޖެހޭ ވާހަކައެކެވެ. އަދި އެކަމަށްޓަކައި ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހި، ފިޔަވަޅުތައް ނޭޅި ގަނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޒިންމާ ފުރިހަމައަށް އަދާނުކުރުމުގެ ސަބަބުން، ގައުމީ "ކާރިސާއަކަށް ވެފައިވާ" މައްސަލައެކެވެ. ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ގާތްގަނޑަކަށް 60,000 އަށްވުރެ ގިނަ ބިދޭސީން ގަވާއިދާ ހިލާފަށް އުޅޭކަމަށް ލަފާކުރެވެއެވެ. އެކަމުގެ ސަބަބުން ގައުމުގެ އިގްތިސާދުގެ ތެރެއިން ވަރަށް ގިނަ އަދަދެއް ބޭރު ފައިސާ ގައުމުން ބޭރުކުރާކަން ދައުލަތުގެ އިދާރާތަކުން ނެރޭ ތަފާސްހިސާބުތަކުން ފެންނާން އެބަހުއްޓެވެ. މި ފާހަގަކޮށްލި ކަންކަމަށް ބަލާއިރު އިގްތިސާދީ ގޮތުން ނުކުންނަނީ ކޮން ނަޖީތާއެއްތޯ ވެސް ބަލައިލަންޖެހެއެވެ. އަހަރެއްގެ މައްޗަށް ބިދޭސީން ރެމިޓެންސްގެ ގޮތުގައި ގާތްގަނޑަކަށް 500 ނުވަތަ 600 މިލިއަން ޑޮލަރު ރާއްޖޭން ބޭރުކުރާކަމަށް މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައެވެ. މިއީ ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް ބަލާއިރު ކޮންމެ އަހަރަކު ގައުމުން ބޭރަށް ގެންދާ ބޭރު ފައިސާގެ ވަރަށް ބޮޑު އަދަދެވެ. އަދި މިއާ ގުޅިގެން ހިނގަމުންދާ އެހެން ކަމަކަށް ބަލާނަމަ، އޭގެ ތަފުސީލީ ރިޕޯޓެއް އަލުން ލިޔަންޖެހޭ ފަދަ ގިނަ ކަންތައްތަކެއް އެކުލެވިފައިވާ ހައްސާސް އެތައްކަމެއް އޭގައި އެކުލެވިފައިވާ މައްސަލައެކެވެ. ޖުލައި 19، 2020: ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ މަތީގައިވާ ތަފާސްހިސާބުތަކުން އެނގެނީ ދުބާއީ ފަދަ ގައުމުތަކުން ބިދޭސީންގެ ބޮޑު އާބާދީއެއް ގެންގުޅެނީ ވަރަށް ހަރުދަނާ ޑިޖިޓަލް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ކަމެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު، އިގްތިސާދީގޮތުން ބިދޭސީން މުހިންމު ނަމަވެސް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނިސްބަތް (ގާތްގަނޑަކަށް ބިދޭސީ އާބާދީގެ ދެބައިކުޅަ އެއްބައި) މަތިވުމަކީ، އިޖުތިމާއީ އަދި އިގްތިސާދީ ހަމަޖެހުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މިދެންނެވި ކަންކަމަށް ހާއްސަ ގާނޫނުތައް ނެތީކީއެއް ނޫނެވެ. ހުރި ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުނުކުރެވެނީއެވެ. މަައުލޫމާތަށްޓަކައި އޭގެ ބައެއް ގާނޫނުތަކުގެ ނަން ހިމަނާލާނަމެވެ. "ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު" ފުރިހަމައަށް ތަންފީޒުކުރުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. ރާއްޖޭގައި ބިދޭސީންގެ ކަންކަން ބަލަހައްޓަނީ "ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނު" އާއި "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" ގެ ދަށުންނެވެ. އަދި "ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު" އަކީ ވެސް މުހިންމު އިޖުރާއަތެކެވެ. ކަންމިހެން އޮތްއިރު، ސައްހަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެކެވެ. މީގެ ސަބަބުން ކުށްކުރުން އިތުރުވުމާއި، ބޭރު ފައިސާ ވަގަށް ބޭރުވުމާއި، އަދި ދިވެހި މަސައްކަތްތެރީންގެ ވަޒީފާގެ ފުރުސަތުތައް ގެއްލެން މެދުވެރިވެއެވެ. ރާއްޖޭގެ އިގްތިސާދު ބިދޭސީންނަށް ބޭނުންވި ނަމަވެސް، ގާނޫނުގައި ބަޔާންކުރާ ހަމަތަކުން ބޭރުން ބިދޭސީންނަށް އުޅުމުގެ ފުރުސަތު ދިނުމަކީ ގައުމީ ސަލާމަތަށް އޮތް ބިރެކެވެ. ގައުމީ މި ބޮޑު މައްސަލަ ހައްލުކުރުމަށް މިހާރު ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" އޮޕަރޭޝަނަކީ ބިދޭސީން ގާނޫނީ ތަރަހައިގެ ތެރެއަށް ވެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ ދަށުން ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި، އެ މީހުންނަކީ ކާކުކަން ދެނެގަނެ، ނިޒާމުގެ ތެރެއަށް ފެއްތުމަށް މަސައްކަތް ކުރެވެއެވެ. އެހެންކަމުން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓެނިވިކަމާއި އިޖުތިމާއީ ހަމަޖެހުން އޮތީ، ބިދޭސީން ގެނައުމާއި، ގެންގުޅުމާއި، އަދި އަނބުރާ ފޮނުވާލުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ތަންފީޒުކުރެވިގެންނެވެ. ގާނޫނާއި ގަވާއިދާ ހިލާފަށް ކަންކަން ކުރަން ހުޅުވިފައިވާ ދޮރުތައް ބަންދުކޮށްގެންނެވެ. ވަކި ބައެއްގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކޮށްގެންނެވެ. ގައުމުގެ ސިޔާދަތާއި އަމަންއަމާންކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ބަރާބަރަށް ތަންފީޒުކޮށްގެންނެވެ. ހަމަހަމަކަމާއެކު އެންމެންގެ މައްޗަށް އަމުރުމައުރޫފު ހިންގައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ