ކުނި މެނޭޖްކުރުމަކީ ކޮބައިކަން އެމްޑީއަށް ދަސްކޮށްދިނީ އަޅުގަނޑުމެން: މެމްބަރު ޝާހިދު
ދިވެހިރާއްޖޭގައި ކުންޏަކީ ކޯއްޗެއް ކަމާއި، ކުނި މެނޭޖުކުރުމަކީ ކޮބައިކަން ރާއްޖޭގެ ރައްޔިތުންނަށާއި ޚާއްސަކޮށް އިދިކޮޅު އެމްޑީޕީއަށް ދަސްކޮށްދިނީ މިހާރުގެ ސަރުކާރު ހިންގާ ޕީއެންސީން ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ. ޝާހިދު މިފަދައިން ވިދާޅުވީ ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުނި މެނޭޖުކުރިގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން މެމްބަރު ޝާހިދު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުގައި ކުނި މެނޭޖުކުރި ގޮތް ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. ނަމަވެސް އެއާއި ޚިލާފަށް މިހާރުގެ މި ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ކުނި އެއްކޮށް ނައްތާލެވިފައިވާ، ތިމާވެށްޓާ ރައްޓެހި އަދި ފަތުރުވެރިންނަށް ހިތްފަސޭހަ ގައުމަކަށް ހެދުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުނި ނެގުމުގެ ޚިދުމަތަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ދުނިޔޭގެ ފެންވަރުގައި ދެމުންދާ ޚިދުމަތެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، ފަސް އަހަރު ވެގެންދިޔައިރު ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ އެދެވޭ މަސައްކަތެއް އެމްޑީޕީގެ ސަރުކާރަށް ކުރެވިފައި ނުވާ ކަމަށެވެ. "އިޔާދަކުރަނިވި ހަކަތައެއް ނުވަތަ ދުވަހުން ދުވަހަށް ކުނި މެނޭޖްކުރުމެއް، އައިސް ޕްލާންޓެއް، ކުނި ނައްތާލާ މެޝިންތަކެއް ކިޔާފައި އޮޅުވާލައިގެން، ދުނިޔޭގެ އެކި ގައުމުތަކަށް ސަލާންޖަހައިގެން އެތައް ފައިސާއެއް ގެނައި ކަމަށް ބުނާއިރު، އޭގެން ރައްޔިތުންނަށް ވީ ފައިދާއެއް ކޮބައިތޯ؟" ޝާހިދު ސުވާލު އުފެއްދެވިއެވެ. ޝާހިދު ވިދާޅުވީ މި ސަރުކާރުގެ މަގްސަދަކީ، އަދި އަމާޒަކީ، ދިވެހިރާއްޖެއަކީ ކުނި އެއްކޮށް ނައްތާލެވިފައިވާ ތިމާވެށްޓާ ރައްޓެހި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވަރަށް ހިތްފަސޭހަ، ހިތްގައިމު، އަމާންއޮމާން ރީތި، ސާފު މޫދަކާ އެއްކޮށް، ހިތްހަމަޖެހިލައިގެން ދުވަސްތައް ހޭދަކުރެވޭނެ އުފާވެރި ދުވަސްތަކެއް ހޯދައިދިނުންކަމަށެވެ. މީގެ އިތުރުން، މާލޭގެ ކުނި އުކާލުމުގައި ކުރިން ދިމާވި ދަތިތަކާއި، ދުމުގެ ސަބަބުން ސްކޫލް ކުދިންނަށް ކުރިމަތިވި ސިއްޙީ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުނި މެނޭޖުކުރުމުގެ މަސައްކަތް ޒަމާނީ ފެންވަރަށް ބަދަލުކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުނި ނެގުމުގެ އިންތިޒާމުތައް ޑިޖިޓަލްކޮށް، އިތުރަށް ހަރުދަނާ ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އިގްތިސާދީ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ޑޮލަރުގެ ތަދިކަމާއި އިގްތިސާދީ ގޮންޖެހުންތަކަކީ ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމާއި، ލޯނުތައް ނަގައިގެން ކަންކަން ކުރި ގޮތުން ދިމާވެފައިވާ ކަންކަން ކަމަށެވެ. ޝާހިދު ވިދާޅުވީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތަދާއި އިގްތިސާދީ ދަތިތަކަކީ ކުރީ ސަރުކާރުގެ ސިޔާސަތުތަކުގެ ނަތީޖާ ކަމަށާއި، އެކަން އޮޅުވައިލުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ރައްޔިތުންނަށް އެކަން ސާފުވާނެ ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން އެމްޑީޕީން ވެރިކަން ކުރިއިރުވެސް ގައުމު ދަރުވާލާފައިވާ ކަމަށް ޝާހިދު ވަނީ ތުހުމަތުކުރައްވާފައިއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވެފައިވާ ވަޢުދުތަކާ އެއްގޮތަށް ޑޮލަރުގެ މައްސަލައަށްވެސް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ