ބެންގްކޮކްގެ ރައްޔިތުން އެރަށް ދޫކޮށް ރައްކާތެރި ހިސާބުތަކަށްދަނީ

ބެންގކޮކް (އޮކްޓޯބަރ 28): ވިއްސާރައިގެ ސަބަބުން ބެންގކޮކްގައި ފެންބޮޑުވެ ދިރިއުޅެން ދަތިވާހިސާބަށް ދިޔުމުން ބެންގކޮކްގެ ރައްޔިތުން އެރަށުން ފައިބަން ފަށައިފިއެވެ.
ރޮއިޓާސް ބުނާގޮތުން 12 މިލިޔަން މީހުން ދިރިއުޅެމުންގެންދާ ބެންގކޮކްގެ ރައްޔިތުންގެ ތެރެއިން އެތަށް ލައްކަބަޔަކު ގެންދަނީ ފެންބޮޑުވެފައިވާ އެމީހުންގެ ގެދޮރާއި ފިހާރަތަކާއި އެނޫންވެސް ތަންތަން ދޫކުރުމަށްފަހު ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަމުންނެވެ. ފާއިތުވެދިޔަ ތިންމަހު ތައިލެންޑަށް ކުރަމުންދިޔަ ގަދަ ވިއްސާރައިގާ ބޮޑުވެފައިވާ ފެންގަނޑު ވެރިރަށް ބެންގކޮކްގެ ބޮޑުބައެއްގައި މިހާރު ވަނީ ފެތުރި ދިރިނޫޅެވޭ ހިސާބަށް ކަންތައް ގޮސްފައެވެ. މީގެތެރޭގައި ވިޔަފާރީގެ ބޮޑެތި ބައެއް މަރުކަޒުތައްހުރި ބެންގކޮކްގެ މެދުތެރޭގެ ހުރިހާ ސަރަޙައްދުތަކެއްވެސް ހިމެނެއެވެ. ފެންބޮޑުވެފައިވާ ބެންގކޮކްގެ ސަރަޙައްދުތަކުން މިހާރު ފެންނަނީ ހިތްދަތިކަމާއި ފަޅުކަން ކަމަށް މުރާސިލުން ބުނެއެވެ.
ތައިލެންޑްގެ ބިމުގެބޮޑުބައެއް ފެނުގެ އަޑިގައިވާއިރު ފެނުންސަލާމަތްވުމަށް ބަސްތަކުގައާއި ކާރުތަކުގައި މީހުން ދަތުރުކުރަމުން ގެންދަނީ އެޤައުމުގެ އުސްސަރަޙައްދުތަކަށެވެ. ފެންބޮޑުވުމުގެ ސަަބަބުން ބެންގކޮކްގައި ބިރުވެރިކަން އުފެދި ވިޔަފާރިއަށާއި އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާއިރު ބެންގކޮކްގައާއި އިތުރު 20 ޕްރޮވިންސެއްގައިވަނީ 5 ދުވަސްވަންދެން ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލްތައްވެސް ބަންދުކޮށްފައެވެ. ބެންގްކޮކްގައި ފެންބޮޑުވެ އިންސާނީ ކާރިޘާއަކަށް މިކަން ބަދަލުވަމުންދާތީ ތައިބޮޑުވަޒީރާ ޔަންގްލިކް ޝިނަވަޓްރާ ވަނީ ފެނުންސަލާމަތްވުމަށްޓަކައި "ތަބީޢީބާރުތަކާ ދެކޮޅަށް" ހަނގުރާމަކުރަން ޖެހިފައިވާ ކަމަށާ ނަމަވެސް މިހަނގުރާމައިގާ އިންސާނުން ވަރަށް ބަލިކަށިކަމަށް ވިދާޅުވެފައެވެ.
ބެންގކޮކްގައި ބޮޑުވެފައިވާ ފެންގަނޑު ކަނޑަށް ބޭރުކުރުމުގެ ކަންތައް ކިތަންމެ ވަރަކަށް ކުރަމުން ގެންދިޔަނަމަވެސް ދިގުލީ ވިއްސާރައިގެ ސަބަބުން ތައިލެންޑްގެ އުތުރުގެ އުސް ސަރަޙައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު އެތަށް ސަތޭކަ ކިލޯމީޓަރެއް ހުރަސްކޮށް ތިރި ސަރަޙައްދެއް ކަމަށްވާ ބެންގކޮކަށް ބާރުމިނެއްގައި އަންނަމުންދާތީއާއި ކޯރުތަކާއި ފެންރައްކާކުރާ ޑޭމްތައްވެސް ފުރި ބަންޑުން ވުމުގެ ސަބަބުން މިމަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް ޔަންގްލިކް ވިދާޅުވިއެވެ.
ބޭންގކޮކްގެ މެދުތެރެއާއި ވިޔަފާރީގެ ބޮޑެތި މަރުކަޒުތަކާއި ބޮޑެތި ހޮޓާތަކާއި ބޭންކްތަކާއި މާލީ އަދި މުނިފޫހިފިލުވުމުގެ މުއައްސަސާތަކުގެ ތެރެއަށްވެސް ފެންވަންނަމުންދާތީ އެތަންތަނުގެ ފެންގަނޑު މައްޗަށް އެރިޔަ ނުދިނުމަށްޓަކައި ކޮންމެ ދުވަހަކު 8 ބިލިޔަން ކޮޑި މީޓަރުގެ ފެން، ޕަންޕްތަކާއި ހޮޅިތައް ބޭނުންކޮށްގެން ކަނޑަށް ބޭރުކުރަމުން ގެންދިޔަނަމަވެސް އެތަށް ދުވަހެއްފަހުންނޫނީ ފެންގަނޑު ކޮންޓްރޯލްވުމުގެ އުންމީދުނެތްކަމަށް ތައި މަސްއޫލުވެރިން ވިދާޅުވެއެވެ. ފެންބޮޑުވުމުގެ ސަބަބުން ތައިލެންޑްގެ އާންމު ޙާލަތު އާދަޔާ ޚިލާފަށް ގޯސްވެފައިވާތީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަކުން ގެންދަނީ ބެންގކޮކްއަށް ނުދިޔުމަށް އެޤައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސްކުރަމުންނެވެ. މިކަމުގެ ސަބަބުން ތައި ޓޫރިޒަމް ސެކްޓަރަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެންފަށާފައިވާ ކަމަށް އެޤައުމުން ބުނެއެވެ.
ތައިލެންޑަށް ކުރަމުން ގެންދާ ވިއްސާރާގައި މިހާތަނަށް 400 އެއްހާމީހުން މަރުވެ އެތަށް ސަތޭކަބަޔަކު ގެއްލި އެތަށްހާސްބަޔަކު ޒަޚަމްވެފައިވާ ކަމަށާއި ލިބިފައިވާ ގެއްލުންތައް އެތަށް ބިލިޔަން ޑޮލަރަކުން ގުނާލެވޭކަމަށް އެޤައުމުން ބުނެއެވެ. (ރޮއިޓާސް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ