60 ދުވަހުގެ ތެރޭގައި ހައްލުކުރަން ބުނި ކަރަންޓުގެ މައްސަލައަށް ހައްލެއް ނެތް!

ށ. ފީވަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ 60 ދުވަހުގެ ތެރޭގައި ހައްލު ވާނެ ކަމަށް ފެނަކައިން ކުރިން ޔަގީންކަން ދިން ނަމަވެސް އެކަން ހައްލު ނުވާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފީވަކު ކައުންސިލްގެ ރައީސް ހަސަން ސުޖާއު ސީއެންއެމް އަށް ވިދާޅުވީ ކަރަންޓު މައްސަލަ 60 ދުވަސް ތެރޭ ހައްލު ވާނެ ކަމުގެ ޔަގީންކަން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ކުރިން ދެއްވި ކަމަށެވެ.
އެކަމަކު އެހެން ވިދާޅުވި ފަހުން މިހާރު ހަމަސް ވެދާނެ ކަމަށާއި އަދިވެސް ކަރަންޓުގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ސުޖާއު ވިދާޅުވި އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރަށް މިހާރު ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ، ސުޖާއު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ސީއެންއެމް އިން ވެސް ސައީދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ ރޭ އެރަށުގެ ގިނަ ބަޔަކު ވަނީ އިންޖީނުގެ ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފައެވެ. އެ މައްސަލައިގެ ސަބަބުން ބައެއް ސާމާނަށް ވެސް ގެއްލުންވާ ކަމަށް އެރަށު މީހުން ބުނެ އެވެ.
އާބާދީގައި 1،125 މީހުން ދިރިއުޅޭ ފީވަކަށް ކަރަންޓު ފޯރުކޮށްދެމުން ދަނީ ތިން ޖަނަރޭޓަރުންނެވެ. އެއީ 128 ކިލޯވޮޓުގެ ދެ ޖަނަރޭޓަރާއި 166 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އެކަމަކު އެ ތިނެތިން ވެސް ކަރަންޓު ހިފެހެއްޓޭ ވަރެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ