ބްރައިޓް ޗެލެންޖް ކަޕް 2019: ސެމީގެ ޖާގަތައް ޔަގީންވެއްޖެ، ކުޅުން މިއަދު ހަވީރު

އއ. ތޮއްޑޫގައި މިހާރު ކުރިއަށްދާ ބްރައިޓް ޗެލެންޖު ކަޕުގެ ކުއާޓާ ފައިނަލުގެ މެޗުތައް އިއްޔެ ކުޅުނު އިރު މިއަހަރުގެ ސެމީ ފައިނަލުގައި ބައްދަލު ކުރާނެ ޓީމުތައް ކަށަވަރު ވެއްޖެ އެވެ. އިއްޔެ ހަވީރު ތޮއްޑޫގެ އުތުރު އަވަށު ދަގަބާ އެރީނާގައި ފޯރިގަދަ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅުނު އިރު، މިއަދު ކުޅޭ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރު ކުރީ އެންމެ ފަހުގެ ޗެމްޕިއަން ޔަންގްސްޓަރސް އާއި ރަނަރަޕް ހެލޯބޭބީ އަދި އެފްސީ ލެޖެންޑްގެ އިތުރުން ޔުނިކް އެފްސީއެވެ. މުބާރާތުގައި ބައިވެރިވި 12 ޓީމެއް ހަތަރު ގުރޫޕަކަށް ބަހައިލައިގެން ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅުނު އިރު ކުއާޓާ ފައިނަލަށް ދަތުރު ކުރީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމެވެ. އެގޮތުން ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކުރީ ބާގީއާއި ޔަންގްސްޓާރސް އެވެ. ޔަންގް ސްޓާސް އިން އެ މެޗު ކާމިޔާބު ކުރީ 0-3ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެ ޓީމަށް ގޯލުތައް ޖަހައިދިނީ އަހުމަދު އައިހަމްއާއި އަހުމަދު ޝަމީމްގެ އިތުރުން މުހައްމަދު ޝައްމާސް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަހުމަދު އައިހަމް އެވެ. ތޮއްޑޫގައި މިހާރު ކުރިއަށްދާ ބްރައިޓް ކަޕުގައި އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުމަދު އައިހަމް އަށް ޓްރޮފީ ހަވާލު ކުރަނީ --- ފޮޓޯ/ ބްރައިޓް އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ މެޗު ވާދަވެރި ކުޅުމަކަށް ފަހު ޔުނިކް އެފްސީއިން ކުލަބް ލަޔަންސްގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ތަފާތަކަށް ވެގެން ދިޔައީ ޔުނިކް އެފްސީގެ ހުސައިން ލަތީފުގެ ގޯލެވެ. އޭނާ ވަނީ އެ މެޗުގައި ތަފާތު ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗު ރޭ ކުޅުނު އިރު އެ މެޗުގައި ބައްދަލު ކުރި ވައި މެކްސްއާއި ލެޖެންޑް ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 އިން އެއްވަރު ވެފަ އެވެ. އެ މެޗު ޕެނަލްޓީއިން ކާމިޔާބު ކުރީ ލެޖެންޑެވެ. ލެޖެންޑުން ޕެނަލްޓީ ކާމިޔާބު ކުރީ 7-6ގެ ނަތީޖާ އަކުންނެވެ. ރޭ ކުޅުނު ކުއާޓާގެ ފަހު މެޗުގައި ވޭތުވެ ދިޔަ އަހަރުގެ ރަނަރަޕް ހެލޯ ބޭބީއިން ޓީމު އޮޅުވާލި ބަލި ކުރީ 0-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޖެހި ހަމަ އެކަނި ގޯލު ހެލޯ ބޭބީއަށް ޖަހައިދިނީ އެ ޓީމުގެ ފޯވާޑް އިބްރާހިމް ރަޝީދު އެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ކުޅުން މިއަދު ފެށޭ އިރު ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޔަންގްސްޓާރސްއާއި ޔުނިކް އެފްސީ އެވެ. މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ހެލޯ ބޭބީއާއި އެފްސީ ލެޖެންޑް އެވެ. ބްރައިޓް ޗެލެންޖް ކަޕަކީ ތޮއްޑޫގެ ޒުވާނުންނަށް ހާއްސަ ކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާ އެކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ