ފިލްމު 'ކާލާ ހިރާން' 8000 ސިނަމާގައި ދައްކާނެ: ޕްރޮޑިއުސަރު
އިންޑިއާގެ އެކްޓަރު ސަލްމާން ޚާންއަށް ދިމާވި މައްސަލައެއްގެ މައްޗަށް ބިނާކޮށް އުފައްދާކަމުގެ ތުހުމަތު ކުރެވިފައިވާ ފިލްމު "ކާލާ ހިރާން: ދަ ބެޓްލް ފޯ ލެގަސީ"ގެ މައްސަލައިގެ އަޑުއެހުން ފަސްކުރުމާ ގުޅިގެން، 8000 ސިނަމާގައި ފިލްމު އަޅުވާނެ ކަމަށް ޕްރޮޑިއުސަރު އަމިތު ޖާނީ ބުނެފިއެވެ. މި ފިލްމާ ގުޅޭ ޤާނޫނީ ހައިޖާނު އިތުރަށް ގޯސްވެފައިވާއިރު، މި ފިލްމު ރިލީޒްކުރުން ހުއްޓުވުމަށް އެދި އެކްޓަރު ސަލްމާން ޚާން ހުށަހެޅި މައްސަލައިގެ އަޑުއެހުން ދިއްލީ ހައިކޯޓުން ވަނީ ޖުލައި މަހުގެ ހަ ވަނަ ދުވަހަށް ފަސްކޮށްފައެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފިލްމު ދެއްކުން ހުއްޓުވުމުގެ އެއްވެސް ވަގުތީ އަމުރެއް ކޯޓުން ނެރެފައި ނުވާތީ، ފިލްމުގެ ޕްރޮޑިއުސަރު އަމިތު ޖާނީ ވަނީ ސޯޝަލް މީޑިއާގައި އެކަމަށް ރައްދު ދީފައެވެ. ސަލްމާން ޚާން ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މި ފިލްމުގެ ސަބަބުން އެކްޓަރުގެ އަމިއްލަ ޝަޚްސިއްޔަތުގެ ހައްގުތަކަށް އުނިކަން އަންނަ ކަމަށް ބުނެއެވެ. ސަލްމާންގެ ގާނޫނީ ވަކީލުން ފާހަގަކޮށްފައިވާ ގޮތުގައި، ފިލްމުގެ އިޝްތިހާރުތަކުގައި އެކްޓަރާ ވައްތަރު މީހަކު ބޭނުންކުރުމާއި، ސަލްމާން އަޅާ މަޝްހޫރު ނޫކުލައިގެ ބްރޭސްލެޓް ބޭނުންކުރުމުގެ އިތުރުން، 1998 ވަނަ އަހަރުގެ 'ބްލެކްބަކް' ޝިކާރުކުރި މައްސަލައާއި، ގޭންގްސްޓަ ލޯރެންސް ބިޝްނޯއީއާ އޭނާއާ ދެމެދު އޮތް ކަމަށް ބުނާ ދެބަސްވުންތަކަށް ފިލްމުގައި ސީދާ ގޮތެއްގައި އިޝާރާތްކޮށްފައިވެއެވެ. ފިލްމު "ކާލާ ހިރާން"ގެ މަންޒަރެއްގައި އެ ފިލްމުގެ ލީޑް އެކްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ ކޯޓު އަޑުއެހުމަށްފަހު އެކްސް މެދުވެރިކޮށް ކުރި ޕޯސްޓުގައި އަމިތު ޖާނީ ބުނީ، ސަލްމާނަށް ކޯޓުން އެއްވެސް ލުޔެއް ލިބިފައިނުވާ ކަމަށެވެ. "މިއަދުވެސް ދިއްލީ ހައިކޯޓުން ސަލްމާނަށް ކާމިޔާބީއެއް ނުލިބުނު، ފިލްމު ދެއްކުން މަނައެއް ނުކުރި، އަދި މައްސަލަ ވަނީ މި މަހުގެ ހަވަނަ ދުވަހަށް ފަސްކޮށްފައި. ކޯޓުގެ ކުރިމަތީގައި ތަރިންނެއް، މަޝްހޫރުކަމެއް ނޯންނާނެ ކަމަށް އަހަރެން ކުރިންވެސް ބުނިން. ބޮލީވުޑްގެ ބަައްޕައޭ އަމިއްލައަށް ކިޔަސް، މި ފިލްމު ހުއްޓުވައެއް ނުލެވޭނެ. މުޅި ދުނިޔޭގެ 8000 ސިނަމާއެއްގައި މި ފިލްމު ދައްކާނަން" އަމިތު ބުނެފައިވެއެވެ. މި މައްސަލައިގެ އަޑުއެހުމުގެ ތެރޭގައި އަމިތު ޖާނީގެ ވަކީލު މައުލޫމާތު ދެއްވި ގޮތުގައި، "ކާލާ ހިރާން" އަދި ސެންސަރު ބޯޑަށް ހުށަހަޅާފައެއް ނުވެއެވެ. ފިލްމު ރިލީޒްކުރަން އުޅޭތޯ ކޯޓުން ސުވާލުކުރުމުން ވަކީލު ވިދާޅުވީ، އަދި ރިލީޒްކުރާނެ ވަކި ތާރީޚެއް ކަނޑަނާޅާކަމަށެވެ. އަދި ސެންސަރު ބޯޑުގެ ހުއްދަ ނެތި ފިލްމު ދެއްކުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކުރިއަށް އޮތް އަޑުއެހުމުގެ ކުރިން ސެންސަރު ބޯޑަށް ފިލްމު ހުށަނާޅާނެ ކަމުގެ ޔަގީންކަން ވެސް ވަކީލު ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ