ވަމުންދާ ކަންކަން ނުވާ ކަމަކަށް ހެދުމަކީ ހައްލެއް ނޫން: ނަޝީދު

ރާއްޖޭގައި މާރާމާރީ އިތުރުވެ މީހުންގެ ފުރާނައަށާއި މުދަލައް ހަމަލާދިނުން އިތުރުވެފައިވާއިރު އެކަންތައްތަކަކީ ނުވާ ކަންތައްތައް ކަމުގައި ވިދާޅުވެ އެކަމުން ރެކިވަޑައިގަތުމަކީ ހައްލެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މާފުށީގެ ގެސްޓް ހައުސް ވިޔަފާރި ބައްލަވާލެއްވުމަށް އެ ރަށަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ އާންމު ދިރިއުޅުމަށް އެންމެ މުހިއްމު ކަމަކީ ހަށިފުރާނަ އާއި މުދަލުގެ ރައްކާތެރިކަން ކަމަށެވެ. އަދި ކޮންމެ ދުވަހަކު މުޖުތަމައުގައި އާންމުވެފައިވާ ހަމަނުޖެހުންތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ހަމަލާތައް އިތުރުވަމުންދާއިރު، އެކަންކަމަށް ފިޔަވަޅު އަޅަންޖެހޭ. ހޯމް މިނިސްޓަރާއި ފުލުހުންގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ޑިފެންސް މިނިސްޓަރު ވެސް އެކަންތައްތަކަކީ ނުވާ ކަންތައްތައް ކަމަށް ވިދާޅުވެ، ވާކަންތައްތައް ނުވާ ކަންތައް ކަމުގައި ވިދާޅުވެ ރެކިވަޑައިގަތުމުން ހައްލެއް ނުހޯދޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގެސްޓް ހައުސް ސިޔާސަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގެސްޓް ހައުސް ހެދުމަށް ރަށްރަށުގައި ހުރި ބިންތައް ހޯމް މިނިސްޓްރީން ހިފަހައްޓާފައިވުން ކަމަށެވެ. އަދި އެ ބިންތައް ކައުންސިލްތަކަށް ދޫކޮށް އެ ބިންތަކުގައި މުއާމަލާތްކުރުމުގެ ހައްގު ގާނޫނުގައިވާ ގޮތުގެ މަތިން ފޯރުކޮށްދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ އުފެދިފައި އޮންނަ ގޮތުން ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅާލަދޭންޖެހޭ ކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ މި ސަރުކާރުން ދަތުރުފަތުރުގެ ނިޒާމެއް ހަރުދާ ކުރުމަށް މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ.
"ބޭރުގެ އިންވެސްޓަރުންނަށް އެތެރޭގެ އުދުހުންތައް ދޫކޮށްލީމަ އަޅުނގަޑަށް ޔަގީން އެއާ ލަންކާއިން ވެސް މާލެއިން ގަމަށް، ގަމުން ސިލޯނަށް ފްލައިޓްތައް ހަމަޖައްސާނެ،" ނަޝީދު ވިދާޅުވި އެވެ.
މާފުށީގެ ގެސްޓް ހައުސް ވިޔަފާރީގެ ކަންތައްތައް ބައްލަވާލެއްވުމަށް އެރަށަށް ނަޝީދު ކުރައްވާ ދަތުރުފުޅުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުން ބައިވެރިވެ އެވެ. އެއް ދުވަހުގެ ދަތުރުގެ ތެރެއިން މިރޭ ހާއްސަ ޖަލްސާއެއް މާފުށީގައި ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ