ދިވެހިން ބޭނުންވަނީ މިދުވަސް އެހެން ދުވަހަކަށް ބަދަލުކޮށް، ގައުމުގެ މިސްރާބު ރަގަނޅު މިސްރާބަކަށް ބަދަލުކުރަން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރްޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓްގައި ހުވަދު އަތޮޅަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމުގެ ގޮތުން، ގއ. ވިލިގިނޔަށް އިއްޔެ ވަޑައިގެން، އެ ރަށުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޒައީމް މައުމޫން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އެ ޕާޓީން މަސައްކަތް ކުރަނީ ރާއްޖެ އަށް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިއެރުން ހޯދައިދީ އާއުސްމިންތަކަށް ގައުމު ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް ރައްޔިތުން މިއަދު އުޅެމުންދާ ބިކަ ހާލުން އަރައިގަތުމަށްޓަކައި ގައުމުގެ މިސްރާބު ރަގަނޅު މިސްރާބަކަށް ބަދަލު ކުރަން ރައްޔިތުން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ މިދުވަސް އެހެން ދުވަހަކަށް ބަދަލުކޮށްލަން. އަޅުގަނޑުމެން ބޭނުންވަނީ ގައުމުގެ މިސްރާބު ރަގަނޅު މިސްރާބަކަށް ބަދަލުކޮށްލަން. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް މިގަމުގެ ކަންތައްތައް ކުރިއަށް ގެންދަން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރެއް ހިންގުމުގެ ތަޖުރިބާ މިހާރު ސަރުކާރުގައި ތިބި ބަޔަކަށް ނޭނގޭ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުނަށް ހިތްދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެކަންތައްތަކުން އަރައިގަނެ ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިތައް ހައްލު ކުރަން އިނގޭނީ ވޭތުވެދިޔަ ތާނގައި ގައުމަށް ހިދުމަތް ކުރި ބަޔަކަށް ކަމަށެވެ.
"ވޭތުވެދި ތާނގައި ގައުމަށް ހިދުމަތް ކުރި ބަޔަކަށް އިނގޭނީ ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ދަތިތައް ހައްލު ކުރާނެ ގޮތް. އަލަށް އަންނަ ބަޔަކަށް އެކަންތަކެއް ވަރަށް ނޭނގޭނެ."
ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ވޯޓް ބައިބައިވާ ގޮތަށް ޑީއާރުޕީގެ މެންބަރުން އަމަލްކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ރައީސް މައުމޫން ވިދާޅުވީ ޑީއާރުޕީގެ ޓިކެޓްގައި ބޭފުޅަކު ދާއިރާއެއްގެ ގޮޑިއަކަށް ވާދަކުރަނިކޮށް، އަމިއްލަ ގޮތުން އެ ގޮޑިއަށް ޑީއާރުޕީގެ އިތުރު ބޭފުޅަކު ކުރިމަތިލައިގެން ނުވާނެ ކަމަށެވެ. އަދި އެގޮތަށް ޑީއާރުޕީގެ ބޭފުޅަކަށް އަމަލް ކުރެވިފައިވާ ނަމަ ވަގުތުން އެކަން ހުއްޓާލުމަށް ރައީސް މައުމުން އެދިވަޑައިގެންނެވި އެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިދެންނެވި ގޮތަށް ކަންތައް ކުރެއްވިފައި ތިއްބެވި ބޭފުޅުން އަޅުގަނޑު އެދެނީ ވަގުތުން ޑީއާރުޕީއަށް ޓަކައި ގައުމަށްޓަކައި އެކަން ހުއްޓާލުމަށް. އަދި ޑީއާރުޕީގެ ރަސްމީ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓަށް ފުރުސަތު ދިނުމަށް،"
ރައީސް މައުމޫގެ މަންމާފުޅު ހަދީއްޖާ މޫސާ ދީދީގެ ރަށް ކަމުގައިވާ ގއ. ވިލިނގިޔަށް މިއަދު އެމަނިކުފާނު ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ދެއްނެވި މަރުހަބާ އަށް ހުވަދޫ ބަހުރުވައިން ވާހަކަފުޅު ދައްކަވައި ރައީސް މައުމޫން ޝުކުރުއަދާ ކުރެއްވެވި އެވެ.
ރޭގެ ޖަލްސާގައި ޑީއާރްޕީން ވަކިކޮށްފައިވާ އެ ޕާޓީގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ޖަލްސާގައި ގއ. އަތޮޅާއި ގދ. އަތޮޅުގެ ރަށްތަކަށް ވާދަކުރައްވާ ޑީއާރުޕީގެ ކެންޑިޑޭޓުން ބައިވެރިވެ ވަޑައިގެން އެ ބޭފުޅުން ވެސް ތައާރަފްވެ ވަޑައިގަތެ އެވެ.
ދިވެހިން ބޭނުންވަނީ މިދުވަސް އެހެން ދުވަހަކަށް ބަދަލުކުރަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ