ޖާބިރުގެ ދެރިސޯޓަށް ނޭރޭނެކަމުގެ އަމުރެއް ސިވިލް ކޯޓުން ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސް މޯލްޑިވްސް އިން ހިންގާ ހއ. އަލިދޫ ރިސޯޓާއި އދ. ކުޑަރަށް ރިސޯޓު ސަރުކާރަށް ނެގުމަށް ސަރުކާރުން ކުރި މަސައްކަތް ސިވިލް ކޯޓުން ހުއްޓުވައިފިއެވެ.
އެދެރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ހަތް މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ނުދައްކައިގެން އެ ދެ ދައުލަތަށް ނެގުމަށް ނިންމުމާގުޅިގެން ކުޑަރަށް ރިސޯޓަށް އަރަން އުޅުނު ސަރުކާރުގެ ޓީމަކަށް ހުރަސް އަޅާފައިވަނިކޮށް، ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ އެ ދެ ރަށް ކުއްޔަށް ދިނުމަށް ޔޮޓް ޓުއާސް އެކުވެފައިވާ އެއްބަސްވުން އޮތްކަން އެނގޭ ހިނދު "އެއްބަސްވުން ބާތިލް ކުރި ކުރުމާއި ދެމިއޮތުމާއި ދެމެދަށް އުފައްދާ ހިލާފެއްގައި އެއްބަސްވުން ބާތިލްކުރި ގޮތް ސައްހަ ގޮތް ކަމަށް ޝަރީއަތުން ކަނޑައެޅުމުގެ ކުރީގައި އެއްބަސްވުން ބާތިލް ވެގެންވާ ކަމުގައި ބެލެވިގެން އަޅާ ފިޔަވަޅަކުން ނުކުންނަ ނަތީޖާއަކުން އިޔާދަނުކުރެވޭ ފަދަ އެއްވެސް ގެއްލުމެއް ވާ ނަމަ އެ ގެއްލުމެއް ހުއްޓުވުމުގެ މައްޗަށް ޝަރީއަތުގެ ފަރާތުން ވަގުތީ ގޮތެއްގައި ފިޔަވަޅުތައް އަޅައި ވަގުތީ އަމުރުނެރުމަކީ ޝަރީއަތުގެ ފަރާތުން ކުރަމުން އަންނަ ކަމެއް" ކަމަށެވެ.
އެދެރަށުގެ ކުލިނުދައްކައިގެން އެންމެފަހުން ނޯޓިސްދީފައިވަނީ މިދިޔަ މަހު ތެރޭގައެވެ. ދެރިސޯޓް ނެގުމަށް ނިންމާފައިވަނިކޮށް ރޭ އަލިދުއަށް ދިޔަ ޓީމަށް ހުރަސް އެޅުމާގުޅިގެން ޓޫރިޒަމް މިނިސްޓަރު ވަނީ ފުލުހުންނާއެކު އެރަށަށް އަރާނެކަމުގެ އިންޒާރު ދެއްވާފައެވެ. މިނިސްޓަރުގެ އިންޒާރު ދެއްވުމާ ގުޅިގެން މިރޭގެ ޝަރީއަތުގައި ޔޮޓް ޓުއާސްގެ ވަކީލާ އަދި ކުރީގެ ބަންޑާރަ ނާއިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވީ ދެ ފަރާތެއްގެ ދެމެދުގައި ވެފައިވާ މަދަނީ އެއްބަސްވުމެއްގައި ހިލާފްތަކެއް އުފެއްދިގެން އެ މައްސަލަ ކޯޓެއްގައި ކުރިއަށްދާ ދަނޑިވަޅެއްގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ވަކި ފަރާތެއްގެ ހައްގު ހިމާޔަތްކުރުމުގެ ގޮތުން އެއްވެސް ފަރާތަކަށް ފިޔަވަޅެއް އެޅިގެން ނުވާނެ ކަމަށް 2012 ގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކުން އެނގޭ ކަމަށެވެ. އެހުކުމް ބާތިލުނުވާ ހިނދަކު އެ ހުކުމާއެއްގޮތަށް އަމަލުކުރަންޖެހޭނެކަމަށްވެސް ދީޔާނާ މިރޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ